ރައްޔިތުންގެ މަޖިލިސް ކުރިއަށް ގެންދިއުމަށް ބޭނުންވާ ކޯރަމް ހަމަކުރުމަށް ސިޔާސީ ޕާޓީތަކުން އިތުރަށް މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް، އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ހެނދުނު ދަންފަޅީގެ އިންޓަވަލްގެ ކުރިން ހަތަރު ފަހަރެއްގެ މަތިން މަޖިލީހުގެ ޖަލްސާގެ ކޯރަމް ގެއްލި، ޖަލްސާ ކުރިއަށް ނުގެންދެވިގެން 10:25ގައި ޖަލްސާ ހުއްޓާލަން ޖެހުމުން ނާޒިމް ވިދާޅުވީ އިއްޔެއާ އެއްގޮތަށް މިއަދު ވެސް ހާޒިރީގައި ސޮއި ކުރެއްވުމަށް ފަހު ޖަލްސާއަށް ވެދެވަޑައި ނުގަންނަވާ މެންބަރުން ތިއްބެވި ކަމަށެވެ. އަދި އެ ހުރިހާ މެންބަރުންގެ ނަންތައް މަޖިލީހުގެ ވެބްސައިޓްގައި ހާމަ ކުރައްވާނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

"އިއްޔެގައި ވެސް ވަކި އެއްޗެއް ނާންގަވައި މަޖިލީހަށް ވަޑައި ނުގަންނަވާ ހަ މެންބަރުން ތިއްބެވި. ހާޒިރީގައި ސޮއި ނުކުރައްވައި ޖަލްސާ އަށް ވަޑައިގެންނެވި މެންބަރުން ތިއްބެވި. ހާޒިރީގައި ސޮއި ކުރައްވާފައި ޖަލްސާ އަށް ނުވަންނަވާ މެންބަރުން ތިއްބެވި. މިއަދު މި ވަގުތުކޮޅުގައި ވެސް އެބަ ތިއްބެވި މެންބަރުން ހާޒިރީގައި ސޮއިކުރައްވާފައި މަޖިލީހުގެ މާލަމަށް ވެދެވަޑައިނުގެން. މި މައުލޫމާތުތައް ދަންނަވާލީ ޖަލްސާގެ ކޯރަމް ދެމެހެއްޓުމަށް ޓަކައި ޕާޓީތަކުން އިތުރު މަސައްކަތްތަކެއް ކުރަން ޖެހިފައިވާތީ،" ނާޒިމް ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާ ދެން ފައްޓާނީ ހެނދުނު 11:00ގައި ކަމަށް ރިޔާސަތުން އިއުލާން ކުރެއްވި އެވެ.

މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ޖަލްސާތައް ފެށުނު ފަހުން މިވޭތުވެ ދިޔަ ކޮންމެ ދުވަހަކު ޖަލްސާ އަށް ކޯރަމްގެ މައްސަލަތައް އަންނަނީ ދިމާވަމުންނެވެ. އެކަމާ ގުޅިގެން މަޖިލީހުގެ ނާއިބު ރައީސް ނާޒިމް އިއްޔެ ވިދާޅުވީ، ކޯރަމް ގެއްލުވާލުމަކީ، ގަސްތުގައި މަޖިލީހުގެ މެންބަރުން ކުރައްވާކަމެއް ކަމަށް ގަބޫލު ކުރެވޭތީ އެއްވެސް ސަބަބެއްނެތި ޖަލްސާ އަށް ހާޒިރުވެ ވަޑައިނުގަންނަވާ މެންބަރުންގެ ނަންފުޅުތައް އާއްމު ކުރައްވާނެ ކަމަށެވެ.