20 Oct 2022, 16:20
ކުޅިވަރުގެ އެންމެ ބޮޑު ހަރަކާތްކަމުގައިވާ ވޯލްޑް ކަޕް ފެށެން ބަރާބަރު މަހަކަށް ވީއެވެ. މުޅި ދުނިޔެ އޮތީ ގަތަރުން އެ މުބާރާތަށް ވަމުން އަންނަ ތައްޔާރީތަކުގެ ސަބަބުން އަނގައިން ކުޅު ހިކިފައެވެ.
މީގެ ކުރިން ދުވަހަކު ވެސް ކުޅިވަރު މުބާރާތަކަށް ގައުމަކުން ތައްޔާރު ނުވާ މިންވަރަށް ގަތަރުން މި އަހަރުގެ ވޯލްޑްކަޕަށް ވަނީ ތައްޔާރުވެފައެވެ.
މި އަހަރުގެ ވޯލްޑް ކަޕް ބާއްވާނޭ ގައުމެއް ކަނޑައެޅުމަށް ޓަކައި ބިޑު ކުރުމުގެ މަރުހަލާތައް ގެންދެވުނީ 2009 ވަނަ އަހަރުއެވެ. އެ އަހަރުގެ ޖަނަވަރީ އަދި ފެބުރުވަރީ މަހުގެ ތެރޭގައި 11 ޤައުމަކުން ބިޑު ތައްޔާރުކޮށް ފީފާއަށް ހުށައެޅިއެވެ.
ގަތަރާ އެކު މި އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް ޓަކައި ވާދަ ކުރީ ޖުމުލަ ފަސް ގައުމަކުންނެވެ. އެއީ އޮސްޓްރޭލިޔާ، ޖަޕާން، ދެކުނު ކޮރެޔާ، އަދި އެމެރިކާއެވެ.
އެ ގައުމުތަކާ ވާދަކޮށް ގަތަރުން ބިޑް ކާމިޔާބުކޮށް އެ ގައުމުން ބޭނުންވީ އެ ގައުމުގައި ބޭއްވޭ ވޯލްޑް ކަޕަކީ ތަފާތު އަދި އެ ގައުމަށް ނަފާކުރެވެނިވި ވޯލްޑުކަޕަކަށް ހަދާށެވެ. އެ ވޯލްޑުކަޕަށް އެ ގައުމުން ވަނީ ބޮޑު ހޭދައެއް ކޮށްފައެވެ.

ގަތަރަށް މުބާރަތް ބޭއްވުމަށް ހަވާލުކުރަނީ --- ފޮޓޯ/ ބްލީޗާ ރިޕޯޓް
ވޯލްޑުކަޕަށް ބޮޑު ހަރަދެއް
ގަތަރު 2022 އަށް ތައްޔާރު ވުމަށް ޓަކައި ގަތަރުރުން ވަނީ ވަރަށް ބޮޑު ޚަރަދެއް ކޮށް، ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ހަމައެކަނި ޚަރަދަށް ބަލާ އިރު ވެސް، ޤަޠަރުން ވަނީ ގާތްގަނޑަކަށް 220 ބިލިއަން ޑޮލަރު މުބާރާތާ ގުޅޭ އެކި ކަންކަމަށް ޚަރަދު ކޮށްފައެވެ.
މިއީ އިންފްލޭޝަނަށް ނުބަލައި، ހަމައެކަނި އަދަދުތައް އަޅާކިޔަންޏާ، މީގެ ކުރީން ބޭއްވުނު 21 ވޯލްޑް ކަޕަށް ކުރެވުނު ހަރަދުގެ މުޅި ޖުމުލައަށް ވުރެ ވެސް ބޮޑު އަދަދެކެވެ.
މެދުއިރުމަތީގެ ގައުމެއްގައި ބާއްވާ ފުރަތަމަ ވޯލްޑްކަޕް މުބާރާތުގެ ގޮތުގައި ގަތަރުގައި ވޯލްޑް ކަޕް ބޭއްވުމުގެ ހުށަހެޅުން އައުމާ އެކު އުފެދުނު ސުވާލަކީ އެހާ ހޫނު ގަދަ ގައުމެއްގައި ޔޫރަޕުގެ ގައުމުތަކުން މެޗު ކުޅޭނީ ކިހެނެތްތޯއެވެ.
ގަތަރުގެ މޫސުން ހުންނަ ގޮތުން، މޭ މަހުން ފެށިގެން ގޮސް އޮކްޓޯބަރާ ހަމަޔަށް، އެ ގައުމުގެ ފިނިހޫނުމިން ހުންނަނީ 39 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތީގައެވެ. ޖޫން މަހާއި ޖުލައި މަހުގެ އެވްރެޖު ފިނިހޫނުމިނަކީ 42 ޑިގްރީ ސެލްސިއަސްއެވެ. މިއީ ފުޓުބޯޅަ ކުޅެވޭ ވަރަށް ވުރެ މާ ގަދަ ހޫނެކެވެ.

