މިރޭ އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލާއި މެންޗެސްޓާ ސިޓީ ބައްދަލުކުރަން އޮތް މެޗު ފަސްކޮށްފިއެވެ.

ޕްރިމިއާ ލީގުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އާސެނަލާއި ސިޓީ ބައްދަލުކުރާ މެޗު ފަސްކުރަން އެ ލީގުން ނިންމީ މާދަމާ ރޭ އާސެނަލް ޔޫރޮޕާ ލީގުގައި ޕީއެސްވީ އާ ދެކޮޅަށް ކުޅެން ޖެހޭތީއެވެ.

މިރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުމަށްފަހު މާދަމާ ރޭ ޔޫރޮޕާ ލީގުގައު ކުޅުމަށް އާސެނަލްއަށް އުނދަގޫވާނެކަން ގަބޫލުކުރާކަމަށް އެ ބަޔާނުގައިވެއެވެ.

ޔޫރޮޕާ ލީގުގެ މެޗުތައް ފަސްކުރެވެން ނެތުމުން ޕްރިމިއާ ލީގުން ނިންމީ އެ ލީގުގައި ކުޅޭ މެޗު ފަސްކުރާށެވެ.

ޔޫރޮޕާ ލީގުގައި ޕީއެސްވީ އަދި އާސެނަލް ބައްދަލުކުރާ މެޗަކީ މިދިޔަ މަހުގެ 15 ވަނަ ދުވަހު ކުޅޭގޮތަށް ހަމަޖައްސާފައިވާ މެޗެކެވެ. ނަމަވެސް އެ މެޗަކީ އިނގިރޭސި ވިލާތުގައި ކުޅޭ މެޗަކަށް ވެފައި އެ ގައުމުގެ ރާނީ ކުއީން އެލެޒިބަތު އަވަހާރަވުމާ ގުޅިގެން އެ ގައުމުގެ ފުލުހުންނަށް ދަނޑުގައި ސެކުއިރިޓީ ދެވެން ނެތުމުން މެޗު ފަސްކުރީއެވެ.

ޕްރިމިއާ ލީގުން ބުނީ އާސެނަލާއި ސިޓީ ބައްދަލުކުރާ މެޗު ދެން ކުޅޭނެ ދުވަހެއް ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށެވެ.

ޕްރިމިއާ ލީގުގައި އާސެނަލާއި ސިޓީ ބައްދަލުކރާ މެޗަކީ ދެ ޓީމަށް ވެސް ވަރަށް މުހިންމު މެޗެކެވެ. ސަބަބަކީ އެ މެޗުގައި ލީގު ތާވަލުގެ އެއްވަނަ އާއި ދެވަނައިގައި އޮތް ޓީމުގެ ކުރިމަތިލާތީއެވެ.

އާސެނަލް ތާވަލުގެ އެއްވަނައިގައި އޮތީ 27 ޕޮއިންޓާއެކުއެވެ. އަދި ސިޓީ ތާވަލުގެ ދެވަނައިގައި އޮތީ 23 ޕޮއިންޓާއެކުއެވެ. އާސެނަލްއަށް އެ މެޗުން މޮޅުވެގެން އެއްވަނައިގައި ލީޑު ފުޅާކުރެވޭއިރު ސިޓީއަށް މޮޅުވެގެން އާސެނަލްއާ ދެމެދުގައިވާ ފަރަގު ކުޑަކުރެވޭނެއެވެ.