04 Apr 2012, 09:05
ނޮންޕެން (މާޗް 4): "އެސޯސިއޭޝަން ފޯ ސައުތު އޭޝިޔަން ނޭޝަންސް" އާސިޔާންގެ ޤައުމުތަކުގެ މި އަހަރުގެ އަމާޒަކީ އެޖަމާއަތުގެ ޤައުމުތަކުގެ މެދުގައިވާ ތަރައްޤީގެ ފަރަގުތައް ކުޑަކުރުމަށް ކަމަށް ކެންބޯޑިޔާގެ ބޮޑުވަޒީރު ހުންސެން ވިދާޅުވެއްޖެވެ.
ދެކުނު އިރުމަތީ އޭޝިޔާގެ 10 ޤައުމު ހިމެނޭ އާސިޔާންގެ އެންމެ އިސްވެރިންގެ ސަމިޓް އިފްތިތާޙް ކޮށްދެއްވަމުން ހުންސެން ވިދާޅުވީ ވީއެންމެ ކުރުމުއްދަތެއްގެ ތެރޭގައި ޔޫރަޕްގެ އިއްތިޙާދުފަދަ ކުރިއަރާފައިވާ ޖަމާއަތަކަށް އާސިޔާން ހެދުމަށްޓަކައި އެޖަމާއަތުގައި ހިމެނޭ ފަގީރު ޤައުމުތަކުގެ އިންފްރާސްޓްރަކްޗަރ ޒަމާނާއެއްގޮތަށް ބިނާކޮށް ތަރައްޤީގެ ރޮނގުގައި އާސިޔާންގެ ޤައުމުތަކުގެ މެދުގައިވާ ތަފާތުތައް ކުޑަކުރަންޖެހިފައިވާ ކަމުގައެވެ.
މިކަމަށްޓަކައި އާސިޔާންގައި ހިމެނޭ މުއްސަނދި އަދި ތަރައްޤީވެފައިވާ ޤައުމުތަކުގެ މާލީ އަދި ފަންނީ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންކަމަށް ހުންސެން ވިދާޅުވި އެވެ. އާސިޔާނުން މިހާރު ކުރިޔަށްދަނީ އެޤައުމުތަކުގެ މެދުގައި ގުޅިފައިވާ މާކެޓެއް (ކޮމަން މާކެޓެއް) 2015 އާ ހަމައަށް އުފެއްދުމުގެ ޢަމަލީ މަސައްކަތްތައް ކުރަމުންނެވެ.
މީގެއިތުރުން އެޖަމާއަތުގެ 10 ޤައުމު ޝާމިލްވާގޮތަށް ކާބޯތަކެތީގެ ޔަގީންކަން (ފުޑްސެކިއުރިޓީ) ޤާއިމްކުރުމުގެ މެކޭނިޒަމްތަކެއް ވެސް އެޖަމާއަތުން ގެންދަނީ އެކަށައަޅަމުންނެވެ. މީގެތެރޭގައި ދަނޑުވެރިކަން ޒަމާނީ ގޮތަށް ތަރައްޤީކުރުމަށްޓަކައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރުން ހިމެނެ އެވެ.
އާސިޔާންގައި ހިމެނޭ މެލޭޝިޔާ، ދެކުނު ކޮރެޔާ އަދި ސިންގަޕޫރު ފަދަ ޤައުމުތަކަކީ ތަރައްޤީއާއި ސިނާޢީ ގޮތުން ވަރަށް ބޮޑަށް ކުރިއަރާފައިވާ މުއްސަނދި ޤައުމުތަކެވެ. މިއާޚިލާފަށް ކެންބޯޑިޔާ އަދި މިޔަންމާ ފަދަ ޤައުމުތަކަކީ އިންފްރާސްޓްރަކްޗަރ ބަލިކަށި ފަގީރު ޤައުމުތަކެވެ. އާސިޔާންގެ ސަމިޓް ނޮންޕެންގައި ފެށުނީ އިއްޔެ އެވެ. މިސަމިޓްގައި އާސިޔާންގެ ޤައުމުތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވަ އެވެ. (ރޮއިޓާސް)