މަޝްހޫރު އެކްޓަރު ޑްވޭން "ރޮކް" ޖޯންސަން ނުވަތަ "ދަ ރޮކް" ލީޑް ރޯލުން ފެންނަ ޑީސީގެ އެންޓި ހީރޯ ފިލްމު "ބްލެކް އެޑަމް"ގެ ރިވިއުތައް އާންމުކުރަން ފަށައިފިއެވެ.

ސުޕަހީރޯއެއްގެ ބަދަލުގައި ކޮމިކްގައި ވިލަނެއްގެ ރޯލުން ފެންނަ ބްލެކް އެޑަމް ވަނީ ވޯނާ ބްރޮސްގެ ފިލްމަކަށް ހެދިއިރު "އެންޓި ހީރޯ" އަކަށް ހަދާފައެވެ. މާނައަކީ ވިލަން ކުރާ ފަދަ ބައެއް ކަހަލަ ގޯސް ކަންތައް ކުރި ނަމަވެސް އެންމެ ފަހުން ރަނގަޅު ގޮތުގައި ތިބޭ މީހުންނަކީ އެންޓި ހީރޯއެވެ.

ފިލްމުގެ ޕްރައިވެޓް ސްކްރީންތައް މިހާރު ދައްކަމުން ދާއިރު ނޫސްވެރިންނާއި ކްރިޓީކުން އަންނަނީ ފިލްމަށް ފާޑު ކިޔަމުންނެވެ. ފިލްމު އެޅުވުމުގެ ކުރިން ފިލްމުގެ ހުރިހާ ޓްރެއިލާތަކާ ގުޅިގެން ފިލްމަށް އޮތް ހައިޕް ވަނީ ވަރަށް ބޮޑުވެފައެވެ. ނަމަވެސް ފިލްމު މިހާރު އަޅުވަން ފެށުމުން އެ ފިލްމަށް އޮތް ރޭޓިން ވަރަށް މަސްހުންޏެވެ.

ފިލްމު ބެލި ގިނަ ބަޔަކު އަންނަނީ ރޮކްގެ އެކްޓިނަށް ތައުރީފު ކުރަމުންނެވެ. އަދި ފިލްމުގައި ގިނަ އަދަދަކަށް އެކްޝަން ސީކުއެންސް ހުރުމަކީ ވެސް އެތައް ބަޔަކު ބަލައިގަނެފައިވާ ކަމެކެވެ. ނަމަވެސް އެ ފިލްމަށް އޮތް ތައުރީފު ދެން މަދު ވަނީ ފިލްމުގެ ޕްލޮޓާއި ވާހަކައަށެވެ.

ފިލްމުގެ ޕްލޮޓުގައި މާ ވަރުގަދަ ކަމެއް ނުވަތަ އަސަރެއް ނެތް ކަމަށް އެތައް ކްރިޓީކުން އަންނަނީ ބުނަމުންނެވެ. މި ފިލްމު މިވަގުތު ރިވިއުކޮށްފައިވާ މީހުންނަށް ބަލާއިރު "ރޮޓެން ޓޮމާޓޯސް"ގައި ލިބިފައިވަނީ އެންމެ 54 ޕަސެންޓެވެ. މިއީ އެންމެ ދެރަ އަދަދެއް ނޫނެވެ. ނަމަވެސް މިއީ އެހާ ރަނގަޅު ރޭޓިން އެއް ވެސް ނޫނެވެ.

ފިލްމު ޕްރައިވެޓް ސްކްރީން ކުރަމުން އަންނަ އިރު މި ހަފުތާ ބަންދުގައި އާންމުންނަށް މި ފިލްމު ދައްކަން ފަށާނެއެވެ.