އައްޑޫ ސިޓީ ހިތަދޫ ޝަރަފުއްދީން ސްކޫލުގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުވެ، ވަޒީފާ ގެއްލުނު އާމިނަތުދިޔެ (އައިމިންދައްތަ) އަށް އެ ސްކޫލުގައި އަދާކުރި މަސައްކަތު މީހާގެ ވަޒީފާ އަނބުރާ ދީފިއެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މިދިޔަ މަހު ކުރީކޮޅޫ އަންގާފައިވަނީ އައިމިންދައްތައަށް ވަޒީފާ ދިނުމަށާއި ސަސްޕެންޑްކޮށްފައި ހުރި މުއްދަތަށްވާ މުސާރަ އާއި އިނާޔަތް ދިނުމަށެވެ.

އައިމިންދައްތަ މިނިވަން ކުރުމުގެ މަސައްކަތުގައި އިސްކޮށް އުޅުނު މީހަކު މި ނޫހަށް ބުނިގޮތުގައި މަސައްކަތު މީހެއްގެ ވަޒީފާ މިދިޔަ މަހުގެ ތެރޭގައި އައިމިންދައްތައަށް ދީފައިވާ ކަމަށެވެ.

ނަމަވެސް ބަދަލުގެ ގޮތުގައި ދޭން އެންގި ފައިސާ އަދި ވެސް ނުދޭ ކަމަށް އޭނާ ބުންނެވެ.

އައިމިންދައްތައަށް އަނބުރާ ވަޒީފާ ލިބުން ފާހަގަ ކުރުމަށް މިއަދު ވަނީ ހިތަދޫ އަވަށު އޮފީހުގައި ހަފްލާއެއް ވެސް ބާއްވާފައެވެ.

އެ މައްސަލައިގައި އައިމިންދައްތަ ހައްޔަރުކުރީ މި އަހަރުގެ މާޗު މަހުގެ 31 ވަނަ ދުވަހުއެވެ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައެވެ. އެ އަމުރު އައިމިންދައްތަގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު, އެ ކޯޓުން ވަނީ އެ އަމުރަށް ތާއިދުކޮށްފައެވެ.

އާމިނަތުދިޔެ ބަންދުން ދޫކޮށްލީ 22 ދުވަސް ފަހުން، ދައުވާކުރަން އެކަށޭނަ މިންވަރަށް ހެކި ނެތް ކަމަށް ބުނެއެވެ.

އޭނާ ހައްޔަރުކުުރުމާ ގުޅިގެން އައްޑޫގައި ވަނީ ސިލްސިލާ މުޒާހަރާތަކެއް ވެސް ބާއްވާފައެވެ. އާމިންދައްތަގެ އާއިލާގެ މީހުން ބުނާ ގޮތުގައި އެ ކުއްޖާއަށް ގޯނާކުރީ ކާފަ ކަމަށް އެ ކުއްޖާ ވަނީ ތަހުގީގަށް ކިޔައިދީފައެވެ. ނަމަވެސް ފުލުހުން އޭގެން އެއްވެސް ކަމެއް ޔަގީންކޮށެއް ނުދެއެވެ.