"އެއީ އަހަރެންގެ ބޭބެއެއް ނޫން މީގެ ފަހުން. އަހަންނާ އެއްވެސް ގުޅުމެއް ނޯންނާނެ.. ކަލޭ ހުންނާނެކަމަށް ނެތޭ ތިހެނެއް..." ޒިޔާނާ ކުރިއަށް ފިޔަވަޅެއް އަޅާފައި ގޮސް އޭނާގެ ބޭބެގެ ކޯތާފަތުގައި ހޫނު އެތިފަހަރެއް ވީއްލައިލިއެވެ.

ޒިޔާނާއަށް ވެފައި ހުރި ގޮތުން ހުރިހާކަމެއް އޭނާއަށް އެނގުނީކަމުގައި ބޭބެއަށް ޔަޤީންވިއެވެ. އެއާއެކު ފުރަތަމަ ފަހަރަށް އޭނާގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. ހިތުގެ ހިނގުން ބާރުވުމާއެކު އޭނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އެހެން އޭނާ ހުއްޓާ ރިފްއަތު ވާހަކަ ދެއްކިއެވެ.

"ކިހިނެއްވެގެން މިއުޅެނީ؟"

"އޭނަ ކުރި ކަންތައް އޭނަ ކައިރިން އަހާބަލަ!" ޒިޔާނާއަށް އޭރުވެސް ރޮވެމުން ދިޔައެވެ.

"މި ވެގެން އުޅޭ ގޮތެއް އެނގުނީމަ ދޯ އަހަންނަށް އެނގޭނީ އެއްޗެއް ބުނަން." ރިފްއަތު ބުނެލިއެވެ.

ގޭތެރޭގައި މާ އަޑުގަދަ ވާތީ ފާޚާނާއިން ނުކުތް މާކިންއަށް ހައިރާންކަމެއް ލިބުނެވެ. އޭނާ އަވަސް އަވަހަށް ޓީޝާޓެއް ގަޔަށް މަހައިލަމުން ކޮޓަރިން ނުކުމެލިއެވެ. ސިޑިއާ ދިމާލަށް ހިނގައިގަތް މާކިންގެ ލޮލުގައި ދޮރުކައިރީގައި ހުރި މިޝްޔާ އަޅައިގަތުމާއެކު މިޝްޔާގެ ގާތަށް ގޮސް ހުއްޓެވުނެވެ. މިޝްޔާގެ ދެލޮލުން އޭނާއަށް ފެނުނު ރިހުމާއި އެ ދެލޮލުގައި ވީ ކަރުނަތަކުގެ ސަބަބުން ކޮންމެވެސް ބޮޑުކަމެއް ވެއްޖެކަމުގައި އޭނާއަށް ޔަޤީންކުރެވުނެވެ. އޭރު ވެސް ޒިޔާނާ ހަޅޭއްލަވަމުން ދިޔަ އަޑު އިވެމުން ދިޔައެވެ.

"މިޝޫ. ކިހިނެއްވީ؟ ކީއްވެ ތި ރޮނީ؟ މަންމަ... މަންމައަށް ކިހިނެއްވީ؟" މާކިން އެ ސުވާލާއެކު މިޝްޔާއަށް އިސްޖަހައިލެވުނެވެ. އޭނާއަށް އަނެއްކާވެސް ރޮވެން ފެށުނެވެ.

"މިޝޫ..." މާކިން މިޝްޔާއަށް ގޮވައިލިއެވެ.

"ހިނގާ ތިރިއަށް ދާން..." މިޝްޔާ އޭނާގެ ގަޔާ ކައިރިކޮށްލައިގެން ހުރެގެން މާކިން ތިރިއަަށް ދާން ހިނގައިގަތެވެ. ސިޑިން ފައިބައިގެން ގޮސް ބޮޑު ކޮޓަރީގައި ހުއްޓުނު ވަގުތު ޒިޔާނާ ހާމަކޮށްލި ވާހަކައަކުން މާކިންގެ އިތުރުން ރިފްއަތަށް ވެސް ސިހުން ލިބިގެން ދިޔައެވެ.

