20 Oct 2022, 11:52
އަންނަ މަހު ގަތަރުގައި ފެށުމަށް ހަަމަޖެހިފައިވާ ވޯލްޑްކަޕުގައި ފްރާންސަށް ސަޕޯޓުކުރުމަށް އެ ގައުމުގެ ދެ ސަޕޯޓަރުން ބައިސްކަލުގައި ގަތަރަށް ދިޔުމަށް ދަތުރުކުރަން ފަށައިފިއެވެ.
ފްރާންސްގެ ޕެރިހުން ގަތަރުގެ ދޯހާއަށް ދިޔުމަށް އެ ދެ ސަޕޯޓަރުން ދަތުރުކުރަން ފެށީ މިދިޔަ އޮގަސްޓު މަހުގެ 20 ވަނަ ދުވަހުގައެވެ.
އެ ދެ ސަޕޯޓަރުން މިހާރު އުރުދުންއަށް ގޮސްފައިވާއިރު ދޯހާއަށް ދިއުމުގެކުރިން އެމީހުން ސައުދި އަރަބިއާއަށް ދާނެއެވެ.
އެ ދަތުރުގައި ބައިވެރިވާ ބަލަމިސާ، ރޮއިޓާސްއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އެ ދަތުރުގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި ދަތުރުފަތުރު ކުރުން ޕްރޮމޯޓްކުރެވޭނެކަމަށެވެ.
މީގެއިތުރުން މީހުން ބައިސްކަލު ދުއްވުމަށް އަހުލުވެރިކުރުވައި، ބައިސްކަލުގައި އެކަހަލަ ދަތުރެއް ކުރުމުން ތިމާ ވަށައިގެންވާ މާހައުލުން ތަފާތު މަންޒަރުތަކެއް ފެންނާނެކަމަށް އޭނާ ބުންޏެވެ.
ބަލަމިސާއާއެކު އެ ދަތުރުގައި ދެން ބައިވެރިވާ މާޓިން ބުނީ ތިން މަސްދުވަހުގެ އެ ދިގު ދަތުރަކީ ދުނިޔޭގެ އެކިކަހަލަ ސަރަހައްދުތަކުން ދަތުރުކުރަންޖެހޭނެ ދަތުރެއްކަމަށެވެ.
"މިކަމުގައި އެންމެ ބޮޑު ގޮންޖެހުމަކީ މާދުރަށް ދާންޖެހުން. އެހެންކަމުން ބައިސްކަލުގެ ހަން ވަރަށް ގިނައިން ފަޅައިގެން ދޭ. ހަން ފަޅައިގެން ދިޔައީމަ އާ ހަމެއް އަޅުވައިގެން އަނެއްކާ ނައްޓާލަނީ،" ނާޓިން ބުންޏެވެ.
އެ ދެ މީހުން ވަނީ މީގެ ކުރިން ވެސް އެކަހަލަ ދަތުރެއްކޮށްފައެވެ. އިޓަލީގައި ކުޅުނު ޔޫއެފާ ނޭޝަންސް ލީގުގެ މެޗެއް ބެލުމަށް ފްރާންސްއިން އިޓަލީއަށް އެ ދެ މީހުން ދަތުރުކުރިއެވެ.
ވޯލްޑްކަޕްގައި ފްރާންސް އަންނަ މަހުގެ 23 ވަނަ ދުވަހު ކުޅޭނީ އޮސްޓްރޭލިއާއާ ދެކޮޅަށެވެ. ފްރާންސް ވޯލްޑްކަޕްގައި ލައްވާލައިފައިވަނީ ގްރޫޕް ޑީގައެވެ. އެ ގްރޫޕްގައި ފްރާންސްއާއި އޮސްޓްރޭލިއާއާއެކު ދެން ހިމެނެނީ ޑެންމާކުގެ އިތުރުން ޓިއުނޭޝިއާއެވެ.