28 Jul 2010, 10:16
19:00
ޕާކިސްތާނުގެ ކަރާޗީން ފުރައިގެން 152 މީހުންނާއެކު އިސްލާމާބާދަށް ދިޔަ މަތިންދާބޯޓެއް ވެއްޓި، އޭގެން ދަތުކުރި ގާތްގަނޑަކަށް އެންމެންހެން މަރުވެއްޖެ އެވެ.
ފަރުބަދަތައް ގިނަ އިސްލާމާބާދުގެ އުތުރުގައިވާ މާގަރާ ހިލްސް ސަރަހައްދަށް ވެއްޓުނު ޕާކިސްތާނުގެ އަމިއްލަ އެއާލައިން ކުންފުންޏެއް ކަމަށްވާ އެއަރ ބްލޫގެ މަތިންދާބޯޓުގައި 146 ފަސިންޖަރުންނާއި 6 ފަޅުވެރިން ތިބި ކަމަށް އޮފިޝަލުން ބުނެ އެވެ. މިހާތަނަށް 25 މީހެއްގެ ހަށިގަނޑު ފެނިފައިވާއިރު، މި ހާދިސާގައި ސަލާމަތްވި ފަސް މީހަކު މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އެހެން ނަމަވެސް އެމީހުންގެ ހާލު ވަރަށް ސީރިއަސް ކަމަށް މައުލޫމާތު ލިބެ އެވެ.
ވެއްޓުނު އެއާބަސް އޭ 321 މަރުކާގެ މަތިންދާ ބޯޓުން ދަތުރުކުރަމުންދިޔަ މީހުންގެ ލިސްޓު އަދި އާއްމުކޮށްފައެއް ނުވެ އެވެ. އެހެން ނަމަވެސް، އެއާ ބްލޫގެ މުވައްޒަފަކާ ހަވާލާދީ ގަލްފް ނިއުސްގައި ބުނެފައިވަނީ، އެ ބޯޓުގައި ފަސް ކުޑަކުދިންނާއި ދެ ތުއްތު ކުދިން ތިބި ކަމަށެވެ.
ބީބީސީގައި ޝާއިއުކޮށްފައިވާ މި ހާދިސާގެ ފޮޓޯތަކާއި ވީޑިއޯ މަންޒަރުތަކަށް ބަލާއިރު، މަތިންދާބޯޓު ވެއްޓުނު ސަރަހައްދު ވަނީ އެއްކޮށް ދުމުން ނިވާވެ، އަލިފާން ރޯވެފަ އެވެ. ވެއްޓި މުޅިން އެއްކޮށް ސުންނާފަތިވެފައިވާ އެ ފްލައިޓްގެ ތަންތަންކޮޅު ދެ ކިލޯމީޓަރަށް ބެހިގެންގޮސްފައިވާއިރު، ބިމުގެ އުސްކަމާއި، މޫސުން ގޯސްވުމާއި އަދި ދުންފުނީގެ ސަބަބުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ރެސްކިއު ޓީމްތަކުގެ މަސައްކަތަށް ވަނީ ވަރަށް ބޮޑަށް ހުރަސްއެޅިފަ އެވެ. އަދި އެމްބިއުލެންސްތަކަށް ވެސް އެ ސަރަހައްދަށް ދިއުމަށް ދަތިވެވައިފާއިރު، މީހުން އުފުއްލުމަށް ބޭނުންކުރަމުންދަނީ ހެލިކޮޕްޓަރުތަކެވެ.
ޕާކިސްތަނުގެ އޮފިޝަލުން ލަފާކުރާ ގޮތުގައި، މި ހާދިސާގައި އިތުރު ބަޔަކު ސަލާމަތްވުމަކީ ވަރަށް ނާދިރު ކަމެކެވެ. އެހެންނަ މަވެސް، ސަލާމަތްވި މީހުން ހޯދުމާއި އަދި މަރުވެފައިވާ މީހުންގެ ހަށިތައް ހޯދައި، އެމީހުން އައިޑެންޓިފައިކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށްގެންދާނެ ކަމަށް އޮފިޝަލުން ބުނެ އެވެ.
ޕާކިސްތާނުގެ ތާރީޚުގައި މަތިންދާބޯޓެއް ވެއްޓުނު މިއީ އަށް ވަނަ ފަހަރެވެ.
ދުނިޔޭގެ އެތަންމިތަނުގައި މިއަހަރު ތެރޭގައި ހިނގި މަތިންދާބޯޓު ވެއްޓުމުގެ ހަތަރު ހާދިސާއެއްގައި 400 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އެގޮތުން އެންމެ ގިނަ އަދަދެއްގެ މީހުން މަރުވެފައިވަނީ މިދިޔަ މެއި މަހު އިންޑިއާގެ ގައުމީ އެއާލައިން އެއާރ އިންޑިއާގެ ބޯޓެއް ވެއްޓުނު ހާދިސާގަ އެވެ. އެ ހާދިސާގައި 158 މީހަކު ވަނީ މަރުވެފަ އެވެ. ހަމަ އެއާއެކު މިދިޔަ އޭޕްރިލް މަހު ޕޮލެންޑްގެ ރައީސް ލެކްސް ކަޒިންކީގެ ދެކަނބަލުންނާއި ސަރުކާރުގެ އިސް އޮފިޝަލުންތަކެއް ދަތުރުކުރައްވަމުންދިޔަ ބޯޓެއް ރަޝިޔާގެ ވައިގެ ބަނދަރެއްގައި ޖައްސަން އުޅުމުގެ ތެރޭގައި ވެއްޓި، އެ ހުރިހާ ބޭފުޅުން ވެސް ވަނީ އަވަހާރަވެފަ އެވެ.