އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނުނިމެނީސް ޔުނައިޓެޑްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ދަނޑުން ނިކުމެގެން ދިއުމުން އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ހިތްހަމަ ނުޖެހިއްޖެއެވެ.

އެ މެޗުގެ 89 ވަނަ މިނެޓުގައި ރޮނާލްޑޯ ވަނީ ދަނޑުން ނިކުމެގެން ގޮސްފައެވެ.

އެ މެޗަށްފަހު މީޑިއާއާ ވާހަކަދައްކަމުން ޓެން ހާގް ބުނީ ރޮނާލްޑޯ ދަނޑުން ނިކުމެގެން ދިޔަތަން އޭނާއަށް ފެނުނުކަމަށާއި، އޭނާ ދަނޑުން ނިކުމެގެން ދިޔައީ ކީއްވެކަމެއް ނޭނގޭކަމަށެވެ.

މީގެއިތުރުން ޓެން ހާގް ބުނީ އެކަމުގައި އަދި ރޮނާލްޑޯއާ ވާހަކަ ނުދެއްކުނު ނަމަވެސް އޭނާއާ އަދި ވާހަކަދައްކާނެކަމަށެވެ.

ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު އެ މެޗު ޔުނައިޓެޑުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ޔުނައިޓެޑްގެ ގޯލުތައް ޖަހައިފައިވަނީ ފްރެޑްގެ އިތުރުން ބުރުނޯ ފަނާންޑޭސްއެވެ.

މި ސީޒަން ފެށުނުއިރު ޓެން ހާގް ރޮނާލްޑޯއަށް މެޗުތަކުން ޖާގަ ނުދިން ނަމަވެސް ފަހަކަށް އައިސް އޭނާއަށް ދަނީ ފުރުސަތު ދެމުންނެވެ.

އެގޮތުން އެންމެ ފަހުން ލީގުގައި ކުޅުނު ދެ މެޗުގައި ވެސް ފުރަތަމަ 11 އިން ރޮނާލްޑޯއަށް ވަނީ ފުރުސަތު ދީފައެވެ. އަދި އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯ ވަނީ ގޯލެއް ވެސް ޖަހައިފައެވެ.