21 Oct 2022, 11:32
ސްޕޭސްއެކްސް ކުންފުނިން ޕްރައިވެޓް ޖެޓްތަކަށް ސެޓެލައިޓް އިންޓަނެޓް ދިނުމަށްޓަކައި ހާއްސަ އުފެއްދުމެއް ތައާރަފްކޮށްފިއެވެ.
ސްޕޭސްއެކްސްއިން އޭވިއޭޝަނަށް ހާއްސަ ސްޓާލިންކް ސެޓެލައިޓް އިންޓަނެޓްގެ ހިދުމަތް ތައާރަފްކުރިއިރު، އެ ކުންފުނިން ވިސްނަނީ ފްލައިޓުތަކުގައި ވައިފައި މާކެޓް އިތުރަށް ފުޅާކުރުމަށެވެ.
ސެޓެލައިޓް އިންޓަނެޓު ދިނުމަށް ސްޕޭއެކްސްއިން ތައާރަފު ކުރި ހާޑްވެއާއަށް އެ ކުންފުނިން ވިއްކަނީ 150،000 ޑޮލަރަށެވެ. އެ ޚިދުމަތުގެ އަގަކީ މަހަކު 12،500 ޑޮލަރާއި 25،000 ޑޮލަރާ ދެމެދުގެ އަދަދެކެވެ.
އޭވިއޭޝަން ކަސްޓަމަރުންނަށް މިޚިދުމަތް ބޭނުންކުރަން ފެށޭވަރު ވާނީ 2023 ވަނަ އަހަރުގެ މެދުތެރޭގައި ކަމަށް އެކުންފުނިން ބުނެފައިވާއިރު، ރިޒަވޭޝަން ހެދުމަށް ފުރަތަމަ 5،000 ޑޮލަރު ދައްކަން ޖެހެއެވެ.
ސްޕޭސްއެކްސް އިން "ގްލޯބަލް ކަވަރޭޖް" ނަމުގައި މިޚިދުމަތް އިޝްތިހާރު ކުރަނީ މަތިންދާބޯޓެއްގެ މަތީގައި ހަރުކުރަންޖެހޭ ތުނި ޕެނަލް އެންޓެނާއެއްގެ ފޮޓޯ ބޭނުންކޮށްގެން ކަމަށްވާއިރު، ސްޕޭސްއެކްސް އިން ބުނީ ތަފާތު މަތިންދާބޯޓުތަކަށް ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަންގެ ހުއްދަ ނުވަތަ ސެޓްފިކެޓް ހޯދަމުންދާ ކަމަށާއި އޭގެ ތެރެއިން ގިނަ މަތިންދާބޯޓުތަކަކީ އާންމުގޮތެއްގައި ޕްރައިވެޓް ޖެޓްތަކެއް ކަމަށެވެ.

މަތިންދާބޯޓްތަކަށް އިންޓަނެޓް ޚިދުމަތް ދިނުމަށް ސްޓާލިންކް އިން ބޭނުންކުރާނެ ފަތި އެންޓަނާއެއް --
މި ހިދުމަތުގެ ފެންވަރަށް ބަލާއިރު، ސްޕޭސްއެކްސް އިން ބުނާ ގޮތުގައި ސްޓާލިންކް އޭވިއޭޝަންގެ ކަސްޓަމަރުންނަށް ސިކުންތަކަށް 350 މެގަބައިޓްގެ ސްޕީޑް ލިބޭނެއެވެ. އަދި ހުރިހާ ފަސިންޖަރުންނަށް އެއްފަހަރާ ސްޓްރީމިން ކެޕޭބަލް އިންޓަނެޓް ރަނގަޅު ފެންވަރުގައި ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
"ފްލައިޓްތަކުގައި މީގެކުރިން ފަސިންޖަރުންނަށް ނުކުރެވޭ ކަންކަން ކުރެވޭނެ، ވީޑިއޯ ކޯލް، އޮންލައިން ގޭމިން، ވާޗުއަލް ޕްރައިވެޓް ނެޓްވޯކް އަދި އެހެނިހެން ހައި ޑޭޓާ ރޭޓް ހަރަކާތްތައް، ކުރިއަށް ގެންދެވޭނެ،" ސްޕޭސްއެކްސްގެ ސްޓާލިންކް ވެބްސައިޓުގައި ބުނެފައިވެއެވެ.
ސްޕޭސްއެކްސްއިން ބުނީ މިޚިދުމަތް ޖެޓްތަކަށް ދިނުމަށް ބޭނުންކުރަން ޖެހޭ އެންޓެނާތައް ހަރުކުރުމުގައި އެއްވެސް ވަރަކަށް ސްޓާލިންކްގެ ދައުރެއް ނޯންނާނެ ކަމަށެވެ.
