19 Oct 2022, 11:28
ރަންބީރު ކަޕޫރު އާއި އަނަންޔާ ޕާންޑޭ އެކުގައި ޓީވީ އިޝްތިހާރަކުން ފެނުމުން އެ ދެ ތަރިން އެކުގައި ކާސްޓު ނުކުރުމަށް ގިނަ ބަޔަކު ގޮވާލައިފިއެވެ.
މި ދެ ތަރިން އެކުގައި މީގެ ކުރިން ފިލްމަކުންވެސް ފެނިފައި ނުވާއިރު އެންމެ ފުރަތަމަ މި ފެނުނީ ޓީވީ އިޝްތިހާރަކުންނެވެ. މި އިޝްތިހާރަކީ ސަގާފީ ހެދުންތައް ދައްކުވައިދޭ ކްލޯތިންގ ބްރޭންޑެއްގެ އިޝްތިހާރެކެވެ. ކުރު ވީޑިއޯގައި ފެންނަނީ އިންނަން އުޅޭ ދެ މީހުން ހެދުން އަޅައި ތައްޔާރުވާ މަންޒަރެވެ.
މި ވީޑިއޯ ރިލީޒް ކުރުމާ ގުޅިގެން ގިނަ ބަޔަކު ފާޑު ކިޔައި ވީޑިއޯ އަށް ދަނީ 'ޑިސްލައިކް' ދެމުންނެވެ. އެންމެ ގިނަ މީހުން ކޮށްފައިވާ ކޮމެންޓަކީ ދެ ތަރިންގެ ހުރި އަހަރުގެ ތަފާތުގެ ސަބަބުން ވީޑިއޯ ކަމު ނުގޮސް ބަލަން އުނދަގޫ ވުމެވެ. އަލަށް ތައާރަފްވެފައިވާ އަނަންޔާ ޕާންޑޭ އަަށް 23 އަހަރު ވެފައިވާއިރު ރަންބީރު އަށް މިހާރު 40 އަހަރެވެ.
މީގެ އިތުރުން، މުޅި އިސްތިހާރުގައިވެސް ހީވަނީ އޭނާގެ ބައްޕަ އުމުރުގެ މީހަކާއެކު އުޅޭހެން ކަމަށާއި ދެ މީހުން ލޯބިވެރިންގެ ގޮތުގައި ނުދެއްކި ނަމަ މާ ރަނގަޅުވީސް ކަމަށް ބުނެފައިވެއެވެ.
އެހެންނަމަވެސް، ބައެއް ފަރާތްތައް މި ދެތަރިންނަށް ތަރުހީބު ދީފައިވެއެވެ.
'ވަރަށް ތަފާތު. ހީވެސް ނުކުރާ ދެމީހުން އެކީގައި މަސައްކަތް ކުރީމައި އަހަރުމެންނަށް ތަފާތު އެއްޗެއް މި ފެންނަނީ ޓީވީން" ކޮމެންޓެއްގައި ވެއެވެ.
ރަންބީރު އާއި އަނަންޔާ އާ ދެ ތަރިންވެސް ދަނީ ވަކި ވަކި ޕްރޮޖެކްޓުތަކެއްގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ސަންދީޕު ރެޑްޑީ ވަންގާގެ 'އެނިމަލް'ގެ މަސައްކަތާއި ޝްރައްދާ ކަޕޫރުއާއެކު ލޯބީގެ ފިލްމެއްގެ މަސައްކަތްވެސް ރަންބީރު ކުރެއެވެ. އަނަންޔާ 'ޑްރީމް ގާލް 2'ގެ މަސައްކަތް އަޔުޝްމާން ކުރާނާއާއެކު ދަނީ ކުރަމުންނެވެ. މިހާތަނަށް އޭނާގެ ފަސް ފިލްމެއް ރިލީޒްކޮށްފައިވާއިރު ގިނަ ފިލްމުތަކަކީ ފްލޮޕް ފިލްމުތަކެވެ.