މިފަހަރު ވޯލްޑް ކަޕް ކުޅޭ ސްޓޭޑިއަމްތައް --- ފޮޓޯ/ އާކް ޑެއިލީ
އެ ގައުމުން ވޯލްޑްކަޕަށް ހާއްސަކޮށްގެން އަށް ސްޓޭޑިއަމެއް އެޅިއިރު އެ ސްޓޭޑިއަމްތަކުގައި ވެސް ފިނި ކުރުމުގެ ނިޒާމު ވަނީ ގާއިމުކޮށްފައެވެ. އެގޮތުން ކޮންމެ ސްޓޭޑިއަމެއް 20 ޑިގްރީ ސެލްސިއަސްއަށް ފިނި ކޮށްލެވޭ ޓެކްނޮލޮޖީ އެ ސްޓޭޑިއަމްތަކުގައި ވަނީ ގާއިމްކޮށްފައެވެ.
މިއީ މީގެ ކުރިން އެއްވެސް ގައުމެއްގެ ސްޓޭޑީއަމެއްގައި ގާއިމުކޮށްފައިވާ ޓެކްނޮލޮޖީއެއް ނޫނެވެ. ބޮޑު ހަރަދުކޮށްގެން ކުޅުންތެރިންގެ ސަލަމާތަކާއި އެ ކުޅުންތެރިންނަށް ފަސޭހަވާގޮތަށް ސްޓޭޑިއަމްތައް ފަރުމާ ކުރީއެވެ.
މުބާރާތުގެ ތައްޔާރީތައް ބަލަހައްޓަނީ ވަކި ކޮމެޓީއަކުން
މިއަހަރުގެ ވޯލްޑްކަޕް ގަތަރުގައި ބޭއްވުމަށް ނިންމީ 2010 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ސްވިޓްޒަރލޭންޑުގެ ޒިޔުރިކުގައި އޮތް ފީފާ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި ވެސް ގަތަރުން ވަނީ އެ ގައުމުގައި ބާއްވާ ވޯލްޑުކަޕަކީ ވަރަށް ފުރިހަމަ މުބާރާތަކަށް ވާނެކަމުގެ ޔަގީންކަން ފީފާއަށް ދީފައެވެ.
މިއަދު ވެސް ފީފާއިން ބުނަނީ ހަމަ އެހެންނެވެ. މިއަހަރުގެ ގަތަރުގައި ބާއްވާ ވޯލްޑްކަޕުން ފުޓުބޯޅައިގައި ނުވަތަ ކުޅިވަރުގެ އެންމެ ފުރިހަމަ އިންތިޒާމުތައް ފެންނާނެ ކަމަށް މީގެ ދެ ދުވަސް ކުރިން ވެސް ފީފާއިން ބުންޏެވެ.