މަތިންދާބޯޓްތަކަށް އިންޓަނެޓް ޚިދުމަތް ދިނުމަށް ސްޓާލިންކް އިން ބޭނުންކުރާނެ ފަތި އެންޓަނާއެއް ސްޕޭސް އެކްސްގެ އޭވިއޭޝަން ހިދުމަތަށް ދިގު މުއްދަތަކަށް ކޮންޓްރެކްޓެއް ހަދަން ނުޖެހޭއިރު، ސްޕޭސްއެކްސް އިން ބުނެފައި ވަނީ "ހުރިހާ ޕްލޭންތަކެއްގައި ވެސް އަންލިމިޓެޑް ޑޭޓާ ހިމެނޭ" ކަމަށާއި" ޚިދުމަތަށް ސަބްސްކްރައިބް ކުރާހާ ހިނދަކު ހާޑްވެއާ އަށް ވޮރެންޓީ ދޭނެކަމަށެވެ.
ސްޕޭސްއެކްސް އިން ވަނީ ވައިގެ ދަތުރުފަތުރު ކުރާ އުޅަނދުތަކާ އެކު އެއްބަސްވުންތަކުގައި ސޮއިކޮށް، ހަވާއީ އެއާލައިންސް އާއި ސެމީ ޕްރައިވެޓް ޗާޓާ ޕްރޮވައިޑަރު ޖޭއެސްއެކްސްއާ އެކުވެސް އެއްބަސްވުންތަކެއް ހަދާފައެވެ. ސްޕޭސްއެކްސް އިން ވަނީ އޭވިއޭޝަން ވައިފައި ޓެސްޓް ތަކެއްވެސް ހަދާފައެވެ.
ސްޕޭސްއެކްސްގެ މި ހުށަހެޅުމަކީ ފްލައިޓްތަކަށް މިހާރުވެސް ބްރޯޑް ބޭންޑް އިންޓަނެޓްގެ ޚިދުމަތްދެމުން އަންނަ އެމެރިކާގެ ކުންފުޏެއްކަމުގައިވާ 'އިންފްލައިޓް ކަނެކްޓިވިޓީ ޕްރޮވައިޑަރު ގޯގޯ' އަށް ސީދާ އަމާޒުވާ ގޮންޖެހުމެކެވެ.
ސްޓާލިންކަކީ ދުނިޔޭގެ ކޮންމެ ތަނަކަށް ވެސް ބާރު ސްޕީޑްގައި އިންޓަނެޓް ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ އެތައް ހާސް ސެޓެލައިޓްތަކަކާއެކު ގުޅިފައިވާ އިންޓަނެޓް ނެޓްވޯކެއް ބިނާކުރުމަށް ސްޕޭސްއެކްސް އިން ރާވާފައިވާ ޕްލޭނެކެވެ. ސްޕޭސްއެކްސް އިން ގާތްގަނޑަކަށް 3،500 ސްޓާލިންކް ސެޓެލައިޓް އޯބިޓަށް ފޮނުވާލާފައިވާއިރު، ޖޫން މަހުގެ ނިޔަލަށް އެ ހިދުމަތުގެ ގާތްގަނޑަކަށް 500،000 ސަބްސްކްރައިބަރުން ތިއްބެވެ. އެ ކުންފުނިން ވަނީ ސްޓާލިންކާއި އަންނަ ޖީލުގެ ރޮކެޓް ސްޓާޝިޕް ވެސް ތަރައްގީ ކުރުމަށް ހަމައެކަނި މި އަހަރުވެސް 2 ބިލިއަން ޑޮލަރު އިންވެސްޓް ކޮށްފައެވެ.
އެމެރިކާ ސަރުކާރުގެ އެޖެންސީއެއްކަމަށްވާ ފެޑެރަލް ކޮމިއުނިކޭޝަން ކޮމިޝަން (އެފްސީސީ) އިން ސްޕޭސްއެކްސްއަށް މޯބައިލް ސްޓާލިންކް އިންޓަނެޓްގެ ހިދުމަތް ދިނުމަށް ހުއްދަ ދީފައިވާއިރު، އެ ކުންފުނީގެ ޕްރޮޑަކްޓް އޮފާތަކުގެ ތެރޭގައި މިހާރު ރެޒިޑެންޝަލް، ބިޒްނަސް، އާރްވީ، މެރިޓައިމް އަދި އޭވިއޭޝަން ކަސްޓަމަރުންނަށް ދޭ ހިދުމަތްތައް ހިމެނެއެވެ.