19 Oct 2022, 09:42
ދުނިޔޭގެ މަދު ގައުމުތަކެއްގައި މަސްތަކެއް ވަންދެން ޓެސްޓް ކުރުމަށް ފަހު ނެޓްފްލިކްސް އިން ހޯމަ ދުވަހު ވަނީ ޕްރޮފައިލް ޓްރާންސްފާގެ ނަމުގައި އާ ފީޗާއެއް އިއުލާންކޮށްފައެވެ. އެ ފީޗާގެ ސަބަބުން ތިބާގެ އެކައުންޓްގެ ވިއުސް އާއި، ހިސްޓްރީ އާއި، މައި ލިސްޓް އާއި، ސޭވްކޮށްފައިވާ ގޭމްތަކާއި، އަދި އެހެނިހެން ސެޓިންތަކާއެކު އާ އެކައުންޓަކަށް ބަދަލުކުރެވޭނެ ކަމަށް އެކުންފުނީގެ ނޫސްބަޔާނެއްގައި ބުނެފައިވެއެވެ.
ނެޓްފްލިކްސް އިން ބުނާގޮތުގައި މި ފީޗާ އުފެއްދީ މައިނގަޑު ދެ ސަބަބަކަށްޓަކައެވެ. އެގޮތުން ފުރަތަމަ ކަމަކީ ތިބާގެ ނެޓްފްލިކްސް އެކައުންޓް ތިބާގެ ރައްޓެއްސަކާއެކު ނުވަތަ ބައިވެރިއަކާ، ނުވަތަ އެހެންވެސް ފަރާތަކާއެކު ހިއްސާކޮށްފައިވަނިކޮށް ދިމާވާކަމެއްގެ ސަބަބުން ނެޓްފްލިކްސްގެ މުޅިން އާ އެކައުންޓެއް ހަދަން ޖެހިއްޖެ ހާލަތެއްގައި ކުރީގެ އެކައުންޓްގެ ޕްރޮފައިލް އެ އެކައުންޓްގެ ހުރިހާ ސެޓިންތަކަކާ އެކު ބަދަލު ކޮށްލެވޭނެ ގޮތް ހެދުމުން އަލަށް ހަދާ އެކައުންޓަށް ވިއުސް ހޯދުންފަދަ ކަންކަން އިތުރަށް އަލުން ކުރާންނުޖެހުމެވެ.
ދެވަނަ ސަބަބެއްގެ ގޮތުގައި ނެޓްފްލިކްސް އިން ފާހަގަ ކޮށްފައިވަނީ ވަރަށް ގިނަފަރާތްކުން މިހާރު އެމީހުންގެ އެކައުންޓް ދޫކޮށްލުމަށްފަހު މުޅިން އާ އެކައުންޓެއް ހުޅުވަން ބޭނުންވާކަން ފާހަގަ ކުރެވިފައިވާ ކަމެވެ.
ނެޓްފްލިކްސްއިން ޔޫޒަރުންނަށް އިލްތިމާސް ކޮށްފައިވަނީ އެކައުންޓްގެ ޕާސްވޯޑް ހިއްސާނުކުރުމަށެވެ. ނުވަތަ އެއް އެކައުންޓެއް އެތައްބަޔަކަށް ހިއްސާ ނުކުރުމަށެވެ. އެހެންނަމަވެސް ނެޓްފްލިކްސް އިން ލަފާކުރާ ގޮތުގައި 100 މިލިއަނަށް ވުރެ ގިނަ ގޭބިސީތަކުގައި ބޭނުން ކުރަމުން ދަނީ ނެޓްފްލިކްސްގެ ޝެއާޑް އެކައުންޓްތަކެވެ. އެއީ ނެޓްފްލިކްސްގެ ޔޫޒަރުން މަދުވުމަށް ދިމާވާ ސަބަބެއްކަމުގައިވެސް ނެޓްފްލިކްސްއިން ވަނީ ފާހަގަ ކޮށްފައެވެ.
