19 Oct 2022, 11:39
ށ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން އެ އަތޮޅު ކައުންސިލުން ބާއްވާ މިލައުތުރު ސްޕޯޓްސް ފިއެސްޓާ ފުޓްސަލް މުބާރާތުގެ ފަނައިނަލުން ނަރުދޫ އާއި ފުނަދޫ ޖާގަ ހޯދައިފިއެވެ.
އެ މުބާރާތުގެ ފައިނަލަށް ނަރުދޫ ޖާގަ ހޯދީ އިއްޔެ ކުޅުނު ސެމީ ފައިނަލް މެޗުގައި މިލަންދޫ ބަލިކޮށްްގެންނެވެ. ނަރުދޫގައި ކުޅުނު އެ މެޗު ނަރުދޫއިން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ނަރުދޫގެ އިސްމާއިލް ޝަފީއުއެވެ.
ނަރުދޫ ސެމީއަށް ގޮސްފައި ވަނީ ޕްލޭއޮފް ބުރުގައި ކޮމަންޑޫ ބަލިކޮށް އަދި ގޮއިދޫއާ ކުޅުނު މެޗުން އެއްވަރުވެގެންނެވެ. ޕްލޭއޮފް ބުރުގެ ފުރަތަމަ މެޗުގައި ޅައިމަގުގައި ކުޅެ ގޮއިދޫ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. އަދި ގޮއިދޫއާ ދެކޮޅަށް ފޭދޫގައި ނަރުދޫ ކުޅުނު މެޗު ނިމުނީ 3-3 ގެ ނަތީޖާއަކުން މެޗު އެއްވަރުވެގެންނެވެ.
މި ނަތީޖާއާއިއެކު ޕްލޭއޮފް ބުރުގައި ގޮއިދޫއަށާއި ނަރުދޫއަށް ހަތަރު ޕޮއިންޓް ލިބުނުއިރު، ނަރުދޫއަށް ސެމީގެ ޖާގަ ލިބިފައިބަނީ ފައިދާ ގޯލުން ކުރި ލިބިގެންނެވެ. ގޮއިދޫ ޕްލޭއޮފް ބުރުގައި ކުޅުނު ފުރަތަމަ މެޗުގައި ކޮމަންޑޫއާ ދެކޮޅަށް ކުޅެ އެ ޓީމު ވަނީ 2-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

ސެމީ ފައިނަލްގައި މިލަންދޫއާއި ކަނޑިތީމި ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ތިލަދުން
މިލައުތުރު ސްޕޯޓްސް ފިއެސްޓާގެ ފައިނަލުން ފުނަދޫ ޖާގަ ހޯދީ ސެމީ ފައިނަލް މެޗުގައި ކަނޑިތީމު ބަލިކޮށްގެންނެވެ. ފޭދޫގައި ކުޅުނު އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު މެޗުގެ ނަތީޖާ ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އެހެންކަމުން ނަތީޖާ ނެރުމަށް ޕެނެލްޓީ ޖަހައި 6-5 ގެ ނެތީޖާއިން ކަނޑިތީމްގެ މައްޗަށް ކުރި ހޯދައި ފުނަދޫ ވަނީ ފައިނަލަށް ދަތުރުކޮށްފައެވެ.
ފުނާދޫ ސެމީއަށް ދަތުރުކުރީ އެ މުބާރާތުގެ ގްރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެ ޓީމު ވަނީ ކުޅުނު ތިން މެޗުން ވެސް މޮޅުވެފައެވެ.
މިލައުތުރު ސްޕޯޓްސް ފިއެސްޓާ ފުޓްސަލް މުބާރާތުގެ ފައިނަލް މެޗު ކުޅެން ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:00 ގައެވެ. އެ މެޗު ކުޅޭނީ ނަރުދޫގައެވެ.