"ކީކޭ ޒިޔާނާ؟ ތިކިޔޭ އެއްޗެއް އެނގޭތަ؟" ރިފްއަތަށް ބުނެވުނެވެ. އޭރު ޒިޔާނާގެ ބޭބެވެސް އެ ދިމާލަށް އައި މިޝްޔާއަށާއި މާކިން އަށް ބަލައިލުމަށްފަހު އިސްޖަހައިލިއެވެ. ޒިޔާނާއަށް އެ ދިމާލަށް ބަލައިލެވުނެވެ. އޭނާ ރިފްއަތަށް ބަލައިލުމަށްފަހު އޭނާގެ ބޭބެ ކަންތައް ކުރި ގޮތް ކިޔައިިދިނެވެ.

"ދެން ބުނޭ އަހަރެން ހަދަންވީ ގޮތެއް. އެއީ އޭނައަށް އަހަރެން ހިމާޔަތް ދިނީމަ ކަންތައް ކުރި ގޮތަކީ؟ ހަމަ މިހާރު ފުލުހަށް ގުޅާ. އެންމެ ވަގުތަކު ވެސް މި މީހަކު މިގޭގައި ބެހެއްޓުމުގެ ބޭނުމެއް ނެތް. ރިފްއަތު. ގުޅާށޭ..." ޒިޔާނާއަށް ރިފްއަތަށް ބަލައިލެވުނެވެ. ފުލުހަށް ގުޅާ ވާހަކަ ބުނުމާއެކު ބޭބެ ހާސްވެގެން ތެޅިގަތެވެ. ރިފްއަތު މިޝްޔާއަށް ބަލައިލުމަށްފަހު، މާކިންއަށް ބަލައިލިއިރު، މާކިންގެ މޫނުމަތިން ވެސް ރުޅިވެރިކަމުގެ އަސަރުތައް ފެންނަމުން ދިޔައެވެ. ކެތްކުރެވޭނޭ އެންމެ މައްޗަކަށް މާކިން ކެތްކުރިނަމަވެސް، އޭނާއަށް ވެސް މަޑުން ހުރެވުނީ ކުޑަ ހިނދުކޮޅަކަށެވެ. އެ ދިޔަ ގޮތަށް ގޮސް ބޮޑުބޭބެގެ މޫނުމަތީގައި ގޮށްމުށްކަވާފައި ޖަހާފައި ހަޅޭއްލަވައިގަތެވެ. މާކިން ޖެހިލެއް ބާރުކަމުން ބޮޑުބޭބެގެ ތުންފަތް މަތި ފަޅައިގެން ގޮސް އަނގައިގައި ލޭ ރަހަވެސް ލިއެވެ. ތުންފަތް ފޮހެލަމުން އޭނާ މާކިންއަށް ބަލައިލުމާއެކު އަނެއްކާވެސް މާކިންގެ އަތުގެ ހަމަލާއެއް އޭނާއަށް އަމާޒުވެގެން ދިޔައެވެ.

މާކިންގެ ކޮންޓްރޯލް އޭނާގެ އަތުން ނެއްޓެމުން ދިޔުމާއެކު، ރިފްއަތު އައިސް މާކިންގެ އަތުގައި ހިފެއްޓިއެވެ. އިވުނު ވާހަކަތަކުން ހަދާނެ ގޮތެއް ނޭނގި ޝޮކެއް ލިބިފައި ހުރި ރިފްއަތަށް ވެސް ބަލައިލެވުނީ މިޝްޔާއާ ދިމާލަށެވެ. އެ ދަރިފުޅުގެ މޫނުމަތިން ފެންނަމުން ދިޔަ ހިތް ހަލާކުވެފައިވާ އަސަރުތަކުން އޭނާއަށް ވެސް ރުޅިވެރިކަމާއެކު ބޭބެއަށް ބަލައިލެވުނެވެ. އަތް އިސްކުރެވުނީ އެއްވެސް އިޚްތިޔާރެއް ނެތިއެވެ. އޭނާއަށް ވެސް ރުޅިވެރިކަމާއެކު ބޭބެ އާ ވާހަކަ ދެއްކުނެވެ.

"ފުލުހަށް ގުޅަން ފޯނު ދީ..." ޒިޔާނާ ރިފްއަތަށް ބަލައިލިއެވެ.

"ޒިޔާނާ! ފުލުހަށް ނުގުޅާވެސް މިކަން ހައްލުވެދާނެޔޭ!" ބޮޑުބޭބެ ބުނެލިއެވެ. އެ އަޑުން ހާސްކަން ރަނގަޅަށް ފާޅުވަމުން ދިޔައެވެ.

