04 Apr 2012, 10:21
ކައުންސިލްތަކާ ހަވާލުކޮށްފައިވާ ބިންތަކުގެ މިލްވެރިކަން އެއްވެސް ކައުންސިލަކާ ހަވާލުކޮށްފައިނުވާ ކަމަށާއި ގާވައިދާ ހިލާފަށް އެއްވެސް ބިމެއް ކައުންސިލަކުން ބޭނުންކުރާ ނަމަ އެފަދަ ބިންތައް ސަރުކާރަށް ނެގުމުގެ ބާރު ގާނޫނީ ގޮތުން ސަރުކާރަށް ލިބިފައިވާ ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ސަން މީޑިއާ ގްރޫޕަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ އެކި ކެޓަގަރީތަކަށް ބަހާލައިގެން ބިންތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރުމަށް ސިޓީ ކައުންސިލާއި ނުވަތަ އެހެނިހެން ކައުންސިލަކާ ހަވާލުކޮށްފައިވީ ނަމަވެސް އެއްވެސް ބިމެއްގެ މިލްކުވެރިކަން ބިމާ ބެހޭ ގާނޫނުގައިވާ ގޮތުން މިލްކު ނުކުރެވޭނެ ކަމަށާއި އެ ބިމެއް ބެލެހެއްޓުން ކައުންސިލްތަކާ ހަވާލުކޮށްފައިވާ ކަމަށެވެ.
"ދައުލަތުގެ ހުރިހާ ބިމެއް މިލްކުވެގެން ދަނީ ދައުލަތަށް. ދައުލަތުގެ ހުރިހާ ބިމެއްގެ ސިޔާސަތު ކަނޑައަޅާނީ ރައީސުލްޖުމުހުރިއްޔާ. އެ ސިޔާސަތުތައް ތަންފީޒު ކުރާނީ މިނިސްޓަރުން،" ނަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވަކިބޭނުންތަކެއް ކަނޑައަޅައި ވަކި ކަންތައްތަކެއް ކުރުމަށް ސިޓީ ކައުންސިލާ ހަވާލުކޮށްފައިވާ ބިންތައް ހަވާލުކޮށްފައި ވަނީ އެގުރިމެންޓެއްގެ ދަށުން ކަމަށާއި އެއާ ހިލާފަށް އެބިމެއް ބޭނުން ކުރުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެން ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ގާނޫނާ ހިލާފަށް ކުރާ ކަންތައް ބަލައި އެކަންކަމާ މެދު ފިޔަވަޅުއެޅުމުން ނޫނީ އެކަންކަން ރަނގަޅުނުކުރެވޭނެ ކަމަށާއި ގަނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން އެންމެ ފުރިހަމަ ގޮތުގައި ކުރާ ނަމަ ކަންކަން އިސްލާހު ކުރެވޭނެ ކަމަށެވެ.