އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން ހުޅުމާލޭ ފޭސް އެކެއްގައި ތަރައްގީ ކުރަމުންދާ ފްލެޓްތައް ނުނިމި ލަސްވަނީ ފައިސާގެ މައްސަލަތަކެއް ހުރެގެންނޫން ކަމަށާއި ފްލެޓްތައް ނުނިމި ލަސްވަނީ ކޮވިޑްގެ ސަބަބުން މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ދިމާވި ދަތިތަކުގެ ސަބަބުން ކަމަށް އެ ފްލެޓްތައް ތަރައްގީ ކުރަމުންދާ ކުންފުނިތަކުން ބުނެފިއެވެ.

އެޗްޑީސީގެ އޮފިޝަލުންނާއި ނޫސްވެރިން އިއްޔެ ވަނީ ފްލެޓްތަކަށް ޒިޔާރަތްކޮށް ފްލެޓްތައް ތަރައްގީ ކުރާ ކުންފުނިތަކުގެ އޮފިޝަލުންނާ ބައްދަލުކޮށްފައެވެ. މި ބައްދަލުވުންތަކުގައި މިހާރު ތަރައްގީ ކުރަމުންދާ ހަތަރު ފްލެޓްގެ ކޮންޓްރެކްޓަރުންވެސް ބުނެފައިވަނީ، ފްލެޓްތައް ނުނިމި ދިގުލައިގެންދިޔަ މައިގަނޑު ސަބަބަކީ ކޮވިޑާ ގުޅިގެން ކުރިމަތިލާން ޖެހުނު ދަތިތައްކަމަށެވެ. މިގޮތުން މުދާ އެތެރެކުރުމާއި، މަސައްކަތްތެރިން ރާއްޖެ ގެނައުމުގައި ކުރިމަތިލާން ޖެހުނު ދަތިތަކަކީ މި މަޝްރޫއުތައް ނުނިމި ދިގުލައިގެންދިޔަ މައިގަނޑު ސަބަބުތައް ކަމަށް ކޮންޓްރެކްޓަރުން ބުންޏެވެ.

މިކަމާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު އާތިފް ވިދާޅުވީ ހުޅުމާލޭ ފޭސް އެކެއްގައި އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން ހަދަމުންދާ ޓަވަރުތައް ނުނިމި ލަސްވުމަކީ އެ ތަންތަނަށް ފައިސާ ދައްކާފައިވާ އާންމު ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

އެކުއަ ވިޓާ އެޕާޓްމަންޓެއްގެ އެތެރެ-- ފޮޓޯ/ސަން

"ފްލެޓްތައް ނުނިމި ލަސްވަމުންދާ މައްސަލައިގައި އާންމުންގެ ވަރަށް ބޮޑު ކަންބޮޑުވުންތަކެއް އެބަހުރި. އެހެންވެގެން ނޫސްވެރިން މިތަނަށް ގެނައީވެސް. އަޅުގަނޑުމެން އެބަޖެހޭ ރައްޔިތުންނަށް ޖަވާބުދޭން ކީއްވެގެންކަން ފްލެޓްތައް ނުނިމެނީ. ކޮވިޑްގެ ސަބަބުން މަޝްރޫއުތައް ކުރިއަށްގެންދިއުމަށް ދަތިތަކެއް ކުރިމަތިވި. އެކަން ލިޔެކިއުންތަކުން އެނގޭ. މިހާރު އަޅުގަނޑުމެން ފުރުސަތު ދީފައިވާނީ އަންނަ ޖެނުއަރީއާ ހިސާބަށް ފްލެޓްތައް ނިންމަން،" އާތިފް ވިދާޅުވިއެވެ.

އެޗްޑީސީގެ ސަބަބުން މި މަޝްރޫއު ހުއްޓެންޖެހޭ އެއްވެސް ސަބަބެއް ނޯންނާނޭ ކަމަށާއި، މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދިއުމަށް އެޗްޑީސީން ދޭންޖެހޭ ހުއްދަތައް ދެމުންދާކަމަށްވެސް އާތިފް ވިދާޅުވިއެވެ.

އައިރާ ކޮންޑޮމީނިއަމް ފްލެޓް-- ސަން ފޮޓޯ/ހައްޔާން

ހުޅުމާލޭ ކުރެދިމާ ހިނގުމުގައި އެކުއަ ވިޓާ ރެސިޑެންސް ތަރައްގީކުރާ ކުންފުނިން ބުނީ، އެތަނުގެ 96 ޕަސެންޓް މަސައްކަތް ނިމިފައިވާކަމަށެވެ. މިހާރު އެތަނުގައި ކުރިއަށްދަނީ ފިނިޝިންގެ މަސައްކަތްތަކެވެ. މި ފްލެޓްތަކުގެ މަސައްކަތް ނިންމައި އަންނަ އަހަރުގެ ޖެނުއަރީމަސް ނިމުމުގެ ކުރިން ފްލެޓްތައް ހަވާލުކުރުމަށް އެޗްޑީސީން ވަނީ އަންގާފައެވެ. އެޗްޑީސީން ވަނީ އެކުއަ ވިޓާ ރެސިޑެންސް ފްލެޓްތައް ނިންމުމަށް ހަތަރު ފަހަރެއްގެ މަތިން މުއްދަތު އިތުރުކޮށްދީފައެވެ. އެކުއަ ވިޓާ ރެސިޑެންސް ތަރައްގީކުރުމަށް ސޮއިކޮށްފައިވަނީ 2015 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 19 ވަނަ ދުވަހުއެވެ.

