19 Oct 2022, 16:18
މިދިޔަ ޖޫން މަހު މާރާމާރީ ހިންގައި މަރާލާފައިވާ ސ. ފޭދޫ، ސޮލިޑް، އުމުރުން 21 އަހަރުގެ މުޙައްމަދު ޒަޔާން މޫސާ، މަރުވުމުގެ ކުރިން އޭނާއަށް ހަމަލާދިން މީހުންގެ މައުލޫމާތު ފުލުހުންނަށް ދިން ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ޒަޔާންގެ މަރުގެ މައްސަލައިގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޑެތު އެންޑް ހޮމިސައިޑް އިންވެސްޓިގޭޝަން ޔުނިޓްގެ ހެޑް، އިންސްޕެކްޓާ އޮފް ޕޮލިސް މުޙައްމަދު ސާމިހް ވިދާޅުވީ ފުލުހުން ސީންއަށް ދިޔައިރު ޒަހަމްތަކާއެކު ޒަޔާން ގޭގައި އޮތް ކަމަށެވެ. އެވަގުތު ވާހަކަ ދެކެވޭތީ ބައެއް ވާހަކަތައް އޭނާ ފުލުހުންނަށް ކިޔައިދިން ކަމަށް ސާމިހް ވިދާޅުވިއެވެ.
"މިހަމަލާއާ ގުޅޭގޮތުން މައުލޫމާތު ސާފު ކުރުމަށް އެވަގުތު ފުލުހުން ވެސް ސުވާލު ކޮށްފައިވޭ. އެގޮތުން ޒަޔާންއާ ސުވާލު ކުރުމުން ހަމަލާދިން ގޮތާއި ހަމަލާދިން މީހުންނާ ގުޅޭ ވާހަކަތައް ޒަޔާން އެވަގުތު ވާހަކަ ދައްކާފައިވޭ،" ސާމިހް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި ހަމަލާ ދީފައިވަނީ ދުރާލާ ރާވައިގެން ކަމަށެވެ. މި މާރާމާރީއަކީ އައްޑޫ ސިޓީގެ ފޭދޫގައި ޖަމާއަތް ހަދައިގެން ކުށް ކުރަމުން އަންނަ ދެ ބައެއްގެ ތެރޭގައި ހިންގި ސިލްސިލާ މާރާމާރީއެއް ކަމަށް ވެސް ސާމިހް ވިދާޅުވިއެވެ. އެގޮތުން ޒަޔާން މަރާލީ ބަދަލުހިފުމުގެ މާރާމާރީއެއްގެ ތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ޒަޔާންއަށް ހަމަލާދިނުމަށް ދުރާލާ ރޭވި، ޒަޔާން ދިރިއުޅޭ ގެއަށް މެންދަމުގެ ވަގުތު ހަމަލާދިނުމުގެ ބޭނުމުގައި ބަޔަކު ވަގަށް ވަދެ، ޒަޔާނަށް ފާރަވެރިވެ ތިބުމަށް ފަހު، ތޫނު ހަތިޔާރު ބޭނުންކޮށްގެން ޒަޔާނަށް ހަމަލާދީފައިވާކަން ފާހަގަ ކުރެވޭ،" ސާމިހް ވިދާޅުވިއެވެ.
ޒަޔާނަށް ހަމަލާ ދޭން އައުމުން ސަލާމަތް ވުމަށް އޭނާ އެ ގޭގެ އެއްވަނަ ފަންގިފިލާއަށް އެރި ކަމަށާއި އެތަނަށް އޭނާ ވަރު ދޫވެގެން ވެއްޓުނު ކަމަށް ވެސް ސާމިހް ވިދާޅުވިއެވެ.
ޒަޔާންގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި މީހުން:
އަހުމަދު ނަބީލް، 32އ. (ސ. ފޭދޫ/ ސަންޝައިން).
