ޓެލްއަވީވު (18 އޮކްޓޯބަރު 2022): އިސްރާއީލު ގަދަބާރުން ވެރިވެގަނެގެން އުޅޭ ފަލަސްތީނުގެ ގުދުސަކީ އިސްރާއީލުގެ ވެރިރަށް ކަމަށް އޮސްޓްރޭލިއާ ގަބޫލުކުރިކުރުން ބާތިލު ކުރަން އެގައުމުގެ ބޮޑުވަޒީރު އެންތޮނީ އަލްބަނީސް ނިންމެވުމުން އިސްރާއީލު ރުޅިގަދަވެ، ޓެލްއަވީވުގައި ހުންނަވާ އޮސްޓްރޭލިއާގެ އެމްބެސެޑަރު އިސްރާއީލުގެ ޚާރިޖީ ވުޒާރާއަށް ހާޒިރުކޮށްފިއެވެ.

އިސްރާއީލުގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ އޮސްޓްރޭލިއާގެ މިނިންމުމަކީ އިސްރާއީލާ އިދިކޮޅަށް ނިންމި އުދުވާނީ ނިންމުމެއް ކަމަށާއި އެ ނިންމުން ގަބޫލެއް ނުކުރެވޭނެ ކަމަށެވެ. އޮސްޓްރޭލިއާގެ ނިންމުމާ ދެކޮޅު ހެދުމުގެ ގޮތުން އެގައުމުގެ ސަފީރަށް އިހުތިޖާޖުގެ ލިޔުމެއް ހަވާލުކޮށްފައިވާނެކަމަށްވެސް އިސްރާއީލުގެ ބަޔާން ބުނެއެވެ.

އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތޮނީ އަލްބަނީސް

އިސްރާއީލުގެ ނޫސްތައް ވެސް ވަނީ އެ މައްސަލާގައި އޮސްޓްރޭލިއާއަށް ފާޑުކިޔައި އޮސްޓްރޭލިއާއަކީ އެއް ގޮތެއްގައި ސިޔާސަތު ބައްޓަން ނުކުރެވޭ ގައުމެއް ކަމަށް ސިފަކޮށްފައެވެ.

އޮސްޓްރޭލިއާގެ ޚާރިޖީ ވަޒީރު ޕެނީ ވޮންގް ވިދާޅުވިގޮތުގައި އިސްރާއީލު ގަދަބާރުން ވެރިވެގަނެގެން އުޅޭ ގުދުސަކީ އިސްރާއީލުގެ ވެރިރަށް ކަމަށް އޮސްޓްރޭލިއާއިން ވެފައިވާ އިއުތިރާފު އެގައުމުގެ ބޮޑުވަޒީރު އެންތޮނީ އަލްބަނީސް ބާތިލު ކުރެއްވީ އޮސްޓްރޭލިއާގެ ވަޒީރުންގެ މަޖިލީހާވެސް މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

ގުދުސުގެ އިރުމަތީ ބަޔާއި ހުޅަނގު ބައި ހިމެނޭގޮތަށް މުޅި ގުދުސަކީ އިސްރާއީލުގެ ބައެއްކަމަށް އިސްރާއީލުން ނިންމީ 1984 ވަނަ އަހަރުއެވެ. ގުދުސަކީ އިސްރާއީލު ގަދަބާރުން ވެރިވެގެންފައިވާ ސިޓީއަކަށްވާތީ އދ. އާއި ބައިނަލްއަގްވާމީ މުޖްތަމައުން އިސްރާއީލުގެ މިނިންމުން ގަބޫލެއް ނުކުރެއެވެ.

ނަމަވެސް އޮސްޓްރޭލިއާ ހިމެނޭގޮތަށް އެމެރިކާއާއި އެމެރިކާގެ ވަށައިގެން އެނބުރޭ ހައެއްކަ ގައުމުންވަނީ އދ. ގެ ޗާޓަރަށާއި ބައިނަލްއަގްވާމީ ގާނޫނަށް ގޮންޖެހުމަށްފަހު އިސްރާއީލުގެ ޣައިރު ގާނޫނީ ނިންމުން ގަބޫލުކޮށްފައެވެ. މިހައެއްކަ ގައުމުގެ ތެރެއިން ދެގައުމު ކަމަށްވާ ހޮންޑިއުރަސް އާއި ޕެރަގުއޭ ދާދި ފަހުން ވަނީ އިސްރާއީލުގެ ޣައިރު ގާނޫނީ ނިންމުން ގަބޫލުކުރި ކުރުން ބާތިލުކޮށްފައެވެ.

