އަންނަ މަހުގެ 20 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕްގެ މެޗުތައް ދެއްކުމަޓަކައި ޕީއެސްއެމުން މީޑިއާނެޓާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެ އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޚާލިދެވެ. އަދި ރާއްޖެއަށް ވޯލްޑް ކަޕް ދެއްކުމުގެ ރައިޓްސް މިފަހަރު ގަނެފައިވާ މީޑިއާނެޓުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އަދި އެމްޑީ އަހުމަދު ޝަފީއުއެވެ.

"ސަން"އާ ވާހަކަދައްކަވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަމީމު ވިދާޅުވީ، އަންނަ މަހު ގަތަރުގައި ފެށުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕްގެ މެޗުތައް ދައްކާނީ އެކުންފުނީގެ "ޔެސް" ޗެނަލުން ކަމަށެވެ. ޔެސް ޗެނަލުން ވޯލްޑްކަޕް ދައްކާނެ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

ވޯލްޑްކަޕްގެ މެޗުތައް ދެއްކުމަށް މީޑިއާނެޓާއެކު ޕީއެސްއެމުން އެގްރީމަންޓްގައި މިއަދު ސޮއިކޮށްފައި މިވަނީ، މި ފަހަރުގެ ވޯލްޑްކަޕް މެޗުތައް ދައުލަތުގެ މީޑިއާއިން ދައްކާނެތޯ ސުވާލު އުފެދިފައިވަނިކޮށެވެ.

ރާއްޖެއަށް ވޯލްޑް ކަޕް ދެއްކުމުގެ ރައިޓްސް މީޑިއާނެޓުން ގަތީ އެއް މިލިއަން ޑޮލަރަށެވެ. އެއަށް ފަހު އެ ކުންފުނިން ނިންމީ ތިން ޗެނަލަކަށް އެ ރައިޓްސް ވިއްކުމަށެވެ. އޭގެ ތެރެއިން މީޑިއާނެޓްގެ އަމިއްލަ ޗެނަލް އައިސް ޓީވީ އާއި ރާއްޖެ ޓީވީން ވޯލްޑްކަޕް ދައްކާނެކަން ވަނީ ހާމަކޮށްފައެވެ.

ޕީއެސްއެމުން މިފަހަރުގެ ވޯލްޑްކަޕް ދައްކާނެތޯ ނުވަތަ ނޫންތޯ މީގެ ކުރިން ކަށަވަރުނުވެ އޮތީ ރައިޓްސް ފީގެ ގޮތުގައި ދައްކަން ޖެހޭ ތިން ލައްކައަށް ވުރެ ގިނަ ޑޮލަރު އޭރު ދެއްކިފައި ނުވާތީއެވެ.

ދައުލަތުގެ މީޑިއާއިން ވޯލްޑްކަޕް ދައްކާނެކަން މިހާރު ހާމަކޮށްފައިވާއިރު، މެޗުތައް ދައްކަން ނިންމީ ކިހާވަރެއްގެ ފީއެއް ދައްކައިގެންކަން އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.

މީގެ ކުރިން ސަރުކާރުތަކުން އައީ ދިވެހީންނަށް ހިލޭ ވޯލްޑް ކަޕް ބެލޭނެ އިންތިޒާމު ހަމަޖެއްސުމަށް ދައުލަތުގެ މީޑިއާއަށް ފައިސާ ދެމުންނެވެ. ސަރުކާރުން ފައިސާ ނުލިބޭ ހާލަތްތަކުގައި ސްޕޮންސަރުންގެ އަތުން ފައިސާ ހޯދައިގެން ވެސް ޕީއެސްއެމުން ދިޔައީ ވޯލްޑް ކަޕް ދައްކަމުންނެވެ.