އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް ބަލިކޮށް ޔުނައިޓެޑުން ފަސް ވަނައަށް ޖެހިލައިފިއެވެ.

ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ޓޮޓެންހަމްއާ ދެކޮޅަށް ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި ދެ ޓީމުގެ ފަރާތުންް މޮޅު ކުޅުމެއް ފެނުނުއިރު، ދެ ޓީމުން ވެސް ވަނީ ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

އެގޮތުން މެޗުގެ 10 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އޭރިއާ ބޭރުން އެންތަނީ މެތިއުސް ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިގައި ޖެހިފައި ބޭރަށެވެ.

މެޗުގެ 21 ވަނަ މިނެޓުގައި ޓޮޓެންހްމެގެ އޭރިއާ ތެރެއިން ލިބުނު ބޯޅައެއް ޔުނައިޓެޑްގެ މާކޮސް ރޮޝްފޯޑް ފޮނުވާލި ނަމަވެސް އެ ބޯޅަ ދިފާއުކުރީ ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރިސްއެވެ. އަދި 24 ވަނަ މިނެޓުގައި ލޫކް ޝޯ ފޮނުވާލި ބާރު ހަމަލާގެ ހުރަހަކަށްވީ ލޮރިސްއެވެ.

ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި ފްރެޑް ވަނީ ގޯލެއް ޖަހައި ޔުނައިޓެޑަށް މެޗުގެ ލީޑު ނަގައިދީފައެވެ. އެ ގޯލަކީ ޖޯޑަން ސަންޗޯގެ އެހީތެރިކަމާއެކު ފްރެޑް އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ޓޮޓެންހަމްގެ ބެން ޑޭވިސް ފައިގައި ޖެހިފައި ގޮސް އަމާޒުވީ ގޯލުގެ އަރިމަތީކަނަށެވެ.

ޔުނައިޓެޑުން މެޗުގެ ދެވަނަ ގޯލު ޖަހައިފައި ވަނީ މެޗުގެ 69 ވަނަ މިނެޓުގައެވެ. އެ ގޯލަކީ ފްރެޑް ޖައްސާލި ޕާހެއް ބުރުނޯ ފަނާންޑޭޒް ގޯލުގެ މަތީކަނަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

އެ ނަތީޖާއާއެކު ޔުނައިޓެޑް ވަނީ ލީގު ތާވަލުގެ ފަސް ވަނައަށް ޖެހިލައިފައެވެ. އެ މަގާމުގައި އެ ޓީމު އޮތީ ކުޅުނު 10 މެޗުން ލިބުނު 19 ޕޮއިންޓާއެކުއެވެ. މެޗުން ބަލިވި ޓޮޓެންހަމް ތާވަލުގެ ތިން ވަނައިގައި އޮތީ ކުޅުނު 10 މެޗުން ލިބުނު 23 ޕޮއިންޓާއެކުއެވެ.