ބަގީޗާ ހިނގުމުގައި ހުންނަ ކޭ ޕާކް ފްލެޓްތައް ތަރައްގީކުރާ ހަންބޯ ކުންފުނިން ބުނީ އެތަނުގެ 77 ޕަސެންޓު މަސައްކަތް ނިމިފައިވާކަމަށާއި، މިހާރު ކުރިއަށްދަނީ ފިނިޝިންގެ މަސައްކަތްކަމަށެވެ. އަންނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ކުރިން ކޭ ޕާކް ފްލެޓްތަކަށް މީހުން ވަންނާނޭކަމަށް އުއްމީދުކުރާކަމަށް ހަންބޯ ކުންފުނިން ބުނެއެވެ. އެޗްޑީސީން ކޭ ޕާކު ނިންމަން ދީފައިވާ ތާރީޚަކީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށެވެ. އެޗްޑީސީން ވަނީ ކޭ ޕާކް ނިންމުމަށް ފަސް ފަހަރެއްގެ މަތިން މުއްދަތު އިތުރުކޮށްދީފައެވެ. ކޭ ޕާކް ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ.

ކޭ ޕާކް އެޕާޓްމަންޓެއްގެ ސިޓިންރޫމް-- ސަން ފޮޓޯ/ހައްޔާން

ބަގީޗާ ހިނގުމުގައި ދަ ގާޑަންސް ރެސިޑެންސް ތަރައްގީކުރާ ޖާހް އިންވެސްޓްމަންޓުން ބުނީ އެކުންފުނިން ތަރައްގީކުރާ ފްލެޓްތައް އަންނަ އަހަރުގެ ފެބުރުއަރީ މަހު މީހުންނަށް ހަވާލުކުރެވޭވަރު ވާނޭކަމަށެވެ. މިތަނުގެ 90 ޕަސެންޓް މަސައްކަތް ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ ފިނިޝިންގެ މަސައްކަތެވެ. ދަ ގާޑަންސް ފްލެޓްތައް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، 2015 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 15 ވަނަ ދުވަހުއެވެ.

އެޗްޑީސީން އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން އެންމެ އަވަހަށް ނިމޭނޭކަމަށް ބެލެވޭ ތަނަކީ ފިތުރޯނު މަގުގައި ހުންނަ އައިރާ ކޮންޑޮމީނިއަމް ފްލެޓްތަކެވެ. މިތަނުގެ 92 ޕަސެންޓް މަސައްކަތް ވަނީ ނިމިފައެވެ. އާއިރާ ކޮންޑޮމީނިއަމްގެ ކޮންޓްރެކްޓަރު މައުލޫމާތުދޭ ގޮތުގައި މިއަހަރުގެ ޑިސެމްބަރު މަހު އެތަނުގައި މީހުން ދިރިއުޅެން ފެށޭވަރުވާނެއެވެ. އެޗްޑީސީން ވަނީ މިތަނުގެ މަސައްކަތް ނިންމުމަށްވެސް ފަސް ފަހަރެއްގެ މަތިން މުއްދަތު އިތުރުކޮށްދީފައެވެ. އެޗްޑީސީން ބުނީ މިއަހަރުގެ ޑިސެމްބަރު މަސް ނިމުމުގެ ކުރިން އެތަނުގެ މަސައްކަތް ނިންމަން ޖެހޭ ކަމަށެވެ. އައިރާ ފްލެޓްތައް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2016 ވަނަ އަހަރުގެ އޮގަސްޓް މަހުގެ އެއްވަނަ ދުވަހުއެވެ.

އައިރާ ކޮންޑޮމީނިއަމް ފްލެޓްގެ އެތެރެ-- ސަން ފޮޓޯ/ހައްޔާން

މި ފްލެޓްތައް ނުނިމި ދިގުލައިގެންދާ މައްސަލައިގައި އެތަންތަނަށް ފައިސާ ދައްކާފައިވާ މީހުން މީސް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ބައެއް ތަންތަނަށް ދެއްކި ފައިސާ އަނބުރާ ހޯދުމުގައިވެސް މައްސަލަތަކެއް އުޅޭކަމަށް އެތަންތަނަށް ފައިސާ ދެއްކި މީހުން ވަނީ ބުނެފައެވެ.

މި މައްސަލަ އެންމެ ބޮޑަށް ފެންމަތިވެފައިވާ ކޭ ޕާކުން ބުނީ އެތަނުން ފްލެޓް ގަތުމަށް ފައިސާ ދައްކާފައިވާ މީހުންގެ ތެރެއިން އަނބުރާ ފައިސާ ބޭނުންވާ މީހުންނަށް ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި ފައިސާ ދޭނެކަމަށެވެ.