ސިއްހީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލު ކުރުމަށް ފަހު ރާއްޖޭގައި ސްޕެޝަލައިޒް ވުމުގެ ފުރުސަތު ހުޅުވާލުމުގެ ތައްޔާރީތައް ހެލްތު މިނިސްޓްރީން ފަށައިފިއެވެ.

ހެލްތު މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އައިމިނަތު ޝަތުފާ ޝަފީއު މިރޭ "ސަން"އަށް ވިދާޅުވީ މެޑިކަލް ސްޕެޝަލައިޒޭޝަން ފުރުސަތު ފުރަތަމަ ހުޅުވާލާނީ ސިއްހީ އިބްތިދާއީ ހިދުމަތް ނުވަތަ ޕްރައިމަރީ ހެލްތުކެއާގެ ދާއިރާއިން ކަމަށެވެ.

ތިން އަހަރަށް ދެމިގެންދާ އެ ކޯސް ބާއްވާނީ ހެލްތު މިނިސްޓްރީ އާއި ގައުމީ ޔުނިވާސިޓީ އާއި އިނގިރޭސިވިލާތުގެ ރޯޔަލް ކޮލެޖު އޮފް ޖެނެރަލް ޕްރެކްޓިޝަނާސް ގުޅިގެން ކަމަށް ޝަތުފާ ވިދާޅުވިއެވެ. އަދި އެ ކޯހުގެ ޚަރަދާ ގުޅުން ހުރި ކަންތައްތައް ފިނޭންސް މިނިސްޓްރީން މިހާރު ބަލަމުންދާ ކަމަށާއި އަންނަ އަހަރުގެ ޖޫން، ޖުލައި ހިސާބުގައި ކޯސް ފެށޭ ވަރު ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕްރައިމަރީ ހެލްތު ކެއާ އިއާދަ ކުރުމަކީ މި ސަރުކާރުގެ ވައުދެއްކަން ފާހަގަކުރައްވައި ޝަތުފާ ވިދާޅުވީ އެ ދާއިރާއިން ސްޕެޝަލައިޒް ވުމުގެ ފުރުސަތު އެންމެ ފުރަތަމަ ހުޅުވާލަން ނިންމީ 'ޕްރިވެންޝަން ބިފޯ ކިޔޯ' ނުވަތަ ބައްޔަށް ފަރުވާ ކުރަން ޖެހުމުގެ ކުރިން ބަލިވުން ހުއްޓުވުމަށް ފިޔަވަޅު އެޅުމުގެ ސިޔާސަތުގެ ދަށުން ކަމަށެވެ.

"ޕްރައިމަރީ ހެލްތު ކެއާ ލޯންޗު ކުރާއިރު އެބަ ބޭނުންވޭ ތަމްރީނު ކުރެވޭ ގޮތް ވެސް، ދާއިމީ ގޮތެއްގަ ދިވެހިރާއްޖޭގަ އެކަން ކުރެވޭ ނަމަ ފަސޭހަވާނެ،" އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ޕްރައިމަރީ ހެލްތުކެއާގެ އާ މަޝްރޫއެއް ފަށަން ނިންމާފައިވާކަން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިދިޔަ އަހަރުގެ އޭޕްރިލް މަހު އިއުލާންކުރެއްވިއެވެ.

ނަސީމް ވިދާޅުވީ ޕްރައިމަރީ ހެލްތުކެއާގެ ވިސްނުމަކީ، ހެލްތުކެއާ ވޯކަރުން ކުރީ ސަފުގައި ތިބެގެން އަދި އެހެނިހެން ހެލްތު ޕްރޮފެޝަނަލުންގެ ވެސް ދައުރު ފުޅާކޮށް ޓީމެއްގެ ގޮތުގައި ރަށު ފެންވަރުގައި، ރައްޔިތުންނާ ގާތުން ހިދުމަތްތައް ފޯރުކޮށްދީ، ބަލިވުމުން ސިއްހީ މަރުކަޒަށް އައުމުން ފަރުވާ ދިނުމަށްވުރެ ބަލިތަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތް ކުރުން ކަމަށެވެ.

އޭގެ ފަހުން މިދިޔަ ޑިސެމްބަރު މަހު، ކިއުބާއިން ސިއްހީ ހިދުމަތްތެރިން ގެނައުމަށް ރާއްޖެއާއި ކިއުބާ ސަރުކާރާ މެދު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން ކިއުބާގެ 16 ޑޮކްޓަރުން ރާއްޖެ އައިސް، އަތޮޅު ހޮސްޕިޓަލްތަކުގައި ޚިދުމަތް ދެމުންދާ ކަމަށް ޝަތުފާ ވިދާޅުވިއެވެ.

މެލޭޝިއާގެ ގައުމީ ޔުނިވާސިޓީ ކަމަށްވާ ކެބެންސާންއާ ގުޅިގެން ރާއްޖޭގެ ގައުމީ ޔުނިވާސިޓީން ޑޮކްޓަރުކަން ކިޔަވައި ދޭން ފެށީ 2018ގައެވެ.