ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ސީއީއޯއަކަށް އިމާދު ސާލިހް އައްޔަނު ކޮށްފައިވާއިރު އަމާޒަކީ އެ އޭޖެންސީ އިސްލާހު ކުރުން ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

އެންޑީއޭއަށް އާ ސީއީއޯއެއް އައްޔަނުކޮށްފައިވާތީ އެކަން އިއުލާނު ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމާދު ވިދާޅުވީ އެ މަސައްކަތަށް އޭނާ ނުކުންނެވީ މި ގައުމުގައި އޮތް އެންމެ ބޮޑު މައްސަލައަށް ހައްލު ގެންނަން ޖެހޭކަން ގަބޫލު ކުރައްވައިގެން ކަމަށެވެ.

"އެންޑީއޭގެ މުޅި ސްޓްރަކްޗާއަށް ބޮޑެތި ބަދަލުތަކެއް ގެނެވި އެންޑީއޭގެ މިސްރާބް ހިފާފައި މިހުރީ އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް މަދު ދުވަސްތަކުގެ ތެރޭގައި اللهގެ ރަޙުމަތްފުޅުން ރަނގަޅު ނަތީޖާތަކެއް ރައްޔިތުންނާ ހިސާބަށް ގެނެސްދިނުމަށް," އިމާދު ވިދާޅުވިއެވެ.

އެންމެން ގުޅިގެން މަސައްކަތް ކޮށްފި ނަމަ ޑްރަގުގެ ވަބާއަށް އެކަށީގެންވާ ހައްލެއް ލިބޭނެ ކަމަށް އިމާދު ސާލިހް ވިދާޅުވިއެވެ.

"މުޅި ގައުމުގައި އޮތް މައްސަލައެއް ހައްލުކުރަން މިއައީ. މިކަމަކީ ހަމައެކަނި އެންޑީއޭގެ އެކަނި މަސްއޫލިއްޔަތެއް ނުވަތަ ޒިންމާއަކަށްވުރެ ބޮޑަށް އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމެއް," އިމާދު ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި އެންޑީއޭގެ ޗެއާމަން އަދި ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝަމާއު ޝަރީފް ވިދާޅުވީ, އެ އެޖެންސީއަށް ސީއީއޯ އަކު އައްޔަނު ކޮށްފައި މިވަނީ ދެފަހަރެއްގެ މަތިން އިއުލާނު ކުރުމަށްފަހު ކުރިމަތިލެއްވި ބޭފުޅުންގެ މެދުގައި އިންޓަވިއު ކޮށްގެން ކަމަށެވެ.

ފުރަތަމަ ފަހަރު އިއުލާނު ކުރުމުން އެކަށީގެންވާ ތަރުހީބެއް ނުލިބުމުން ފަހުން ވަނީ އެންޑީއޭގެ ސީއީއޯގެ މުސާރަ އާއި އިނާޔަތްތައް ބޮޑު ކޮށްފައެވެ. އިމާދު ސާލިހު އެ މަގާމަށް އައްޔަނު ކޮށްފައިވަނީ ކުރިމަތިލެއްވި 12 ބޭފުޅުންގެ އެސެސްމެންޓެއް ހެދުމަށްފަހު ކަމަށް ޝަމާއު ވިދާޅުވިއެވެ.