"ފުލުހަށް ގުޅާ ވާހަކަ ބުނީމަ ބިރުގަތީތަ؟ އުމުރުގެ ބާކީ އޮތްބައި ޖަލުގައި ހޭދަކުރަން ޖެހިދާނެތީ ޖެހިލުންވީތަ؟" ޒިޔާނާއަށް ބުނެވުނެވެ.

"ޒިޔާނާ ވިސްނަބަލަ! އެއީ އަންހެން ކުއްޖެކޭ..." ބޭބެ ބުނެލިއެވެ.

"އަންހެން ކުއްޖެއްވީމަތަ ކަލޭ އެގޮތަށް ކަންތައް ކުރީ؟" ޒިޔާނާއަށް ބުނެވުނެވެ.

"ޒިޔާނާ! ހަނދާންކުރާތި. ފުލުހަށް މައްސަލަ ލާ ހިސާބުން ދުނިޔެއަށް ބަދުނާމުވާނީ ހަމައެކަނި އަހަންނެއް ނޫން. މިޝްޔާއާ މި އާއިލާވެސް. ނޫސްތަކުގެ ފަލަ ސުރުހީއަށް މި ވާހަކަ އެރީމަ ކާކު މިޝްޔާއާ އިންނާނީ؟" ބޮޑުބޭބެ އޭނާގެ ހަތިޔާރުގެ ބޭނުން ހިފިއެވެ.

"އެހެންތަ؟ އަހަރެން ބަލާނަމޭ ކާކަށްތޯ މޮޅުވަނީ؟ ކާކަށްތޯ ދެރަވަނީ؟" ޒިޔާނާ ބުނެލިއެވެ. އޭނާ މާކިންގެ އަތުން ފޯނު އަތުލުމަށްފަހު ފުލުހަށް ގުޅަށް ޑައިލްކޮށްލިއެވެ. އެއަށްފަހު ފޯނު ކަންފަތުގައި ޖައްސައިލިއެވެ.

"އައްސަލާމު އަލައިކުމް. ފުލުހުންގެ އިދާރާ."

"ވައަލައިކުމް ސަލާމް. މި ގުޅައިލީ..." ޒިޔާނާއަށް ބުނެވުނީ އެވަރަށެވެ. ރިފްއަތު އައިސް ޒިޔާނާގެ އަތުން ފޯނު އަތުލާ ކަނޑައިލިއެވެ.

"ރިފްއަތު. ކީއްތިކުރީ؟" ޒިޔާނާއަށް ބުނެވުނެވެ.

"ޒިޔާނާ. އެހަށް ހިނގާ މިކަމަށް ވިސްނައިލަން..." ރިފްއަތަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އޭނާއަށް ބޭބެގެ ވާހަކަތަކާ މެދު ވިސްނައިލެވުނެވެ. އެއީ ތެދެކެވެ. އެކަން ދުނިޔެއަށް އެނގޭ ހިސާބުން ބަދުނާމުވާނީ ހަމައެކަނި ބޭބެ އެއް ނޫނެވެ. އޭނާއާއި އާއިލާވެސް މެއެވެ. ނޫސްތަކުގެ ސުރުހީތަކުގައި އޮންނާނީ އެވާހަކައެވެ. މިޝްޔާގެ ވާހަކައެކެވެ. އޭރުން މިޝްޔާ ވެސް ބަދުނާމުވާނެއެވެ. އެކަން އެނގުމުން މިޝްޔާއާ އިންނާނީ ވެސް ވަކި ކާކުހެއްޔެވެ؟

ރިފްއަތަށް ވީ ގޮތް ފެނި ބޭބެއަށް ކުޑަ އުންމީދެއް ލިބިގެން ދިޔައެވެ. އެމޫނުމަތީގައިވީ ހާސްކަން ކޮންމެވެސް ވަރަކަށް ކުޑަވިތަން ޒިޔާނާގެ އިތުރުން މާކިންގެ ލޮލުގައިވެސް އަޅައިގަތެވެ. އޭރު މާކިން ހުރީ މިޝްޔާގެ ގައިގައި ހިފައްޓާލައިގެންނެވެ. މިޝްޔާ ދިޔައީ ރޮމުންނެވެ.

"ބަދުނާމުވާނީ މިޝްޔާއެއް ނޫނޭ... އޭނަ އޭ... ރިފްއަތު. އެއީ އަހަރެމެންގެ އަންހެން ދަރިފުޅޭ. އޭނައަށް ވެފައި ހުރި ގޮތް ނުފެނޭތަ؟" ޝަކުވާގެ ނަޒަރަކުން ޒިޔާނާއަށް ރިފްއަތަށް ބަލައިލެވުނެވެ.