އަދި އެމެރިކާގެ ކޮންޓްރޯލް ވަރަށް ބޮޑަށް ހިނގާ ގައުމެއްކަމަށްވާ އިނގިރޭސިވިލާތުން ދާދި ފަހުން ވަނީ ގުދުސަކީ އިސްރާއީލުގެ ވެރިރަށް ކަމަށް ގަބޫލުކޮށް އިސްރާއީލުގެ ޓެލްއަވީވުގައި ހުންނަ އިނގިރޭސި އެންބަސީ ގުދްސަށް ބަދަލުކުރާނެ ކަމަށް ބުނެފައެވެ. ނަމަވެސް މިމައްސަލާގައި އިނގިރޭސިވިލާތުގެ މުސްލިމުންގެ ފިއްތުންތައް ބޮޑުވަޒީރު ލިޒް ޓްރަސްއަށް ކުރިމަތިވުމުން ލިޒްގެ ސަރުކާރަށް މިކަން ކުރެވިދާނެކަމާމެދު މިހާރުވަނީ ސުވާލު އުފެދިފައެވެ.

އޮސްޓްރޭލިއާގެ ޚާރިޖީ ވަޒީރު

ގުދުސަކީ އިސްރާއީލުގެ ވެރިރަށް ކަމަށް އޮސްޓްރޭލިއާއިން ގަބޫލުކުރީ އެގައުމުގެ ކުރީގެ ބޮޑުވަޒީރު ސްކޮޓް މޮރިސަންގެ ބޮޑުވަޒީރުކަމުގައި އޭނާގެ ސަރުކާރުންނެވެ. މޮރިސަންއަކީ ކަނާތުފިޔައިގެ ހަރުކަށި ވިސްނުމުގެ ބޭފުޅެކެވެ. މޮރިސަންގެ ސަރުކާރުން އެގޮތަށް ނިންމި ނަމަވެސް ޓެލްއަވީވުގައި ހުންނަ އޮސްޓްރޭލިއާގެ އެންބަސީ ގުދްސަށް ބަދަލުކޮށްފައެއް ނުވެއެވެ.

އޮސްޓްރޭލިއާގެ ޚާރިޖީ ވަޒީރު ވިދާޅުވި ގޮތުގައި އޮސްޓްރޭލިއާ ގަބޫލުކުރަނީ ގުދްސު އިރުމަތީ ފަޅިއަކީ 1967 ވަނަ އަހަރުގެ ހަނގުރާމައިގާ އިސްރާއީލު ގަދަބާރުން ވެރިވެގެންފައިވާ ސަރަހައްދެއްގެ ގޮތުގައެވެ. ގަދަބާރުން ހިފި ތަނެއް އަމިއްލަ ކުރުމަކީ ޣައިރު ގާނޫނީ ކަމެއް ކަމަށް ވާތީ މުޅި ގުދްސަކީ އިސްރާއީލުގެ ތަނެއްގެ ގޮތުގައި އޮސްޓްރޭލިއާ ދެން ގަބޫލެއް ނުކުރާނެއެވެ.

އަދި ފަލަސްތީނުގެ މައްސަލައަކީ ފަލަސްތީނަށްވެސް މިނިވަން މުސްތަގިއްލު ދައުލަތެއް އުފައްދައިދީގެން ހައްލުކުރަންޖެހޭ މައްސަލައެއްކަމަށް އޮސްޓްރޭލިއާ ގަބޫލުކުރާތީ ގުދްސުގެ މައްސަލައަކީ ފަލަސްތީނުގެ ދައުލަތް އުފެއްދުމާ ބެހޭ ގޮތުން އިސްރާއީލާއި ފަލަސްތީނާ ދެމެދު ވާހަކަ ދައްކައިގެން ހައްލު ހޯދަންޖެހޭ މައްސަލައެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އިސްރާއީލުގެ މަސްލަހަތަށް އެކަނި އިސްކަން ދީގެން ނިންމާ ނިންމުންތައް ގަބޫލު ނުކުރެވޭނެ ކަމަށްވެސް އޮސްޓްރޭލިއާގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

ގުދްސު އިރުމަތީ ފަޅިއަކީ 1967 ވަނަ އަހަރުގެ ހަނގުރާމައިގާ އިސްރާއީލު ވެރިވެގަތް ތަނެކެވެ. ގުދްސުގެ ހުޅަނގު ބަޔަކީ 1948ގައި ފަލަސްތީނުގެ ބިމުގައި އިސްރާއީލު އުފެދުނު ފަހުން ހަނގުރާމައަކާ ނުލައި އިސްރާއީލު ވެރިވެގެންފައިވާ ތަނެކެވެ. ފަލަސްތީނުން އެދެނީ މުސްތަގްބަލުގައި އުފައްދާ ފަލަސްތީނުގެ ދައުލަތުގެ ވެރިރަށުގެ ގޮތުގައި އިރުމަތީ ގުދުސު ހެދުމަށެވެ.