އިންޓަޕޯލް ހެޑްކުއާޓާސްގައި މަސައްކަތްކުރުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް ދިވެހި ފުލުހަކަށް ލިބިއްޖެއެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފްރާންސްގެ ލިޔޯންގައި ހުންނަ އިންޓަޕޯލްގެ މައި އޮފީހުގައި ދިވެހި ޗީފް އިންސްޕެކްޓަރަކު ތިން އަހަރު ވަންދެން މަސައްކަތް ކުރަން ހަމަޖެހިފައިވާ ކަމަށެވެ.

އިންޓަޕޯލް އިން މިހާރު ވަނީ އޮފިސަރަކު ޚިޔާރު ކޮށްފައި ކަމަށާއި މި އަހަރު ނިމުމުގެ ކުރިން އޭނާ އެގައުމަށް ފޮނުވާނެ ކަމަށް ސީޕީ ވިދާޅުވިއެވެ.

ސީޕީގެ ޓުވީޓުގައި އިތުރަށް ވިދާޅުވީ ކުށް ކުރުމާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރާ މަސައްކަތުގައި ރާއްޖޭގެ ބައިވެރިވުން އޮތްކަން މި ފުރުސަތު ލިބުމުން ދައްކުވައިދޭ ކަމަށެވެ.

މީގެ އިތުރުން، ރާއްޖޭގައި ކުށްވެރިން މަދުކުރުމަށް ކުރާ މަސައްކަތް މި ފުރުސަތުގެ ސަބަބުން އިތުރަށް ހަރުދަނާވެ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާބިލުކަން އިތުރުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.