މެކޭނިކަލް އިންޖިނިއަރިން ކިޔަވައިގެން އުޅުނު ނަމަވެސް އަޝޯކް އަލިސެރިލް ތަމަރަކްޝަންއަށް ފްލައިޓަށް ޝައުގުވެރިކަން އުފެދުނީ އެއާ ފީލްޑަކާ ގާތް ހިސާބެއްގައި ދިރިއުޅެން ފެށުމުންނެވެ. އެއަށްފަހު ފްލައިޓަށް ލޯބި އުފެދެމުން ގޮސް އެންމެފަހުން އަމިއްލަ ފްލައިޓެއް އަޝޯކް ގޭގައި ހަދައިފިއެވެ.

މީގެ 10 އަހަރު ކުރިން އިނގިރޭސިވިލާތުގެ އެއާ ފީލްޑަކާ ކައިރިއަށް އަޝޯކް އާއި އޭނާގެ އަންހެނުން އަބިލާޝާގެ ދިރިއުޅުން ބަދަލު ކުރި ހިސާބުން ފްލައިޓު ދުއްވުމަށް އޭނާގެ ޝައުގުވެރިކަން އިތުރުވާން ފެށިއެވެ. މި ކަން އަބިލާޝާއަށް ފާހަގަކުރެވިގެން އަހަރުތަކެއް ފަހުން އަޝޯކަށް އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުގައި ބައި ގަޑިއިރުގެ ފްލައިޓް އެކްސްޕީރިއެންސްއެއް ހޯދައިދިނެވެ.

އިނގިރޭސިވިލާތުގެ އެސެކްސްގައި ދިރިއުޅެމުން ދިޔަ އަޝޯކް ދެން ބޭނުންވީ ސީރިއަސް ވެގެން ފްލައިޓް ދުއްވަން ދަސްކުރާށެވެ. އެއާއެކު ލޯކަލް އެއާފީލްޑުން ފްލައިޓު ދުއްވަން ދަސްކުރިއެވެ. އަދި ފުރަތަމަ ފަހަރަށް ފްލައިޓު ދުއްވާލެވުމާއެކު ކުރެވުނު އިހުސާސުން އޭނާގެ މުޅި ވިސްނުން ވެސް ބަދަލުވެއްޖެއެވެ.

"އަސްލު އެހާ ހިސާބުން ހަމަ ހިތަށް އެރީ ބޭނުން ތަނަކަށް ގޮސްލަން ލިބުމަކީ ވަރަށް ބޮޑު މިނިވަން ކަމެކޭ. އެކަމު އެކަން ވާން އޮތީ އެކަމުގެ ކުޅަދާނަކަން އޮވެގެން އަދި ފްލައިޓެއް ވެސް ހުރެގެން. މިކަމަށް އިތުރަށް ޝައުގުވެރިކަން އުފެދެމުން ހަމަ ދިޔައީ،" އަޝޯކް ކިޔައިދިނެވެ.

އެންމެފަހުން ފްލައިޓު ދުއްވުމަށް އަޝޯކް އޭނާގެ ލައިސެންސް 2019 ވަނަ އަހަރުގައި ހޯދިއެވެ. އެއަށްފަހު ކުދި ދަތުރު ކުރުމަށް ފްލައިޓުތައް ރެންޓުކޮށް ދުއްވަން ފެށިއެވެ.

އާއިލާ އެކީގައި ދަތުރު ކުރުމަށް އެންމެ ފުރަތަމަ ރެންޓު ކޮށްގެން ވެސް ރަނގަޅެވެ. ނަމަވެސް އާއިލާ ބޮޑުވާތީ އަޝޯކް ފުރަތަމަ ވިސްނީ ކުރީގެ އެއާކްރާފްޓެެއް ގަތުމަށެވެ. އެކަމަކު އެއީ އާއިލާ އެކީގައި ދަތުރު ކުރުމަށް އެންމެ އެކަށީގެންވާ ގޮތް ނޫން ކަމަށް ވުމުން އަޝޯކް ދެން ވިސްނީ އެހެން ކަމަކަށެވެ. އެއީ ފްލައިޓު އަމިއްލައަށް ރާވައިގެން ދަތުރުތައް ކުރުމަށެވެ.

އެކި ރިސާޗުތަކުން އަޝޯކް އެންމެ ބޭނުންވާ ފެންވަރުގެ ފްލައިޓް ކިޓެއް ފެނިއްޖެއެވެ. އެފްރިކާގެ ކުންފުންޏެއް ކަމަށްވާ ސްލިންގް އެއާކްރާފްޓް ކުންފުނިން އޭނާ ވަނީ ސްލިންގް ޓީއެސްއައި އެއާކްރާފްޓެއް 2020 ވަނަ އަހަރުގައި ގަނެފައެވެ.

މި މަސައްކަތް ދިމާވީ ކޮވިޑްގެ ލޮކްޑައުންގެ ތެރެއަށެވެ. އެއާއެކު ލޮކްޑައުން ޕްރޮޖެކްޓެއްގެ ގޮތުގައި އާއިލާ އެންމެން ގުޅިގެން މި ފްލައިޓު ތައްޔާރުކުރުމުގެ މަސައްކަތް ކުރިއެވެ.

އެންމެފަހުން ފްލައިޓު ހަދައި ނިންމައި ޓެސްޓު ކުރުމަށް ލައިޓް އެއާކްރާފްޓް އޮތޯރިޓީއިން ހުއްދަ ދިނުމާއެކު ޓެސްޓު ދަތުރުތައް ކުރަން ރެޑީވެއްޖެއެވެ. އަޝޯކް ބުނިގޮތުގައި މި ފްލައިޓުގެ ހުރިހާ ހަރަދަކަށް މާ ބޮޑު އެއްްޗެއް ގޮސްފައެއް ނުވެއެވެ. އެގޮތުން ކާރެއް ގަންނަ އަގަށް ފްލައިޓުގެ މަސައްކަތް ކޮށް ނިމިއްޖެ ކަމަށް އޭނާ ބުންޏެވެ. އެގޮތުން ފްލައިޓު ގަނެ އެއަށް ބޭނުންވާ ލައިސެންސުގެ މަސައްކަތާއި އެ ނޫން ވެސް ހުރިހާ ކަމެއް ކޮށް ނިމުނު އިރު އެއަށް ޖުމްލަ އަރާފައިވަނީ 203،000 އެމެރިކާ ޑޮލަރު ކަމަށް އޭނާ ފާހަގަކުރިއެވެ.

މިހާރު އެ ފްލައިޓުގައި އާއިލާ އެއްކޮށް ދަތުރު ކުރެއެވެ. މި ޕްރޮޖެކްޓާ މެދު އަޝޯކް ވަރަށް ހިތްހަމަޖެހެއެވެ. އަދި އޭނާގެ އުއްމީދަކީ ގިނަ ޒުވާނުން މިފަދަ ޕްރޮޖެކްޓްތަކަށް ސަމާލުކަން ދީ މިފަދަ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިޔުމެވެ.