ލީޑާޝިޕަކީ ތިމާގެ ކިބައިގައި އަށަގަންނުވަންޖެހޭ ސިފަތަކަށްކިޔާ ނަމެއްކަމަށާއި އެ ސިފަތައް އަށަގަންނުވައިގެން ނޫނީ ޙަޤީޤީ ލީޑަރަކަށް ނުވެވޭނެކަމަށް ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުރަހީމް ވިދާޅުވެއްޖެއެވެ.

އިސްކަންދަރު ސްކޫލުގެ ޕޯސްޓް އެވޯޑިން ހަފުލާ ޝަރަފްވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ޑރ. އަޝްރަފް ވިދާޅުވީ، ލީޑާޝިޕަކީ މަގާމަކުން ލިބޭނޭ އެއްޗެއް ނޫންކަމަށާއި އެއީ ތިމާގެ ކިބައިގައި އަށަގަންނުވަންޖެހޭ ސިފަތަކަކަށް ކިޔާ ނަމެއްކަމަށެވެ. މިގޮތުން އީމާންތެރިކަމާއި، އިހުސާންތެރިކަމާއި، އިހްސާސްގެ ސިފަތަކާއި ތިމާގެ ކިބައިގައި އަނެކާއަށް ޓަކައި އޯގާވެރިވުމުގެ ސިފަތައް ނެތްކަމަށް ވަނީނަމަ އެ ވެވެނީ ޙަޤީޤީ ލީޑަރަކަށް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

"މި ސިފަތައް އަށަގަންނެވޭނީ މައިންބަފައިން ހޭލާ ތިބެގެން. އެ ނަމޫނާ ދައްކައިގެން އެކުދިންގެ ކިޔެވުމަށް އެހީތެރިވެދީގެން އެކުދިންނަކީ ރަނގަޅު ދަރިންނަށް ހެދުމަށް ތިމާގެ ކިބައިގައި އެ ސިފަތައް ހުންނަންޖެހޭ،" ޑރ. އަޝްރަފް ވިދާޅުވިއެވެ.

އިސްކަންދަރު ސްކޫލުގެ ޕޯސްޓް އެވޯޑިން ހަފުލާގެ ތެރެއިން-- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހުސައިން

ޝުކުރުއަދާކުރުމުގެ ސިފަތަކާއި އަނެއްމީހާއަށް ހެޔޮއެދިގެން އެއްޗެކޭ ބުނުމުގެ ސިފަތަކުގެ އިތުރުން ހިތްތިރިކަމާއި މަޑުމައިތިރި ކަމާއި ނިޔަނެތިކަމުގެ ސިފަ ހުރެގެން މަސައްކަތް ކުރެވިއްޖެ ނަމަ މޮޅު ލީޑަރެއްގެ އިތުރުން ކާމިޔާބު މީހަކަށް ވެވޭނޭ ކަމަށް ޑރ. އަޝްރަފް ވިދާޅުވިއެވެ.

ކާމިޔާބު ލީޑަރަކަށް ވުމަށް އަނެކާއަށް އެހީތެރިވުމާއި އަޅާލުމުގެ ގޮތުން ތިމާގެ މިޖާޒަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ ގާބިލުކަން ތިމާގެ ގައިގަ ހުންނަންޖެހޭ ކަމަށާއި، ބޮޑާކަމާއި ނަފްސުގެ އަމިއްލަ އެދުމުގެ ބައި ދޫކޮށް ޕޮޒިޓިވް ވިސްނުން ގެންގުޅެގެން ނޫނީ ޙަޤީޤީ ކާމިޔާބު ލީޑަރަކަށް ވެވެންނެތްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިސްކަންދަރު ސްކޫލުގެ ޕޯސްޓް އެވޯޑިން ސެރޮމޮނީގެ ތެރެއިން-- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހުސައިން

މި މައުޟޫގައި ދެއްކެވި ވާހަކައިގައި ޑރ. އަޝްރަފް ވަނީ ދުނިޔަވީ ބައެއް މިސާލުތައްވެސް ނަންގަވާފައެވެ. އެގޮތުން ކްރިސްޓިއަނަކު ލިޔުނު ފޮތެއްގައި ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 100 ޝަޚްސިއްޔަތުގެ ތެރެއިން އެންމެ ފުރަތަމަ ނަމަކަށް ކީރިތި ރަސޫލާގެ ނަންފުޅު އެއްވަނައަށް އައުމުގެ ސަބަބަކީ ކުރިން ބަޔާންކުރި ސިފަތަކުގެ ނަމޫނާއަކީ ކީރިތި ރަސޫލާކަމަށް ވާތީކަމަށް ޑރ. އަޝްރަފްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އިސްކަންދަރު ސްކޫލުގެ ޕޯސްޓް އެވޯޑިން ހަފުލާގައި ވަނީ، ކުރިއަށްއޮތް އަހަރު އެ ސްކޫލުގެ އެކި މަގާމުތަކަށް އައްޔަނުކުރި ދަރިވަރުންނަށް މަގާމުގެ ލިޔުން ހަވާލުކޮށްފައެވެ. އެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓްރީގެ ބައެއް އިސްވެރިންނާއި، ސްކޫލުގެ ވެރިންނާއި ޓީޗަރުންގެ އިތުރުން ދަރިވަރުންގެ ބެލެނިވެރިން ބައިވެރިވިއެވެ.