ގަވައިދާ ޚިލާފަށް ރަޖިސްޓްރީ ކުރި އުޅަނދުތަކެއްގެ ރަޖިސްޓްރީ ބާތިލުކުރުން މަޑުޖައްސާލަން ސިވިލް ކޯޓުން އަމުރުކޮށްފައި އޮތް ނަމަވެސް، ދެން ވެސް ބާތިލް ކުރަން ޖެހޭ ރަޖިސްޓްރީތައް ބާތިލު ކުރަމުންދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފިއެވެ.

ގަވާއިދާ ޚިލާފަށް ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުފަރު ކަމަށް ބުނެ މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ގިނަ އަދަދެއްގެ އުޅަނދުފަހަރުގެ ރަޖިސްޓްރީ ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބާތިލްކޮށްފައެވެ.

އެކަމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވެސް ވިދާޅުވެފައިވަނީ ބާތިލް ކުރަނީ ގަވާއިދާ ހިލާފަށް ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުތަކުގެ ރަޖިސްޓްރީތައް ކަމަށެވެ.

ނަމަވެސް ރަޖިސްޓްރީ ބާތިލްކުރި އުޅަނދުފަހަރުގެ ވެރިފަރާތްތަކުގެ ތެރެއިން ބައެއް މީހުން ވަނީ ސިވިލް ކޯޓަށް އެ މައްސަލަ ހުށަހަޅާފައެވެ.

އެކަމާ ގުޅިގެން ސިވިލް ކޯޓުން ވަނީ ރަޖިސްޓްރީ ބާތިލްކުރުން މަޑުޖައްސާލަން އަމުރެއް ނެރެފައެވެ.

އެ މައްސަލާގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ނައިބު ހަމަދު އަބްދުލްޣަނީ މިއަދު "ސަން"އަށް ވިދާޅުވީ ސިވިލް ކޯޓުން ކުރި ހުކުމް ބަލައިނުގަނެވޭ ކަމަށެވެ.

ބާތިލްކުރީ ގަވާއިދާ ޚިލާފަށް ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުތަކުގެ ރަޖިސްޓްރީތައް ކަމަށާއި ދެން ވެސް އަމަލު ކުރާނީ އެހެން ކަމަށް އޭނާ ވިދާޅުވިއެވެ.

"ކޯޓުން އަމަރު ނެރުނަސް، މިހާރު ކޯޓުގައި އެވާ 87 އުޅަނދުގެ އިތުރުން ދެން ވެސް ގަވާއިދާ ޚިލާފަށް ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލް ކުރާނަން،" އޭނާ ވިދާޅުވިއެވެ.

ހަމަދު ވިދާޅުވީ ގަވާއިދާ ޚިލާފަށް އުޅަނދު ފަހަރުތައް ރަޖިސްޓްރީ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މިނިސްޓްރީން އެކަން ކުރުމަށް ފުރުސަތުވެސް ނުދޭނެ ކަމަށެވެ.

ހަމަދު ވިދާޅުވީ ސިވިލް ކޯޓުން މިދިޔަ ހޯމަ ދުވަހު ނެރުނު އަމުރު އިސްތިއުނާފު ކުރަން އެޓާނީ ޖެނެރަލްގެ އޮފީހަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.

"މިސާލެއްގެ ގޮތުން ބުނާނަމަ، ބަޔަކު ވައްކަމެއް ކޮށްފަ، އެ ވައްކަން ފޮރުވަން ސިވިލް ކޯޓަށް ދިޔައިމަ އޭތި ބަލައެއް ނުގަނެވޭ. މިއީވެސް އެކަހަލަ ކަމެއް،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން ކޮރަޕްޝަނަށް ދެނީ ޒީރޯ ޓޮލަރެންސް ކަމަށް ވީއިރު، އެކަން ޓްރާންސްޕޯޓުން ވެސް ދަމަހައްޓާނެއެވެ.

ގަވައިދާ ހިލާފަށް އުޅަނދުތަކެއް ރަޖިސްޓްރީ ކޮށްފައިވާކަން ދެނެގަނެވިފައި ވަނީ އެ މިނިސްޓްރީން ކުރިއަށް ގެންދިޔަ އިންޓާނަލް އޮޑިޓަކުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން މިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހެޅުމެއް ނެތި، ގަވައިދާ ހިލާފަށް 202 ވެހިކަލެއް ރަޖިސްޓްރީ ކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމާ ގުޅޭ އިތުރު މައުލޫމާތު ދެއްވަމުން ހަމަދު ވިދާޅުވީ މި އަމަލު ހިންގާފައި ވަނީ މިނިސްޓްރީގެ އައިޓީ ސިސްޓަމް ހެކްކޮށްގެން ކަމަށެވެ.

ސިސްޓަމްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެކިއިރު ސެކިއުރިޓީ އޮޑިޓްތައް ކުރިއަށް ގެންދާ ކަމަށާއި، މި އަހަރު ފެށުނީއްސުރެ އާ ސޮފްޓްވެއާއަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު، ދިމާވި ދަތިތަކާ ގުޅިގެން އެކަން ފުރިހަމައަށް ނިމިފައި ނުވާ ނަމަވެސް, ޓެސްޓިން ފޭސް ކުރިއަށްދާ ކަމަށާއި އާ ސޮފްޓްވެއާގެ މަސައްކަތް ނިމުނުހާ އަވަހަކަށް ޑޭޓާ މައިގްރޭޓް ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް ހަމަދު ވިދާޅުވިއެވެ.