"ޒިޔާނާ..." ރިފްއަތަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާއަށް ބަލައިލެވުނީ ބޭބެއާ ދިމާލަށެވެ.

"ފުލުހަށް މައްސަލަ ނުލިޔަސް، ހަނދާންކުރާތި، ދެން މިގެއަށް އެންމެ ފިޔަވަޅެއް ވެސް އަޅައިގެން ނުވާނެ!" ރިފްއަތު ބުނެލިއެވެ.

"ރިފްއަތު... ކީއް ތިކުރަނީ؟" ޒިޔާނާއަށް ބުނެވުނެވެ.

"ބައްޕާ... ތީ ރަނގަޅު ގޮތެއް ނޫނޭ... އެހެން ދޫކޮށްލީމަ މިޝޫ ފަދަ އެހެން އަންހެން ކުއްޖަކަށޭ އެމީހުން ލަޑުދޭނީ... އޭނަ ޖެހޭނީ ޕޮލިހުންނާ ހަވާލުކުރަން." އެ ހުރިހާ އިރު އެއްޗެއް ނުބުނެ ހުރި މާކިންވެސް ހިތްހަމަ ނުޖެހުމާއެކު ރިފްއަތަށް ބުނެލިއެވެ.

"ޒިޔާނާ... މާކިން... ވިސްނަބަލަ! ފުލުހުންނާ މީނަ ހަވާލުކުރިއެއްކަމަކު މައްސަލަ ސާބިތެއް ނުވާނެ. ސާބިތު ވިޔެއްކަމަކު ދެތިން އަހަރެއްގައި ޖަލުގައި ބަހައްޓާފައި ދޫކޮށްލާނެ. އެކަމަކު މި ވާހަކަތައް ނޫހަށް އަރާ ހިސާބުން މުޅި ދުނިޔެއަށް ވެސް އެނގިގެންދާނެ. އާއިލާ ބަދުނާމުގެ ވިޔަފާރިއަށް އަސަރުކުރާނެ. މިޝްޔާގެ ނަން ކިލަނބުވާނެ. އޭނައަށް ޖަލުން ނުކުމެވިދާނެ! އެކަމަކު މިޝްޔާގެ ނަން ރީތިވާނެތަ؟ އެކަން ބަދަލުވާނެތަ؟ އެހެންމީހަކު މިޝްޔާ ބަލައިގަތްފާނެތަ؟" ރިފްއަތަށް ބުނެވުނެވެ. އިވެމުން ދިޔަ ބަސްތަކުގެ ސަބަބުން މާކިންއާއި ޒިޔާނާއަށް އަސަރު ކުރިނަމަވެސް، އެންމެ ބޮޑު އަސަރެއް ކުރީ މިޝްޔާއަށެވެ. ރިފްއަތަށް އޭނާއަށް ވުރެ ބޮޑަށް މުހިންމީ އަބުރާ އިއްޒަޔާ ވިޔަފާރިހެއްޔެވެ؟ މި ހަތަރު މަހު އޭނާއަށް ލިބުނު އަނިޔާތަކަކީ އެއްވެސް އެއްޗެއް ނޫންހެއްޔެވެ. މިޝްޔާގެ ހަނދާނަށް އެފަދަ ކޮންމެ ރެއެއްގެ ހަނދާންތައް އަންނަން ފެށުމާއެކު އޭނާގެ ނޭވާ އަވަސްވިއެވެ. ބޮޑުބޭބެގެ އިންޒާރުގެ ބަސްތައް އޭނާގެ ކަންފަތުގައި ގުގުމަން ފެށުމާއެކު އޭނާއަށް ކަންފަތުގައި އަތް އަޅައިލެވުނެވެ. ބައްޕަގެ ބަސްތަކުގެ ސަބަބުން އޭނާގެ ހިތް ހަލާކުވިއެވެ.

"މިޝޫ..." މިޝްޔާއަށް އަންނަމުން ދިޔަ ބަދަލުތައް ފާހަގަވެ މާކިން މިޝްޔާއަށް ގޮވައިލިނަމަވެސް، މިޝްޔާއަށް އެ އަޑު އިވުނުހެއް ހިޔެއްނުވިއެވެ.

ވަމުން ދިޔަ އުނދަގޫތައް ބޮޑުވުމާއެކު، ކަންފަތުގައި ގުގުމަމުން ދިޔަ އަޑުތަކުގެ ސަބަބުން މިޝްޔާއަށް ހަޅޭއްލަވައިގަތެވެ.

