20 Oct 2022, 08:15
އިސްކަންދަރު ސްކޫލުގެ ކެޕްޓަނަކަށް އެ ސްކޫލް ގްރޭޑް 10B2 ގެ ދަރިވަރު މަރިޔަމް ދާނިޔާ އަޤީލް އައްޔަނުކޮށްފިއެވެ.
އިސްކަންދަރު ސްކޫލުގައި ރޭ ބޭއްވި ޕޯސްޓް އެވޯޑިން ހަފުލާގައި ވަނީ ކުރިއަށްއޮތް އަހަރު އެ ސްކޫލުގެ އެކި މަޤާމުތަކަށް އައްޔަނުކުރި ދަރިވަރުންނަށް މަޤާމުތައް ހަވާލުކޮށްފައެވެ.
މިކަމަށްޓަކައި އިސްކަންދަރު ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި ޕޯސްޓް އެވޯޑިން ހަފުލާ ޝަރަފްވެރިކޮށްދެއްވީ ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުރަހީމެވެ. މި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓްރީގެ ބައެއް އިސްވެރިންގެ އިތުރުން އިސްކަންދަރު ސްކޫލުގެ ވެރިންނާއި، ޓީޗަރުންގެ އިތުރުން ދަރިވަރުންގެ ބެލެނިވެރިން ވަނީ ބައިވެރިވެފައެވެ.

އިސްކަންދަރު ސްކޫލުގެ ޕޯސްޓް އެވޯޑިން ހަފުލާގެ ތެރެއިން--- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހުސައިން
ކުރިއަށްއޮތް އަހަރު ސްކޫލުގެ ކެޕްޓަނެއްގެ ގޮތުގައި ގްރޭޑް 10B2 ގެ ދަރިވަރު ދާނިޔާ އައްޔަނުކުރިއިރު، ޑެޕިއުޓީ ކެޕްޓަނެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ، ގްރޭޑް 10S1 ގެ ދަރިވަރު ސާއިބް މުހައްމަދު ޒަހީމެވެ. ދެވަނަ ޑެޕިއުޓީ ކެޕްޓަނަކަށް ހަމަޖައްސާފައިވަނީ ގްރޭޑް 10S3 ގެ ދަރިވަރު އާއިމިނަތު ރާނިޔާއެވެ.
އިސްކަންދަރު ސްކޫލުގެ އެކްޓިވިޓީ ކެޕްޓަނަކަށް އައްޔަނުކޮށްފައިވަނީ ގްރޭޑް 10S1 ގެ ދަރިވަރު މުހައްމަދު ޔާއިޝް ސާމީއެވެ. ޑެޕިއުޓީ އެކްޓިވިޓީ ކެޕްޓަނުންނަކީ ގްރޭޑް 10S1 ގެ ދަރިވަރު އަހުމަދު ރަނާން ރަމީޒް އާއި ގްރޭޑް 10B2 ގެ ދަރިވަރު މަނާލް އަބްދުލް އައުލާއެވެ.
މީގެ އިތުރުން އިސްކަންދަރު ސްކޫލުން ވަނީ ހައުސްތަކަށް ކެޕްޓަނުންނާއި ޑެޕިއުޓީ ހައުސް ކެޕްޓަނުން އައްޔަނުކޮށް ސްކޫލުގެ ޕްރިފެކްޓްކަމާ އަލަށް ހަވާލުވި ދަރިވަރުން މަޤާމުގެ ހުވާކޮށްފައެވެ.
އިސްކަންދަރު ސްކޫލަކީ 1961 ވަނަ އަހަރު ވުޖޫދަށް އައި ސްކޫލެކެވެ. އެންމެފުރަތަމަ އިސްކަންދަރު ސްކޫލުގައި ކިޔަވައިދޭން ފަށާފައިވަނީ ހަމީދިއްޔާ މޮންޓެސޮރީ ނަމުގައެވެ. މިހާރުގެ ނަމަށް އިސްކަންދަރު ސްކޫލުގެ ނަން ބަދަލުކޮށްފައިވަނީ 1980 ވަނަ އަހަރެވެ. އިސްކަންދަރު ސްކޫލުގައި 2000 ވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލްކުރަމުންދެއެވެ.