ދެކުނު ކޮރެއާގެ އެންމެ ބޮޑު ކޭޕޮޕް ބޭންޑް "ބީޓީއެސް" އެކަނިވެސް އެގައުމުގެ އިގުތިސޯދަށް 29.1 ޓްރިލިއަން ޑޮލަރުގެ ފައިދާއެއް ކޮށްދީފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކޭޕޮޕް އަކީ ދެކުނު ކޮރެއާގެ އާމްދަނީއަށް ބޮޑު ފައިދާއެއް ކޮށްދޭ ވަރުގަދަ އިންޑަސްޓްރީއެކެވެ. މިއުޒިކްތަކާއި ޓުއާތަކުން ފެށިގެން މާޗަންޑައިޒިންގެ އިތުރުން ފަތުރުވެރިކަމަށް ވެސް ކޭޕޮޕްގެ ފަރާތުން ބޮޑު ފައިދާއެއް އެގައުމަށް ކުރެއެވެ.

މީގެތެރެއިން ވެސް މިހާތަނަށް އެގައުމުގެ އިގުތިސޯދަށް އެންމެ ބޮޑު ފައިދާއެއް ކޮށްފައިވަނީ ބީޓީއެސް އިންނެވެ. މި ވާހަކަ ފެންމަތިވެފައިވަނީ އެގައުމުގެ ގާނޫނާ އެއްގޮތަށް ބީޓީއެސްގެ މެމްބަރުން މިލިޓަރީ ހިދުމަތާ ގުޅެން ޖެހޭތީއެވެ. އެއާއެކު ބޭންޑު ބްރޭކަށް ގޮސް، ބޭންޑުގެ މެމްބަރުންގެ ސޯލޯ ޕްރޮޖެކްޓްތައް ވެސް ވަނީ މަޑުޖައްސާލާފައެވެ.

މިއާއެކު ކޮރެއާގެ އާމްދަނީއަަށް ވެސް އޭގެ އަސަރު ކުރާނެ ކަމަށް ފައިނެންޝަލް އެނަލިސްޓުން ބުނެއެވެ.

މިކަމާ ގުޅިގެން ހިޔުންޑައި ރިސާޗް އިންސްޓިޓީއުޓުން ކުރިއަށް ގެންދިޔަ ދިރާސާއެއްގެ ބުނެފައިވަނީ ބީޓީއެސް 2014 ޑެބިއޫ ކުރި ފަހުން 2023 އާ ހަމައަށް ދާއިރު އެ ބޭންޑުން އެކަނިވެސް ކޮރެއާގެ އިގްތިސާދަށް ވާނީ 29.1 ޓްރިލިއަން ޑޮލަރުގެ ފައިދާއެއް ހޯދައިދީފައި ކަމަށެވެ.

ހިޔުންޑައި ރިސާޗުން ބުނާގޮތުގައި 2018ގައި އެކަނި ވެސް ކޮރެއާއަށް ޒިޔާރާތްކުރި 800،000 ފަތުރުވެރިންނަކީ ބީޓީއެސްގެ ސަބަބުން އެގައުމަށް ދިޔަ ފަތުރުވެރިންނެވެ. އެއީ ދެކުނު ކޮރެއާއަށް އެ އަހަރު ޒިޔާރާތްކުރި ފަތުރުވެރިންގެ ހަތް ޕަސެންޓެވެ.

ބީޓީއެސްގެ ރިކޯޑް ލޭބަލް ބިގްހިޓް މިއުޒިކް ހިންގައި މައި ކުންފުނި ހައިބްއިން ވަނީ އެކުންފުނީގެ ޝެއާތަކުގެ މައުލޫމާތު ވެސް ދާދިފަހުން އާންމުކޮށްފައެވެ. އެގޮތުން ބީޓީއެސް ބްރޭކަކަށް ގޮސް ސޯލޯ ޕްރޮޖެކްޓް ފަށާނެ ކަމަށް އިއުލާނުކުރި ދުވަހުގައި އެ ކުންފުނީގެ ޝެއާތަކުގެ އަގު 24.9 ޕަސެންޓް ވެއްޓުނެވެ. އެއީ މާކެޓު ކެޕަށް ބަލާނަމަ 1.5 ބިލިއަން ޑޮލަރުގެ ގެއްލުމެކެވެ.

ބީޓީއެސްގެ މެމްބަރުން މިއަހަރު އެންލިސްޓު ކުރަން ފަށާއިރު ފުރަތަމަ އެންލިސްޓު ވާނީ ޖިންއެވެ. އެއަށްފަހު އެހެން މެމްބަރުން ވެސް މިލިޓަރީއާ ގުޅި ނިމުމަށްފަހު އަލުން ދެން ބޭންޑު އެއްކޮށް ފެނުމަށް ހަމަޖެހިފައިވަނީ 2025 ގައެވެ.