ސްޕެނިޝް ލަލީގާއި ރަޔޯ ވަޔެކާނޯއިން އެތުލެޓިކޯ މެޑްރިޑް މޮޅުވިޔަ ނުދީ ހިފަހައްޓައިފިއެވެ.

ރޭ އެތުލެޓިކޯގެ އަމިއްލަ ދަނޑުގައި ވަޔެކާނޯއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

އެ މެޗުގައި ދެ ޓީމުގެ ފަރާތުން ވަނީ ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މެޗުގެ 20 ވަނަ މިނެޓުގައި އެތުލެޓިކޯގެ އަލްވާރޯ މޮރާޓާ ވަނީ ގޯލުޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ އެންޓޮއިން ގްރީޒްމަން ތިރިތިރިން ހުރަސްކޮށްލި ބޯޅައެއް ގޯލަށް ފޮނުވާޅައިގެން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

މެޗުގެ 63 ވަނަ މިނަޓުގައި ވަޔެކާނޯއިން ވަނީ ގޯލު ޖަހާނެ ރަނުގެ ފުރުސަތެއް ތަނަވަސްކޮށްފައެވެ. ސާޖިއޯ ކަމެލޯ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލު ދަނޑިކައިރިން ބޭރަށެވެ.

އެތުލެޓިކޯ މެޑްރިޑާއި ރަޔޯ ވަޔެކާނޯ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ލަލީގާ

މެޗުގެ 70 ވަނަ މިނެޓުގައި ވެސް ވަޔެކާނޯއިން ވަނީ ގޯލު ޖަހާނެ ފުރުސަތެއް ތަނަވަސްކޮށްފައެވެ. އެގޮތުން އެތުލެޓިކޯއަށް ކުޅުނު ރަޑަމެލް ފަލްކާއޯ ފޮނުވާލި ބާރު ހަމަލާ އެތުލެޓިކޯގެ ކީޕަރު އިވޯ ގްރިބިޗް އަތުގައި ޖެހިފައި ގޯލަށް ވަންނަން ދަނިކޮށް އެ ބޯޅަ ދިފާއުކުރީ ހޯޒޭ ޖިމިނޭޒްއެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓެކަށް ވެފައި ވަނިކޮށް ވަޔެކާނޯއަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އޭރިއާ ތެރެއިން އެތުލެޓިކޯގެ ޖިމިނޭޒް އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީ ގޯލަށް ފޮނުވާލީ ފަލްކާއޯއެވެ.

އެ ނަތީޖާއާއެކު 10 މެޗު ކުޅެ ލިބުނު 20 ޕޮއުންޓާއެކު އެތުލެޓިކޯ އޮތީ ތާވަލުގެ ތިން ވަނައިގައެވެ. ވަޔެކާނޯ އޮތީ 12 ޕޮއިންޓާ އެކު 10 ވަނައިގައެވެ. އެއްމަޗުން މަދުން ކުޅެ 22 ޕޮއިންޓު ބާސެލޯނާ ތާވަލުގެ ދެވަނައިގައި އޮތްއިރު ރެއާލް އެއްވަނައިގައި އޮތީ 25 ޕޮއިންޓާއެކުއެވެ.