އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލުން ވެސްޓްހަމް ބަލިކޮށްފިއެވެ.

ލިވަޕޫލުގެ އަމިއްލަ ދަނޑު، އެންފީލްޑުގައި ވެސްޓްހަމްއާ ދެކޮޅަށް ރޭ ކުޅުނު އެ މެޗު ލިވަޕޫލުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި ލިވަޕޫލުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފައެވެ. އަދި އެ ޓީމުން ވަނީ ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

އެގޮތުން މެޗުގެ 14 ވަނަ މިނެޓުގައި ލިވަޕޫލުގެ ޑާވިން ނުނޭޒް އޭރިއާ ރޮނގުމަތިން ފޮނުވާލި ބާރު ހަމަލާ ވަނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ވެސްޓްހަމްގެ ކީޕަރު ލޫކަސް ފެބިއަންސްކީ ދިފާއުކޮށްފައެވެ.

މެޗުގެ 22 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ގޯލު ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ ކޮސްޓާސް ސިމިކާސް ނަގައިދިން ހުރަހަކުން ޑާވިން ނުނޭޒް ބޮލުން ޖެހި ގޯލެކެވެ. އޭނާގެ އެ ގޯލަކީ މި ސީޒަނުގައި ބެންފިކާ ދޫކޮށް ލިވަޕޫލަށް ބަދަލުވެ އެ ޓީމުގެ ދަނޑުގައި ޖެހި ފުރަތަމަ ގޯލެވެ.

މެޗުގެ 39 ވަނަ މިނެޓުގައި ލިވަޕޫލަށް ވަނީ މެޗުގެ ލީޑު ފުޅާކުރުމަށް ރަނުގެ ފުރުސަތެއް ލިބިފައެވެ. އެގޮތުން އޭރިއާ ބޭރުން ނުނޭޒް ފޮނުވާލި ބާރު ހަމަލާ މިފަހަރު އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައި ވަނިކޮށް ވެސްޓްހަމްއަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ލިބުނު ފުރުސަތު އެ ޓީމުން ވަނީ ނަގައިލައިފައެވެ. ލިވަޕޫލްގެ ގޮމޭޒް ވެސްޓްހަމްގެ ޖެރޮޑް ބޮވެންއަށް ލިވަޕޫލް އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެން އެ ޓީމަށް ލިބުނު ޕެނަލްޓީ އެ ޓީމަށް ކާމިޔާބެއް ނުކުރެވުނެވެ. ބޮވެން ފޮނުވާލި އެ ޕެނަލްޓީ ވަނީ ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ދިފާއުކޮށްފައެވެ.

މެޗުގެ 86 ވަނަ މިނެޓުގައި ވެސްޓްހަމްއަށް އަނެއްކާވެސް ވަނީ ގޯލު ޖަހާނެ ހުސް ފުރުސަތެއް ލިބިފައެވެ. ބޮވުންގެ އެހީތެރިކަމާއެކު ޖިއަންލޫކާ ސްކަމަކާ ހުސްކޮށްހުރެ ގޯލަށް ބޯޅަ ފޮނުވާލަން ފުރުސަތު ލިބުނު ނަމަވެސް ލިވަޕޫލްގެ ޖޭމްސް މިލްނާ ވަނީ އެ ބޯޅައަށް ހުރަސްއަޅައިފައެވެ.

އެ ނަތީޖާއާއެކު ލިވަޕޫލް ވަނީ ކުޅުނު 10 މެޗުން ލިބުނު 16 ޕޮއިންޓާއެކުު ތާވަލުގެ ހަތް ވަނައަށް ޖެހިލައިފައެވެ. އަދި މެޗުން ބަލިވި ވެސްޓްހަމް 11 މެޗުން ކުޅެގެން ލިބުނު 11 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 13 ވަނައިގައެވެ.