ދިރުވާލައިގެން 83 ބްލެޓް މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ސައުތު އެފްރިކާގެ ފިރިހެނަކު 12 އަހަރާއި ހަ މަސް ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފިއެވެ.

އޭނާގެ މައްޗަށް މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމުގެ ދައުވާ އުފުލާފައިވަނީ މިއަހަރުގެ ޖޫން މަހު 17 ވަނަ ދުވަހު ގަތަރުން ރާއްޖެ އައި އައިރު ހަށިގަނޑުގެ ތެރޭގައި މަސްތުވާތަކެތި ފޮރުވައިގެން އެތެރެކޮށްފައިވާތީއެވެ.

ދައުވާގެ ހުލާސާގައި ބުނެފައިވާ ގޮތުން އޭނާ ވަނީ އެއާޕޯޓް ތެރޭގައި ހުރެ އޭނާގެ ހަށިގަނޑު ތެރޭގައި މަސްތުވާތަކެތި ހުރި ކަމަށް އެއްބަސްވެފައެވެ. އަދި 80 ބްލެޓްގެ މަސްތުވާތަކެތި ހަށިގަނޑުގެ ތެރޭގައި ހުންނާނެ ކަމަށް އޭރު އޭނާ ވަނީ ފުލުހުން ގާތު ވެސް ބުނެފައެވެ.

ކަސްޓަމްސް މުވައްޒަފުންގެ ހާޒިރުގައި އޭނާ ދެ ފަހަރު މަތިން ބޮޑުކަމުގޮސް 20 ބްލެޓް މަސްތުވާތަކެތި ނަގާފައިވެއެވެ. އަދި ފުލުހުންނާ ހަވާލުކުރުމުން އޭނާ ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށެވެ. އެތަނުން ހެދި ސްކޭން އިން ހަށިގަނޑުގެ ތެރޭގައި ފޮރިން ބޮޑީސް ހުރިކަމަށް ދެއްކިއެވެ.

އެތަކެތި އަމިއްލައަށް ބޭރު ކުރުމަށް އޭނާ އެއްބަސްވެ އެކަން ކުރެވޭނެ ކަމަށް ޑޮކްޓަރު ލަފާ ދެއްވުމުން ފުލުހުންގެ ހާޒިރުގައި އޭނާ ގެންގޮސްފައިވަނީ އޭނާ އަމިއްލައަށް ހުރުމަށް ބުކިން ހަދާފައިވާ ގެސްޓްހައުސައަށެވެ.

ސައުވީސް ގަޑިއިރު ތެރޭގައި ނުވަ ފަހަރު ބޮޑުކަމު ގޮސްގެން އޭނާގެ ހަށިގަނޑުގެ ތެރެއިން ބޭރުކުރި 83 ބްލެޓްގެ ތެރޭގައި 896.087 ގްރާމް ކޮކެއިން ހުރި ކަމަށް ދައުވާގެ ހުލާސާގައި ވަނީ ބުނެފައެވެ.

ތަހުގީގީ މަރުހަލާއިން ފެށިގެން ޝަރީއަތުގެ މަޖިލީހުގައި ވެސް ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އެއްބަސްވެ އުފުލާފައިވާ ދައުވާއަށް އިއުތިރާފްވެފައެވެ.

އަމިއްލައަށް ވަކީލަކު އައްޔަނު ކުރެވޭނެ މާލީ ގާބިލްކަން ނެތުމުން މައްސަލައިގައި އޭނާ ކުރިއަށް ގޮސްފައިވަނީ ދައުލަތުން ހަމަޖެއްސި ވަކީލުގެ ހާޒިރުގައެވެ.

އިބްތިދާއީ އަޑުއެހުމުގައި ދައުވާއަށް އޭނާ އިއުތިރާފްވެފައިވާތީ ބޭއްވި އަވަސްނިޔާގެ އަޑުއެހުމުގައި ގާޒީ އިސްމާއީލް ޝަފީއު ވަނީ ސައުތު އެފްރިކާގެ އެ މީހާގެ މައްޗަށް 12 އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވައި އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ހުކުމް ކޮށްފައެވެ.