އައިލިޝް އަލީ، 29އ. (ސ. ފޭދޫ/ ފުފޫމާގޭ)
އަބްދުﷲ ނިޒާރު, 28އ. (ސ. ފޭދޭ/ ކާމަރަނގަގެގެ)
އަހުމަދު އަބްދުﷲ، 25އ. (ސ. ފޭދޫ/ ކަރަންފޫގެ)
އަހުމަދު ޝުޖާއު، 24އ. (ސ.ފޭދޫ/ ދިރިމާގޭ)
އަބްދުﷲ ރަޝީދު، 22އ. (ސ.ފޭދޫ/ ދިރިމާގޭ)
ޔައިޝް އަންވަރު، 19އ. (ސ.ފޭދޫ/ ކަދުރުމާގެ)
އެ މީހުންގެ ތެރެއިން 22 އަހަރާއި 34 ދެމެދުގެ ހަ މީހުންނަކީ ހަތަރު ކުޑަކުއްޖަކު ލައްވައި ޒަޔާނު މަރާލުމަށް ރާވައި، އެކަން އިންތިޒާމް ކުރި މީހުން ކަމަށް ސާމިހް ވިދާޅުވިއެވެ.
އުމުރުން 15 އަހަރާއި 18 އަހަރާ ދެމެދުގެ އެ ހަތަރު ކުދިން ވެސް ވަނީ ހައްޔަރުކޮށްފައެވެ. އެ ކުދިންނަކީ ޒަޔާނަށް ހަމަލަ ދިނުމުގެ އިތުރުން ހެކި ނައްތާލުމުގައި ހަރަކާތްތެރިވި ކުދިން ކަމަށާއި އެކަމުގައި އަމަލީ ގޮތުން ދެން ބައިވެރިވެފައިވަނީ ޔައިޝް އަންވަރު ކަމަށް ފުލުހުން ބުންޏެވެ.
"ހަމަލާދިނުމަށް ބޭނުންކުރި ބައެއް ތަކެތި ނައްތާލުމަށް އަލިފާން ހުޅުގަނޑެއް ޖަހައި މަސައްކަތް ކޮށްފައިވާ ކަމަށް ތަހުގީގަށް ހޯދުނު ހެކިތަކުން ފާހަގަ ކުރެވިފައިވޭ." ސާމިހް ވިދާޅުވިއެވެ.
ހަމަލާދިނުމަށް ފަހު ފިލަން އުޅުނު މަންޒަރާއި ހެކިނައްތާލުމަށް ކުރި މަސައްކަތް ސީސީޓީވީ ފުޓޭޖުން ފެންނަ ކަމަށް ވެސް ސާމިހް ވިދާޅުވިއެވެ. އަދި ސީންއިން ހޯދުނު ބައެއް ހެކިތައް މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހެއްގެ ޑީއެންއޭއާ ދިމާވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ހަމަލަ ދިން މީހުން ސޮލިޑް ގޭގައި ތިބިއިރު ރޭވުމުގެ އިސްކޮށް އުޅުނު މީހުން ސ. ފޭދޫގެ ކެފޭއެއްގެ ތެރޭގައި އެރޭގެ މެންދަމު 12:00 އިން 1:00 ދެމެދު ހަމަލާ ދިނުމާ ހަމައަށް ހަމަލާގެ އިންތިޒާރުގައި ތިބިކަން ތަހުގީގަށް ވަނީ ފާހަގަކުރެވިފަ," ސާމިހް ވިދާޅުވިއެވެ.
އެކަން ކަށަވަރުވާނެ ފޯން ކޯލުތަކުގެ ތަފްސީލް ފުލުހުން ވަނީ ހޯދާފައެވެ. އެގޮތުން ކެފޭގައި ތިބި މީހުންގެ ތެރެއިން މީހަކަށް، ހަމަލާ ދިނުމަށް ދިޔަ މީހަކު ގުޅައި އެ ވާހަކަތައް ކިޔައިދިން ކަމަށް ވެސް ސާމިހް ވިދާޅުވިއެވެ.
ސައުތު ޕޮލިސް ހެޑް، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝަމީމް ވިދާޅުވީ މައްސަލައިގެ ތަހުގީގުގެ ކުރީކޮޅު ސޯޝަލް މީޑިއާގަޔާއި ބައެއް ނޫސްތަކުން ބައެއް ފުލުހުންނަށް ތުހުމަތުތައް ކުރިކަމަށެވެ. އެކަން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސްއިން ތަހުގީގު ކުރިއިރު އެފަދަ ކަމެއް ހިނގި ކަމުގެ ހެކި ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.