04 Apr 2012, 09:39
މިދިޔަ އާދީއްތަ ދުވަހު ވެސްޓްޕާކް ކައިރިން ވަޅި ހަރައި މީހަކު މަރާލި މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި ފަސް މީހުންގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްދީފި އެވެ.
ފުލުހުންގެ އޮފިޝަލަކު މިއަދު ވިދާޅުވީ މ. ފެއަރީކޯނާ، އަލީ ޝިފާން 33، މަރާލި މައްސަލައިގެ ތުހުމަތަށް ހައްޔަރު ކުރި ފަސް މީހުންގެ ތެރެއިން ހަތަރު މީހުންނަށް ޖަހާދީފައި ވަނީ ފަސް ދުވަހުގެ މުއްދަތު ކަމަށާއި އަނެއް މީހާ އަށް ޖަހައިދީފައި ވަނީ 15 ދުވަހުގެ މުއްދަތު ކަމަށެވެ.
އެ މީހުންގެ ތެރެއިން 15 ދުވަހަށް މުއްދަތު ޖަހައިދީފައި ވަނީ ޅ. ކުރެންދޫ، މާފަހި، މުހައްމަދު އާސިފް އަށެވެ. އަދި އެ މައްސަލައިގައި ހައްޔަރު ކުރި ކުޑަކުއްޖާ އާއި ހދ. ކުމުންދޫ ފިނިފެންމާގޭ، އަލީ މަލާޝް އާއި މާލޭ ދަފުތަރު، މުހައްމަދު ޝައިފާން އާއި ޅ. ކުރެންދޫ މާފަހި، އަލީ އާސިފުގެ ބަންދަށް އިތުރުކޮށްދީފައި ވަނީ ފަސް ދުވަސް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މ. ފެއަރީކޯނާ، އަލީ ޝިފާން 33، މަރުވީ ވެސްޓް ޕާކް ކައިރިން ވަޅިންހަމަލަދީ ޒަހަމްކޮށްލުމަށް ފަހު ބިންމައްޗަށް ވައްޓާލާފައި އޮއްވައި ފެނިގެން ފަރުވާދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައި ވަނިކޮށެވެ. އޭރު އައިޖީއެމްއެޗުން ބުނެފައި ވަނީ ޝިފާން ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށެވެ.
އޭނާ ގަޔަށް ވަޅި ހެރީ ޖީއެން ސައިކަލެއްގައި ދިޔަ ދެ މީހަކު ކަމަށް މަންޒަރު ދުށް މީހަކު ބުނެފައިވާ ކަމަށާއި ޝިފާންގެ ބައިމަތިން ތިން ތަނަކަށާއި އަތުގެ ބައެއް ތަންތަނަށް ވަޅި ހަރާ ޒަހަމްކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. ވަޅި ހަރާ ޒަހަމް ކޮށްލުމަށް ފަހު ޝިފާން ބިންމައްޗައް ވައްޓާލާފައި ވަނިކޮށް ފެނުނީ ސިފައިންގެ މީހަކެވެ.