20 Oct 2022, 17:21
ދެވަނަ ދައުރެއް ލިބިއްޖެ ނަމަ، އަސާސީ ބޭނުންތައް ފުއްދައިދޭނެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިތުރަށް ވެވަޑައިގަންނަވަން ޖެހޭ އެއްވެސް ވައުދެއް ނޯންނާނެ ކަމަށާއި އެކަންކަން މި ސަރުކާރުން ކޮށްދެމުންދާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިއުވާން ވިދާޅުވީ ރައީސް ޔާމީނަކީ ވެރިކަން ކުރެއްވިއިރު ވެސް ރާއްޖެތެރޭ ރަށްރަށުގެ އަސާސީ ކަންކަން ފުރިހަމަ ކޮށްދެއްވުމަށް އިސްކަން ދެއްވި ބޭފުޅެއް ނޫން ކަމަށެވެ.
މިއުވާން އެހެން ވިދާޅުވީ، ހއ. އަތޮޅުގެ ފަސް ރަށަކަށް މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ތިން ދުވަހަށް ރައީސް ޔާމީން ކުރެއްވި ދަތުރުފުޅުގައި އިހަވަންދޫގައި ބޭއްވި ޖަލްސާގައި، އެ ރަށުގެ މަސްވެރިންނަށް އެ ރަށުން ޑީސަލް އާއި އައިސް ލިބޭނެ ގޮތް ޕީޕީއެމްގެ ސަރުކާރުގައި ހަދައިދޭނެ ކަމަށާއި އެ ރަށުގެ ބަނދަރު ރަނގަޅު ފެންވަރަކަށް ތަރައްގީކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވުމުންނެވެ.
އެކަމަށް ރައްދު ދެއްވައި މިއުވާން ވިދާޅުވީ ރައީސް ޔާމީން އެހެން ވިދާޅުވި ނަމަވެސް އެއީ މި ސަރުކާރުން މިހާރު ކޮށް ނިންމާފައިވާ މަސައްކަތްތައް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ސަރުކާރުން ރަށްރަށުގައި ހިންގަމުން އަންނަ ތަރައްގީގެ މަޝްރޫއުތަކާއެކު ދެން އަންނަ ދައުރަކަށް، ރައީސް ޔާމީން ވާން ޖެހޭ އަސާސީ ޚިދުމަތްތަކުގެ އެއްވެސް ވައުދެއް ނޯންނާނެއެވެ.
"އިހަވަންދޫގައި އައިސް ޕްލާންޓެއް ހުރި ކަމާއި އެ ރަށުގެ ބަނދަރު ހަދާ ނިމިފައި އޮތްކަން ރައީސް ޔާމީނަށް އެނގިވަޑައިނުގަތީ، އެ މަނިކުފާނަކީ އެއްވެސް އިރެއްގައި ރަށްރަށުގެ ތަރައްގީގެ ކަންކަމަށް އިސްކަންދެއްވި ބޭފުޅަކަށް ނުވާތީ،" މިއުވާން ވިދާޅުވިއެވެ.
މިއުވާން ވިދާޅުވީ ރަށްރަށުގެ ރައްޔިތުންނަށް ލިބެން ޖެހޭ އަސާސީ ޚިދުމަތްތައް މި ފަސް އަހަރު ނިމިގެންދާއިރު، ހުންނާނީ ގާއިމްކުރެވިފައި ކަމަށެވެ.
މީގެ އިތުރުން ރަށްރަށުގައި ފެނާއި ނަރުދަމާ އާއި ބަނދަރު ގާއިމްކޮށް އަދި ބޭނުންވާ އަސާސީ ބޭސްފަރުވާގެ ޚިދުމަތް ފޯރުކޮށްދެއްވާނެ ކަމަށް ވެސް ރައީސް ޔާމީން މިހާރު ވައުދުވެވަޑައިގަންނަވަން ނުޖެހޭނެ ކަމަށް މިއުވާން ވިދާޅުވިއެވެ.
އަސާސީ ޚިދުމަތްތައް ހުރިހާ ރައްޔިތުންނަށް ލިބޭނެ ގޮތް ހެދުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދެކެވެ.