04 Apr 2012, 08:57
ޑަކާރު (އެޕްރީލް 4): ސެނެގޯލްގެ ރައީސުލްމުންތަޚަބު މާކީ ސާލް ރައީސްކަމުގެ ޤާނޫނީ ހުވާކުރައްވައިފި އެވެ. އުމުރުން 50 އަހަރުގެ މާކީ ސާލް، ރައީސް ކަމުގެ ހުވާކުރެއްވީ ޑަކާރުގެ ކަނޑުގެ އައްސޭރީގައިވާ ލަގްޒަރީ ހޮޓަލެއްގައި މިކަމަށް ތައްޔާރުކޮށްފައިވާ ޚާއްސަ ރަސްމިއްޔާތެއްގަ އެވެ.
މިރަސްމިއްޔާތުގައި އެފްރިކާގެ އެތަށް ޤައުމެއްގެ ރައީސުންނާއި އިސްޝަޚްސިއްޔަތުތަކުގެ ތެރެއިން އެތައް ސަތޭކަ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. އެ ރަސްމިއްޔާތަށް ޙާޒިރުވެ ވަޑައިގެންނެވި އެފްރިކާގެ ޤައުުމުތަކުގެ ރައީސުންގެ ތެރޭގައި ގެންބިޔާގެ ރައީސް ޔަޙްޔާ ޖާމިއު، ބެނިޔަންގެ ރައީސް ޔަހްޔާ ޔޫނީ، ލައިބީރިޔާގެ ރައީސާ އީލީން ޖޯންސަން، އައިވަރީ ކޯސްޓްގެ ރައީސް އެލަސަން ވުތަރާ ހިމެނިވަޑައިގަންނަވަ އެވެ.
ނަވާރަސަތޭކަ ފަސްދޮޅަސް ވަނަ އަަހަރު ފަރަންސޭސިވިލާތުގެ އިސްތިޢްމާރުން މިނިވަންވި ސެނެގޯލަކީ އިސްލާމީ ޤައުމެކެވެ. އައު ރައީސް މާކީ ސާލަކީ ސެނެގޯލްގެ މިނިވަންކަމަށް ފަހު އެ ޤައުމުގެ ރިޔާސަތަށް އިސްވެ ވަޑައިގެންނެވި ހަތަރު ވަނަ ރައީސެވެ. ސެނެގޯލްގެ ޤާނޫނު އަސާސީ ބުނާގޮތުން އެ ޤައުމުގެ ރިޔާސީ ދައުރެއްގެ މުއްދަތަކީ ފަސް އަހަރެވެ. ދެ ދައުރަށް ވުރެ އިތުރަށް ވެރިކަމަށް ކުރިމަތިލުމުގެ ފުރްސަތު ވެސް އެ ޤައުމުގެ ޤާނޫނު އަސާސީގައި ލިބިދީފައެއްނުވެ އެވެ.
އައު ރައީސް މާކީ ސާލް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ ދެވަނަ ބުރުގައި އެޤައުމުގެ ކުރީގެ ރައީސް ޢަބްދުﷲ ވާދް އާ ދެކޮޅަށް އިދިކޮޅު ހުރިހާ ޕާޓީތަކާއި މަދަނީ ޖަމްޢިއްޔާތައް ގުޅިއެކަތިގަނޑަކަށްވެގެން ހިންގި ވަރުގަދަ ކޭމްޕޭނަކާ ގުޅިގެންނެވެ. މާކީ ސޯލް އިންތިޚާބު ކާމިޔާބުކުރެއްވުމުން ރައީސް ވާދު ވަނީ ބަލިޤަބޫލު ކުރައްވައި ސޯލްއަށް މަރްޙަބާ ދަންނަވާފަ އެވެ.
ސެނެގޯލްގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބާއްވާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 26 ގައެވެ. މިއިންތިޚާބުގައި ރައީސް ވާދުގެ އިތުރުން 12 ކެންޑިޑޭޓަކު ވަދަކުރެއްވި އިރު ދެވަނަ ބުރަށް ދާވަރަށް ވޯޓު ލިބިފައި ވަނީ ރައީސް ވާދުއާއި މިއަދު ހުވާކުރެއްވި މާކީ ސާލް އެވެ.
ރައީސް ކަމުގެ ހުވާކުރެއްވުމަށް ފަހު ޤައުމާ މުޚާތަބު ކުރައްވައި ދެއްކެވި ވަހަކަފުޅުގައި ސާލް ވިދާޅުވީ ކެއިންބުއިމަށާއި ދިރިއުޅުމުގެ އަސާސީ ކަންކަމަށް ބޭނުންވާ މުދަލުން ޓެކްސްނަގާ މިންވަރު އޭނާގެ ވެރިކަމުގައި ކުޑަކުރާނެ ކަމުގަ އެވެ. ސެނެގޯލްގެ އިންފްލޭޝަން ރޭޓް މައްޗަށްދާމިންވަރުގެ ބޮޑުކަމުން ރައްޔިތުން ވަނީ ހާސްކަމެއްގެ ތެރޭގަ އެވެ.
ސެނެގޯލްގެ ގިނަ މީހުން ދުވާލު ހަތަރުދަމު ކުރާ މަސައްކަތުން ލިބޭއުޖޫރައިން ދެފަހަރު ކެވޭވަރުނުވާއިރު ކާބޯތަކެއްޗާއި ދިރިއުޅުމުގެ އަސާސީ މުދަލުން ޓެކްސް ކުޑަކޮށްގެން ރައްޔިތުންގެ ހާސްކަން ކުޑަކުރުމަށް މަސައްކަތް ކޮށްދޭނެކަމަށް ސާލް ވަނީ އިންތިޚާބީ ކޭންޕޭންގައި ވަޢްދުވެވަޑައިގެންފަ އެވެ.
ސެނެގޯލްގެ ރިޔާސީ އިންތިޚާބުގައި ބަލިވެވަޑައިގެންނެވި ކުރީގެ ރައީސް ޢަބްދުﷲ ވާދު ވެރިކަމަށް އިންތިޚާބުވެވަޑައިގަތީ 2000 ވަނަ އަހަރު އެވެ. އޭނާ ވަނީ ރިޔާސީ ދެދައުރު ފުރިހަމަ ކުރައްވާފަ އެވެ. (އަލްޖަޒީރާ)