ނެޓްފްލިކްސްއިން ބުނެފައިވާ ގޮތުގައި އެ ދެ ހާލަތުގައި ވެސް ޕްރޮފައިލް ޓްރާންސްފާ ފީޗާއިން މިހާރު ހުރި ޕްރޮފައިލަކުން އާ ނެޓްފްލިކްސް އެކައުންޓެއް ފެށުމުގެ ޕްރޮސެސް އަށް މަގުފަހިކޮށްދެއެވެ. އެގޮތުން މިހާރުގެ އެކައުންޓުގެ ޕްރޮފައިލްގެ ބެކަޕްގެ ކޮޕީއެއް އަލަށް ހަދާ އެކައުންޓަށް ބަދަލުކޮށްލުމަކީ އެ ފީޗާގެ އެހީގައި ނުހަނު ފަސޭހަކަމެކެވެ. އެހެން ކަމުން މިފީޗާ ވަރަށް ގިނަ ބަޔަކު ބޭނުންކުރަން ފަށާނެކަމަށް ނެޓްފްލިކްސްއިން ލަފާކުރެއެވެ.
ޕްރޮފައިލް ޓްރާންސްފާ ފީޗާ އަކީ މިދިޔަ މާޗު މަހުން ފެށިގެން ޗިލީ، ކޮސްޓަރިކާ، އަދި ޕެރޫގައި ޓެސްޓް ކުރަމުން އަންނަ ފީޗާއެއް ކަމަށް އެކުންފުނިން ބުނެއެވެ. އަދި މިހާރު އެކަން އިތުރަށް ފުޅާކޮށް އިތުރު ޤައުމުތަކަށް ދަނީ ދޫކުރަމުންނެވެ. އެއީ ޕާސްވޯޑް ޝެއާ ކުރާ ފަރާތްތަކުން ވެސް ނެޓްފްލިކްސްއަށް އިތުރު ފައިސާ ހޯދާނެ ގޮތްތައް މެދުވެރި ކުރުމަށް ނެޓްފްލިކްސް އިން އަޅާފައިވާ އެތައް ފިޔަވަޅެއްގެ ތެރެއިން އެއް ފިޔަވަޅެކެވެ.
ޔަޤީނުންވެސް އެނގޭކަމަކީ މިފީޗާއަކީ ނެޓްފްލިކްސްގެ އާ އެކައުންޓެއް ހުޅުވަން ބޭނުންވެފައި ތިބި ބަޔަކަށް ވަރަށް ބޭނުންތެރި ފީޗާއަކަށް ވެގެންދާނެކަމެވެ.
ނެޓްފްލިކްސް އަކީ ދުނިޔޭގައި އެންމެ ގިނަ ބަޔަކު މުނިފޫހި ފިލުވާލުމުގެ ގޮތުން ފިލްމާއި ސީރީސްގެ އިތުރުން މިޔުޒިކް ވެސް އޭގެން އަޑުއަހައި ބަލާލުމަށް ބޭނުން ކުރަމުން އަންނަ މައިގަނޑު އެޕްލިކޭޝަނެވެ.
ނެޓްފްލިކްސް އަކީ ރާއްޖޭގައި ވެސް ޒުވާނުންގެ މެދުގައި މިހާރު ވަރަށް މަޤުބޫލު އަދި އެންމެން ކަހަލަ ގޮތަކަށް ބޭނުން ކުރަމުން އަންނަ އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަންގައި އެކި ސަރަހައްދުގެ އެކި ސަޤާފަތާއި ހަޤީޤީ ހަދިސާތައް ހިމެނޭ ޑޮކިއުމަންޓަރީ ތަކާއި އެކި ގައުމު ތަކުގެ ފިލްމުތަކުން ފެށިގެން ގޮސް ބޮލީވުޑް އާއި ހޮލީވުޑްގެ މަޝްހޫރު ފިލްމުތައް ހިމެނެއެވެ.