18 Oct 2022, 19:12
ފުޓްބޯޅަ ކުޅުން ހުއްޓާލާނީ ރެއާލް މެޑްރިޑްގައި ހުރެ ކަމަށާއި، ރެއާލް ނޫން ކުލަބަކަށް ކުޅުމުގެ ވިސްނުމެއް ނެތްކަމަށް ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ފްރާންސްގެ ކަރީމް ބެންޒެމާ ބުނެފިއެވެ.
ބެލޮންޑިއޯ އެވޯޑް ހަފުލާއަށް ފަހު ސްޕެއިންގެ ރޭޑިއޯ ޗެނަލަކަށް ދިން އިންޓަވިއުއެއްގައި ބެންޒެމާ ބުނީ ރެއާލް އާ ގުޅުމަކީ އޭނާ އަބަދުވެސް ދެކެމުންއައި ހުވަފެނެއްކަމަށެވެ.
"އަހަރެންގެ ހަޔާތުގައި ދެކެމުން އައީ ތިން ކަމެއް، އެއީ ރެއާލްއަށް ސޮއިކުރުމާއި، އަހަރެންގެ މަންމައަށް ގެއެއް ގަނެދިނުމުގެ އިތުރުން ބެލޮންޑިއޯ އެވޯޑް ހޯދުން،" ބެންޒެމާ ބުންޏެވެ.
ފްރާންސްގެ ލިޔޯނުން 2009 ވަނަ އަހަރު ސްޕެއިންގެ ރެއާލް މެޑްރިޑާ ގުޅުނު ބެންޒެމާއަކީ ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ރެއާލްގެ ރައީސް ކަމާ ހަވާލުވުމަށްފަހު އެޓީމަށް ގެނައި ތިން ކުޅުންތެރިންގެ ތެރެއިން އެކަކެވެ. އަނެއް ދެ ކުޅުންތެރިންނަކީ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބްރެޒިލްގެ ކަކާއެވެ.
އުމުރުން 34 އަހަރުގެ ބެންޒެމާ ރެއާލް މެޑްރިޑާ ގުޅުނުފަހުން މިހާތަނަށް ކުޅެދިން 421 މެޗުގައި ވަނީ 223 ގޯލް ޖަހާފައެވެ. ބެންޒެމާ އަކީ ރެއާލްގެ ތާރީހުގައި އެޓީމަށް ދެވަނައަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުނެތެރިޔާއެވެ.
މި ފަހަރުގެ ސީޒަނަކީ ބެންޒެމާ ރެއާލްގައި ހޭދަކުރާ 13 ވަނަ ސީޒަނެވެ. ރެއާލްގައި ހޭދަކުރި މުއްދަތުގައި ބެންޒެމާ ވަނީ ލަލީގާ ހަތަރު ފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގް ފަސް ފަހަރު އަދި ޔުއެފާ ކްލަބް ވޯލްޑްކަޕް ހަތަރު ފަހަރު ހޯދާފައެވެ.
ބެންޒެމާއަކީ މިހާރު ރެއާލް މެޑްރިޑްގެ އެއްވަނަ ފޯވާޑުގެ އިތުރުން އެ ޓީމުގެ ކެޕްޓަނެވެ.