ނުކުޅެދުންތެރިކަން ހުނަނަ 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރުމުން ބަނޑުބޮޑުވި މައްސަލައިގައި އޭނާގެ ޅިޔަނަކު 18 އަހަރަށް ޖަލަށް ލުމަށް އިއްޔެ ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ދައުލަތުން ދައުވާ އުފުލީ 15 އަހަރުގެ ކުއްޖާގެ އެއްބަނޑު އެއްބަފާ ދައްތަގެ ފިރިމީހާގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލު ހިންގުމުގެ ދައުވާއެވެ.

މިފަދަ މައްސަލަތަކުގައި ކުއްޖާގެ ރައްކާތެރި ކަމަށްޓަކައި ކުށް ސާބިތުވި މީހާގެ ވެސް ވަނަވަރު ހާމައެއް ނުކުރެވެއެވެ.

އެ މައްސަލަ ފެންމަތިވީ 2020 ވަނަ އަހަރު އެވެ. އަދި އެކުއްޖާ ބަނޑުބޮޑުކަން އެނގުނީ މައްސަރުކަންތައް ދިމާނުވެ ހަތަރު މަހެއްހާ ދުވަސް ވުމުން ޑޮކްޓަރަށް ދައްކައި ހެދި ޓެސްޓްތަކުންނެވެ. އޭރު އެ ކުއްޖާގެ ބަނޑަށް ވަނީ ތިން މަސް ވެފައެވެ.

ދައުވާގައި ބުނެފައިވާ ގޮތުން އުމުރުން 37 އަހަރުގެ ޅިޔަނު ވަނީ އެ ކުއްޖާ ތިން ފަހަރެއްގެ މަތިން ރޭޕް ކޮށްފައެވެ.

އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަށް އިންކާރު ކުރި ނަމަވެސް ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް ބަަލައި އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ނިންމާފައެވެ. އޭނާ ކުރި ކުށަށް ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދިނުމަށް ދައުލަތުން ވަނީ އެދިފައެވެ.

ދައުލަތުން އެދުނު ގޮތަށް ކްރިމިނަލް ކޯޓުން އިއްވީ އޭނާ 18 އަހަރަށް ޖަލަށް ލުމަށެވެ. އަދި އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދުގައި ހޭދަކުރި މުއްދަތު ކެނޑުމުން ދެން އޭނާ ޖަލުގައި ހޭދަކުރަން ޖެހޭނީ 15 އަހަރާއި އަށް މަހާއި 11 ދުވަހެވެ.