18 Oct 2022, 13:54
އިންޑިއާގެ ކެރެލާ ސިޓީގައި ހުންނަ، ކޭވީއެމް ސުޕަ ސްޕެޝިއަލިޓީ ހޮސްޕިޓަލަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު އަފްއާލަށް ވާހަކަ ދެއްކުމުގެ ފުރުސަތު ދެއްވައިފިއެވެ.
މީގެ 50 އަހަރު ކުރިން 1972 ވަނަ އަހަރު މި ހޮސްޕިޓަލް އުފެއްދީ އެތެރެހަށީގެ ޑޮކްޓަރަކާއި އަންހެނުންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއްގެ އިތުރުން އާންމު ބަލިތަކަށް ޚާއްސަ ޑޮކްޓަރަކާއެކުއެވެ. މިހާރު އެ ހޮސްޕިޓަލަކީ ސިއްހީ އެންމެ ޒަމާނީ ޚިދުމަތްތައް ދެމުން އަންނަ ސުޕަ ސްޕެޝިއަލިޓީ ހޮސްޕިޓަލެކެވެ.
އެ ހޮސްޕިޓަލަށް 50 އަހަރު ފުރުމުގެ ރަންޔޫބީލް ފާހަގަ ކުރުމުގެ ގޮތުން އިއްޔެ ވަނީ ކެރަލާގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. އެ ރަސްމިއްޔާތުގައި އިންޑިއާއިން ބޭރު މީހަކަށް ވާހަކަ ދެއްކުމުގެ ފުރުސަތު ލިބުނު ހަމައެކަނި ބޭފުޅަކީ އަފްއާލެވެ.

ކޭވީއެމް ސުޕަ ސްޕެޝިއަލިޓީ ހޮސްޕިޓަލަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އަފްއާލް
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަފްއާލް ވިދާޅުވީ ސިއްހީ ދާއިރާގެ ޚިދުމަތްތައް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ބާރަށް ކުރިއަރަމުން އަންނައިރު އެއްބަޔަކު އަނެއް ބައެއްގެ ކައިރިން ގިނަ ކަންތައްތަކެއް ދަސް ކުރަން ޖެހޭ ކަމަށެވެ.
އަދި ބަލި މީހުން ބޭނުންވާނެ ޚިދުމަތްތައް ދުރާލައި ދެނެގަނެވި އެކަމަށް ތައްޔާރުވާން ޖެހޭ ކަމަށާއި އޭރުން ޚިދުމަތް ދިނުމުގައި ގޮންޖެހުންތައް ކުރިމަތިވާލެއް ކުޑަ ވާނެ ކަމަށް ވެސް އަފްއާލް ވިދާޅުވިއެވެ.
އޭގެ އިތުރުން އަފްއާލް ވަނީ މަދުވަސީލަތްތަކަކާއެކު ފަށައި 50 އަހަރުގެ ތެރޭގައި ކޭވީއެމް ހޮސްޕިޓަލުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަ ކުރައްވައިފައެވެ.
އިންޑިއާއަކީ ސިއްހީ ދާއިރާގައި ދުނިޔޭގެ ފެންވަރަށް ކުރިއަރާފައިވާ ގައުމަކަށް ވާއިރު، އެ ގައުމުގެ އެފަދަ ހޮސްޕިޓަލެއްގެ ރަންޔޫބީލް ފާހަގަ ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ދިވެއްސަކަށް ލިބުމަކީ ފަޚްރެއް ކަމަށް އަފްއާލް ވިދާޅުވިއެވެ. މިކަމުން ދިވެހީން ސިއްހީ ދާއިރާއިން ހޯދަމުން އަންނަ ކާމިޔާބީތައް ބަލައިގަންނަކަން ހާމަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ 32 އަހަރު ކުރިން އަފްއާލް ސިއްހީ ދާއިރާއާ ގުޅިވަޑައިގަތީ ހެލްތް މިނިސްޓްރީގައި އިނގިރޭސި ސެކްރެޓަރީއެއްގެ މަގާމުންނެވެ. އެ މިނިސްޓްރީގައި ވޭތުކުރި 16 އަހަރުގެ ތެރޭގައި އެއް މަގާމުން އަނެއް މަގާމަށް ކުރިއަރަމުން ގޮސް އޭނާ ވަނީ ޑިރެކްޓާ ހެލްތް ސިސްޓަމް ޑިވެލޮޕްމެންޓްގެ މަގާމު ވެސް ފުރުއްވާފައެވެ. އޭގެ ފަހުން މީގެ 16 އަހަރު ކުރިން ގުޅިވަޑައިގަތީ އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާއެވެ. އަދިވެސް އެ މަގާމުގައި ހުންނެވި އަފްއާލް ވަނީ ދުނިޔޭގެ މަޝްހޫރު ޔުނިވާސިޓީ ތަކުން މާސްޓާސްއާ ހަމައަށް ސިއްހީ ދާއިރާ މެނޭޖު ކުރުމާ ގުޅޭގޮތުން ކިޔަވާ ވިދާޅުވެފައެވެ.