ދެކުނު އިރުމަތީ އޭޝިއާގައި ރާއްޖެ އިޝްތިހާރު ކުރަން މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން، މި ސަރަހައްދުގެ އެންމެ މަގުބޫލު އެއް ފެއާ ކަމަށްވާ އައިޓީބީ އޭޝިއާ 2022ގައި ބައިވެރިވެއްޖެއެވެ.

ސިންގަޕޫރުގެ ސޭންޑްސް އެކްސްޕޯ އާއި ކޮންވެންޝަން ސެންޓަރުގައި ބާއްވާ އެ ފެއާގައި އެމްއެމްޕީއާރުސީއިން ބައިވެރިވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ 18 ޕާޓްނަރުންނާ އެއްކޮށެވެ. މިއަދު ފަށާފައިވާ އެ ފެއާ މާދަމާ އާއި ހުކުރު ދުވަހު ވެސް ކުރިއަށްދާނެއެވެ.

އެ ފެއާގައި ބައިވެރިވުމުގެ މަގުސަދަކީ ދެކުނު އިރުމަތީ އޭޝިއާ މާކެޓުގައި ރާއްޖޭގެ ރީތި ނަން ދަމަހައްޓައި، ރާއްޖެއާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާާކޮށް، އިންޑަސްޓްރީ ޕާޓްނަރުންނަށް އެ ފަރާތަތަކުގެ ވިޔަފާރި އިޝްތިހާރުކުރުމަށް ފުރުސަތު ހުޅުވާލުން ކަމަށް އެމްއެމްޕީއާރުސީއިން ބުންޏެވެ.

އައިޓީބީ އޭޝިޔާ އަކީ އޭޝިޔާ ޕެސިފިކަށް އަމާޒުކޮށް ކުރިއަށްގެންދާ، އެއް ވިޔަފާރި އަނެއް ވިޔަފާރިއާ ގުޅުވައިދޭ އެންމެ މަގުބޫލު އެއް ފެއާއެވެ. އޭޝިޔާ ޕެސިފިކް، ޔޫރަޕް، އެމެރިކާ، އެފްރިކާ އަދި މެދުއިރުމަތީގެ ގައުމުތަކަށް ނިސްބަތްވާ ގިނަ ކުންފުނިތަކުން އެ ފެއާގައި ބައިވެރިވެއެވެ.

އޭގެ ތެރޭގައި ފަތުރުވެރިކަމުގެ މަންޒިލްތަކާއި, އެއާލައިންތަކާއި އެއާޕޯޓުތަކާއި ހޮޓެލްތަކާއި ރިޒޯޓުތަކާއި ތީމް ޕާކުތައް ފަދަ ފަތުރުވެރިކަމުގެ ސިނާއަތުގެ ތަފާތު އެކި ދާއިރާތަކަށް ނިސްބަތްވާ ކުންފުނިތައް ހިމެނެއެވެ.

އައިޓީބީ ފެއާ 2022ގައި ރާއްޖެ އިޝްތިހާރު ކުރަނީ -- ފޮޓޯ/ އެމްއެމްޕީއާރުސީ

އެ އިވެންޓު މެދުވެރިކޮށް އެމްއެމްޕީއާރުސީއިން ރާއްޖޭގެ ރިސޯޓުތަކާއި ހޮޓެލްތަކާއި ގެސްޓްހައުސްތަކާއި ލިވަބޯޑްތަކާއި ތަފާތު ތަޖުރިބާތައް އިޝްތިހާރު ކުރާނެއެވެ. އަދި މި ދުވަސްވަރު ދަތުރުވެރިންނަށް އެންމެ ރަައްކާތެރި އެއް މަންޒިލްގެ ގޮތުގައި ދިވެހިރާއްޖެ ޕްރޮމޯޓް ކުރާނެ ކަމަށް ވެސް އެމްއެމްޕީއާރުސީއިން ނެރުނު ބަޔާނެއްގައިވެއެވެ.

އެ ފެއާގައި 'ޑެސްޓިނޭޝަން ރީޑިސްކަވަރީސް'ގެ ނަމުގައި ކުރިއަަށްދާ ޑިސްކަޝަންގައި އެމްއެމްޕީއާރުސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިންގް ޑިރެކްޓަރު ތޮއްޔިބް މުހައްމަދު ބައިވެރިވެވަޑައިގަންނަވާނެއެވެ. އެ ޕެނަލްގައި ތޮއްޔިބް ވާހަކަ ދައްކަވާނީ ޑިޖިޓަލް ކެމްޕޭންތަކާއި ވާޗުއަލް އިވެންޓްތަކާއި ހައިބްރިޑް އިވެންޓުތަކުގެ މުހިންމު ކަމާ ބެހޭގޮތުންނެވެ. އަދި ބަދަލުވަމުންދާ ޓްރެވަލާ ޓްރެންޑްތަކާ ބެހޭ ގޮތުންވެސް މި ޕެނަލްގައި ތޮއްޔިބް ވާހަކަ ދައްކަވާނެ ކަމަށް އެމްއެމްޕީއާރުސީއިން ބުންޏެވެ.

މި އަހަރުގެ ޖެނުއަރީން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދެކުނުއިރުމަތީ އޭޝިއާ މާކެޓުން ރާއްޖެއަށް 23,080 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އެމްއެމްޕީއާރުސީއިން މި މާކެޓަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތަކެއް ބާއްވަމުންދެއެވެ. މީގެ ތެރޭގައި ސްޓޭކްހޯލްޑަރުންނާއެކު ހިންގާ ޖޮއިންޓް މާކެޓިން ކެމްޕޭންތަކާއި، އައުޓްޑޯ އިޝްތިހާރު ކެމްޕޭންތަކާއި، ފެއާތަކުގައި ބައިވެރިވުމާއި، ވެބިނާތައް ހޯސްޓްކުރުމާއި، އީ-ލާނިން ޕްރޮގްރާމްތަކާއި އެހެނިހެން އިވެންޓުތައް ބޭއްވުން ހިމެނެއެވެ.

މިދިޔަ އަހަރު އެމްއެމްޕީއާރުސީއިން ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ޕާޓްނަރުންނާއެކު 22 މާކެޓެއްގައި 260 ހަރަކާތް ހިންގާފައެވެ. އޭގެ ތެރޭގައި ފެއާތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން، އެކި ގައުމުތަކުގައި ރޯޑްޝޯތައް ވެސް ވަނީ ބާއްވާފައެވެ. އަދި ވެބިނާތަކާއި، ފެމިލަރައިޒޭޝަން ދަތުރުތަކުގެ އިތުރުން މާކެޓިން ކެމްޕެއިންތައްވެސް ވަނީ ހިންގާފައެވެ.

'ވޯލްޑް ޓްރެވަލް އެވޯރޑްސް' (ޑަބްލިއުޓީއޭ) 2021ގައި 'ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން'ގެ ލަގަބު ޖެހިޖެހިގެން ދެވަނަ އަހަރަށް ރާއްޖެއަށް ވަނީ ލިބިފައެވެ.