އޭސީ މިލާން 3-1 އިން ބަލިކޮށް ޗެމްޕިއަން ބާސެލޯނާ ޗެމްޕިއަންސްލީގު ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރި އިރު ބަޔާން މިއުނިކް ވެސް ސެމީ އަށް ދަތުރުކޮށްފި އެވެ.

ސެންސީރޯގައި ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވެފައިވަނިކޮށް، ރޭ ނޯ ކޭމްޕްގައި ކުޅުނު މެޗުގައި ބާސެލޯނާގެ ފުރަތަމަ ދެ ލަނޑު ޖެހީ ލިބުނު ދެ ޕެނަލްޓީން ލަޔޮނަލް މެސީ އެވެ. އޭނާ އަކީ މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާވެސްމެ އެވެ. މި މުބާރާތުގައި އޭނާ މިހާތަނަށް 14 ގޯލު ޖެހި އިރު މި ސީޒަނުގައި ބާސެލޯނާ އަށް ޖަހައިދިން ގޯލުގެ އަދަދު މިހާރު ވަނީ 58 އަށް އަރައިފަ އެވެ. ބާސެލޯނާގެ އަނެއް ގޯލު ޖެހީ އަންދްރޭސް އިނިއެސްޓާ އެވެ. ބާސެލޯނާގެ ފުރަތަމަ ގޯލަށް ފަހު މިލާނަށް ސުން ކަނޑުވައިދިނީ ނޮސެރީނޯ އެވެ.

ސެމީ ފައިނަލުގައި ބާސެލޯނާ ބައްދަލުކުރަން ޖެހޭނީ މިރޭ ޗެލްސީ އާއި ބެންފީކާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.
ރޭ މާސޭ އަތުން 2-0 އިން މޮޅުވެ ޖަރުމަނުގެ ބަޔާން މިއުނިކް ވެސް ވަނީ ސެމީ ފައިނަލުން ޖާގަ ހޯދައިފަ އެވެ. ބަޔާންގެ ދެ ގޯލު ވެސް ޖަހައިދިނީ އޮލިކް އެވެ. ބަޔާން ސެމީގައި ވާދަ ކުރާނީ މާދަމާ ރޭ ރެއާލް މެޑްރިޑާއި އަޕޮއެލް ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.