"އޭނައަށް އެއްކަމެއް ވެސް ކުރާނެ ކަމެއް ނެތް. އޭނަ ދޫކޮށްލާ... މިނިވަންކަންދީ. އާއިލާއަށް ހުތުރުނަމެއް ލިބޭނީ އަހަރެންގެ ސަބަބުންތަ؟ ނޫނީ އޭނަގެ ސަބަބުންތަ؟ އެއީ އަހަރެންގެ މައްސަލަތަ؟ އަހަންނަށް ހެވޭ އަހަރެންގެ ނަން ކިލަނބުވިޔަސް. ހެވޭ އިންނާނެ މީހަކު ދުވަހަކު ނުލިބުނަސް. ބައްޕައަށް އަދިވެސް ވިސްނެނީ ވިޔަފާރިއާ ދޭތެރޭގަތަ؟ އަހަންނާ ދޭތެރޭ ނުވިސްނޭތަ؟ ހަތަރު މަހު އަހަރެން އުޅުނު ހާލެއް އިހްސާސްއެއް ނުކުރެވޭތަ؟ ތިހެން ބުނާއިރު ހިތަށް ހަމަ އެއްވެސް އެއްޗެއް ނާރާތަ؟ އަހަރެންމީ ތި ބައްޕަގެ ދަރިއެކޭ. އޭނަ ކުރީ ކުޑަ ކަމެއް ނޫނޭ. އަހަރެންގެ އިއްފަތް ތެރިކަން ނަގައިލީ އޭ. ހެޔޮނުވާނެ! އަހަންނާ ދޭތެރޭ ވިސްނަބަލަ!" ރިފްއަތަށް ބަލައިލުމަށްފަހު މިޝްޔާ ވާހަކަ ދެއްކުމާއެކު ރިފްއަތު ޒިޔާނާއަށް ބަލައިލިއެވެ. ޒިޔާނާ ހުރީ އޭނާގެ ދެކެވެސް ރުޅިއައިސްފައިކަން ރިފްއަތަށް އެނގެއެވެ.

"ދަރިފުޅާ! ބައްޕަ މިހެން މިބުނީ ހަމަ ދަރިފުޅަށް ރަނގަޅަކަށް. އޭނަގެ އުނދަގުލެއް ދެން ނުޖެހޭނެއޭ އިތުރަކަށް." ރިފްއަތު ބުނެލިއެވެ.

މިޝްޔާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އިތުރަށް އެތަނުގައި ހުންނާނެޔާ ހިތްވަރެއް އޭނާއަށް ނުލިބުމާއެކު އޭނާ ދުއްވައިގަތީ ސިޑިއާ ދިމާލަށެވެ.

އެރޭ ބޮޑުބޭބެ އެގެއިން ފޮނުވައިލީ ރިފްއަތެވެ. އޭނާ ޒިޔާނާގެ އިތުރުން މާކިންގެ ބަހެއް ވެސް ނޭހިއެވެ. ޒިޔާނާ އާ މާކިންއާ ދެމީހުން ސިޑިއާ ދިމާލަށް ހިނގަިއގަތުމުން ރިފްއަތު ގޮވައިލިއެވެ.

"ޒިޔާނާ!" ޒިޔާނާ ރިފްއަތަށް ބަލައިލުމަށްފަހު، މޫނު އަނެއްކާވެސް އަނެއްފަރާތަށް އަނބުރައިލިއެވެ.

"އަހަރެން ބޭނުމެއް ނޫން މިރޭ ރިފްއަތުއާ ވާހަކަ ދައްކާކަށް." ޒިޔާނާ ހިތްހަމަ ނުޖެހުމާއެކު ބުނެލިއެވެ. ރިފްއަތަށް ވެސް ޒިޔާނާގެ ރުޅިވެރިކަން އިޙްސާސްކުރެވުނެވެ. އޭނާ ދެރަވީ އެއީ ދުވަހަކުވެސް ޒިޔާނާ އޭނާއާ ވާހަކަ ދެއްކި ގޮތަކަށް ނުވާތީއެވެ. އިތުރަށް ރިފްއަތަށް ބަލައިލުމެއްވެސް ނެތި ޒިޔާނާ ގޮސް މިޝްޔާގެ ކޮޓަރީގެ ދޮރުފަތް ހުޅުވައިލިއެވެ.

(ނުނިމޭ)