20 Oct 2022, 09:27
ދުނިޔޭގައި މިހާތަނަށް ފެނުނު އެންމެ ބޮޑު ޕޮލިޝްކުރި ރީނދޫ ޖަވާހިރު ދުބާއީގައި ދައްކާލައިފިއެވެ.
މިހާތަނަށް ފެނިފައިވާ އެންމެ ބޮޑު ޕޮލިޝްކުރި ރީނދޫ ޖަވާހިރަށް ކިޔަނީ "ގޯލްޑެން ކެނެރީ"އެވެ. މި ޖަވާހިރަކީ 303.10 ކެރެޓުގެ ޖަވާހިރަކަށް ވާއިރު މިއީ މިހާތަނަށް އެމެރިކާގެ ޖިމޯލޮޖިކަލް އިންސްޓިޓިއުޓް (ޖީއައިއޭ) އިން ގްރޭޑްކޮށްފައިވާ އެންމެ ބޮޑު "ފްލޯލެސް" ޖަވާހިރު ވެސް މެއެވެ.
އަގުބޮޑު ޖަވާހިރު ނީލަން ކިޔައި އުޅޭ މަޝްހޫރު ސަތަބީގެ ދުބާއީ އައުޓްލެޓުން މި ޖަވާހިރު ދައްކާލާފައިވާއިރު މި ޖަވާހިރު ނީލަމަށް ލައިގެން ނިއުޔޯކުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. ސަތަބީ އިން ބުނާގޮތުގައި ޑިސެމްބަރު ހަތެއްގައި ބާއްވާ އިވެންޓެއްގައި ނީލަމަށް ލައިގެން މި ޖަވާހިރު ވިއްކާލާއިރު މި ޖަވާހިރު ހަތް މިލިއަނަށް ވިކޭނެ ކަމަށް ލަފާކުރެވެއެވެ.

މިއަދުގެ ނިޔަލަށް މި ޖަވާހިރު ހުރީ ދުބާއީގެ އައުޓްލެޓުގައި ޑިސްޕްލޭއަށެވެ. އެ ޖަވާހިރުގެ އިތުރުން ބައެއް އިތުރު ލަގްޒަރީ ތަކެތި ވެސް ވަނީ އެ ކުންފުނިން ދައްކާލާފައެވެ.
އެކުންފުނިން ވަނީ މީގެކުރިން ވެސް އަގުބޮޑު އާޓްވޯކް ތަކާއި ޖަވާހިރުތައް އެތައް މިލިއަނަށް ނީލަމަށް ހުޅުވާލައިގެން ވިއްކާފައެވެ. މި ތަކެއްޗަކީ ދުނިޔޭގެ އެންމެ މުއްސަނދިންގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ތަކެއްޗެވެ.