ޖީއެސްޓީ އަށް ފައިސާ ނެގުމަށް ފަހު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ނުދައްކާ ވިޔަފާރިތަކުގެ ނަންތައް އާންމުކުރުމާ އެކު 14 ފަރާތަކުން ޖީއެސްޓީގެ ފައިސާ މީރާއަށް ދައްކައިފި އެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި ޖީއެސްޓީ ފައިސާ ދެއްކުމަށް ގިނަ ފުރުސަތުތަކެއް ދިނުމަށް ފަހު މީރާ އިން އެ ފަރާތްތަކުގެ ނަންތައް އާންމުކުރީ މިދިޔަ މަހުގެ 29ގަ އެވެ.

މީރާގެ އޮފިޝަލަކު މިއަދު ވިދާޅުވީ ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ލިސްޓު އާންމު ކުރި ފަހުން އެ ލިސްޓުގައިވާ 14 ފަރާތަކުން ފައިސާ ދައްކާފައިވާ ކަމަށެވެ. ނަމަވެސް އެ ފަރާތްތަކުގެ ނަމެއް މީރާ އިން އަދި އާންމެއް ނުކުރެ އެވެ.

ޖީއެސްޓީގެ ފައިސާ މިހާރު ނަގަމުން އަންނަނީ ޖޫރުމަނާއާ އެކު އެވެ.

ފުރަތަމަ އާންމު ކުރި ލިސްޓުގައި ޖީއެސްޓީ ނުދެއްކި 600 އަށް ވުރެ ގިނަ ވިޔަފާރިތަކުގެ މައުލޫމާތު ވަނީ ހިމަނައިފަ އެވެ. އެ ލިސްޓުގައި ޓޫރިޒަމް ދާއިރާ އަށް ނިސްބަތްވާ ބައެއް ޓްރެވަލް އެޖެންސީތަކާއި ޝްވެނިއާ ފިހާރަތަށް ހިމެނެ އެވެ.

ޖީއެސްޓީން މަހެއްގެ މައްޗަށް 259 މިލިއަނެއްހާ ރުފިޔާ ދައުލަތުގެ މާލިއްޔަތަށް ލިބެ އެވެ.