ވޯލްޑްކަޕަށް ސްޓޭޑިއަމެއް ތައްޔާރުކުރަނީ --- ފޮޓޯ/ ގަތަރު ލަވިން
ވޯލްޑް ކަޕަށް ގަތަރުން ވާ ތައްޔާރީތަކުގެ ކަންކަން ބަލަހައްޓަނީ އެ ގައުމުގެ "ސުޕްރީމް ކޮމިޓީ ފޯ ޑެލިވަރީ އެންޑް ލެގަސީ (އެސްސީ)" ނަމަކަށްކިޔާ ކޮމެޓީއަކުންނެވެ.
ހުރިހާ ދާއިރާއަކުން ކުރެވޭ ހުރިހާ އިންތިޒާމުތަކެއްގެ ކަންކަން އިސްކޮށް ބަލަހައްޓައި ވިލަރެސް ކުރާނީ އެ ކޮމިޓީންނެވެ. އެ ކޮމިޓީގެ ދަށުން އެކިއެކި ސަބްކޮމިޓީތަކާއި، ޓާސްކްފޯސްތަކާއި، އަދި ދައުލަތުގެ ބައެއް އިދާރާތަކުން ވެސް މުބާރާތާ ބެހޭ އެކިއެކި މަސައްކަތްތައް ކުރަމުން ގެންދާނެއެވެ.
ހުރިހާ ކޮމެޓީތަކުން ކުރާ ކަންކަންކަން އެސްސީސީއަށް ގަވައިދުން ރިޕޯޓުކުރަން ޖެހެއެވެ. މުބާރާތުގެ އެއްވެސް ކަމެއް އަތުން ދޫ ނުވާނެކަން އެ ކޮމެޓީން އަބަދު ވެސް ޔަގީންކުރެއެވެ.
މުބާރާތުގެ އެކޮމަޑޭޝަން
ގަތަރަކީ މިހާރު ވެސް ދުނިޔޭގެ ބޮޑެތި ބްރޭންޑްތަކާއި އަދި އެ ގައުމުގެ އަމިއްލަ ވަރަށް ފެންވަރު ރަނގަޅު އަދި ބޮޑެތި ހޮޓާތައް ހުރި ގައުމެކެވެ. ނަމަވެސް ވޯލްޑް ކަޕަށް 1.5 މިލިއަން ސަޕޯޓަރުންނާއި އިތުރު އެތައް ހާސް ބަޔަކު އެ ގައުމަށް އަންނާނެކަމަށް ލަފާކުރެވޭއިރު، އެ އެންމެންގެ އެކޮމަޑޭޝަނުގެ ކަންކަން ހަމަޖެއްސުމަށް ވެސް އެ ޤައުމުން ވަނީ މުހިންމު އިންތިޒާމުތަކެއް ހަމަޖައްސާފައެވެ.

މިއަހަރުގެ ވޯލްޑްކަޕްގައި އެކޮމަޑޭޝަން ދިނުމަށް ބޭނުންކުރާ ބައެއް ހޮޮޓާތައް --- ފޮޓާ/ ފީފާ
އެގޮތުން ބައެއް އާ ހޮޓާތައް އަޅައި، މިހާރު ހުރި ބައެއް ހޮޓާތަކުގެ ކޮޓަރިތަކުގެ އަދަދު ގިނަ ކުރުމާއި، ހޮޓާތަކެއްގެ ގޮތުގައި ބޭނުން ކުރެވޭނޭ ކްރޫޒް ބޯޓުފަހަރު ބަނދަރުގައި ބާއްވައިގެން އެކޮމަޑޭޝަނަށް ބޭނުން ކުރުމާއި، ހުހަށް ހުރި ގެތައް ވަގުތީ ގޮތުން ގެސްޓް އެޕާޓްމަންޓްތަކުގެ ގޮތުގައި ބޭނުން ކުރުމާއި، އަމިއްލަ މީސްމީހުންނަށް ހަރުދަނާ އުޞޫލުތަކެއްގެ ދަށުން އެ މީހުންގެ ގޭގޭގެ ކޮޓަރިތަކުގައި ސަޕޯޓަރުން ބޭތިއްބުމުގެ ހުއްދަ ދިނުން ފަދަ އިންތިޒާމްތައް ވަނީ ހަމަޖައްސައިފައެވެ.
އެ މަސައްކަތުގެ ތެރޭގައި، ފްލޯޓިން ހޮޓަލުގެ ވެސް 16 ހޮޓާ ވަނީ އަޅާފައެވެ. އެއީ 16000 ކޮޓަރިއެވެ.

ވޯލްޑްކަޕަށް އެކޮމަޑޭޝަނަށް ބޭނުންކުރާ ބައެއް ކުރޫޒްލައިންތައް --- ފޮޓޯ/ ޓްރެވެލް ރިޕޯޓާ
މުބާރާތުގެ އިންތިޒާމްތަކާ ބެހޭ މައުލޫމާތު ދިނުމަށް މިދިޔަ އަންގާރަ ދުވަހު ގަތަރުގެ ދޯހާގައި ފީފާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އިދާރާއިން ބުނީ އެންމެ ޒަމާނީ އަށް ސްޓޭޑިއަމެއްގައި 64 މެޗު ކުޅެން ތައްޔާރުވަމުން އަންނައިރު ވޯލްޑް ކަޕަށް ޒިޔާރަތްކުރާ ކުޅުންތެރިންނާއި އޮފިޝަލުންނަށް 30،000 ކޮޓަރި ހަމަޖެހިފައިވާ ކަމަށެވެ.
ގަތަރުގައި ބާއްވާ ވޯލްޑް ކަޕް މިހާރު ފަށަން ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުގައެވެ. މުބާރާތް ހުޅުވާ މެޗެއްގެ ގޮތުން ކުޅޭނީ ގަތަރު އަދި އެކުއެޑޯ ބައްދަލުކުރާ މެޗެވެ.