18 Oct 2022, 22:28
ރާއްޖޭގައި ނަރުހުންގެ ޔުނީފޯމު މަޑު ފެހި ކުލައަށް ބަދަލުކޮށް، އެޓެންޑެންޓުންގެ ޔުނީފޯމުގެ ކުލަ މަޑު ނޫކުލައަށް ބަދަލުކުރުމަށް ނިންމައި އެކަން ހެލްތު މިނިސްޓްރީން ހޮސްޕިޓަލްތަކަށް އަންގައިފިއެވެ.
ނަރުހުންނާއި އެޓެންޑެންޓުންގެ ރަސްމީ ޔުނީފޯމު ކޯޑުގެ ޖަދުވަލު އެކެއްގައި ބަޔާންކުރާ ނަރުހުންގެ ޔުނީފޯމުގައި ހުންނަނީ މިންޓް ގްރީން، ނުވަތަ މަޑު ފެހިކުލައެކެވެ. ބުރުގާ އަޅާ ނަރުހުންގެ ބުރުގާ، އަތުކުރި، ޖީބުތައް، އަދި ހަރުވާޅުގެ ނާޑުވާ ހުންނަން ޖެހެނީ ގަދަ ފެހިކުލައިންނެވެ.

ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ ނަރުހުންގެ ޔުނީފޯމު ކުލަ ކޯޑު
ޖަދުވަލު ދޭއްގައި އެޓެންޑެންޓުންގެ ޔުނީފޯމު ހުންނަންޖެހޭ ކުލައެއްކަމަށް ބަޔާންކޮށްފައިވަނީ މަޑު ނޫކުލައެވެ. ޔުނީފޯމުގެ ގޮށްތަކާއި، ގިރުވާނުގެ ކުލައަކީ ގަދަ ނޫކުލައެވެ. ބުރުގާ އަޅާ އަންހެނުންގެ ބުރުގަލުގެ ކުލައެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ކަޅު ކުލައެވެ.

ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ އެޓެންޑެންޓުންގެ ޔުނީފޯމު ކުލަ ކޯޑު
ހެލްތު މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު އާމިނަތު ޝަތުފާ ވިދާޅުވީ، ނަރުހުންނާއި ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ އެޓެންޑެންޓުންގެ ޔުނީފޯމުގެ ކުލައަށް ގެނައި ބަދަލަށް އަމަލުކުރުމަށް ހޮސްޕިޓަލްތަކަށް އަންގާފައިވާކަމަށެވެ.
މިގޮތުން ބައެއް ހޮސްޕިޓަލްތަކުގެ ނަރުހުންނާއި އެޓެންޑެންޓުން މިހާރު އައު ޔުނީފޯމު ބޭނުންކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަރުހުންނާއި އެޓެންޑެންޓުންގެ ޔުނީފޯމުގެ ކުލަ ބަދަލުކުރުމަށް ނިންމީ ނަރުހުންގެ އެސޯސިއޭޝަނުގެ އެދުމުގެ މަތިންނެވެ.