އެފްއޭއެމް ސައުތު ލީގުގެ ޓައިޓަލް ސްޕޮންސަރަކަށް އެސްޓީއޯ ހަމަޖައްސައިފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޓައިޓަލް ސްޕޮންސާގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދެވެ.

މިއަދު އެފްއޭއެމްގެ ރައީސް ބައްސާމް ކުރެއްވި ޓްވީޓެއްގައި ވަނީ އެފްއޭއެމް ސައުތު ލީގުގެ ޓައިޓަލް ސްޕޮންސަރަކަށް އެސްޓީއޯ ހަމަޖެހުމުން އުފާކުރައްވާ ކަމަށެވެ.

ބައްސާމް ވިދާޅުވީ އެސްޓިއޯއިން ދިވެހި ފުޓުބޯޅައަށް ބަހައްޓާ ގަތްކަމަށާއި ދޭ އެއްބާރުލުމަށް ޝުކުރު ދަންނަވާކަމަށެވެ.

އެފްއޭއެމުން 2023/2024 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގު ފުޅާކުރާއިރު، ރާއްޖެ ވަނީ ހަަތަރު ޒޯން ލީގަކަށް ބަހާލައިފައެވެ. ޒޯން އެކެއް ނުވަތަ ނޯތު ޒޯން ލީގުގައި ހިމެނެނީ ހއ، ހދ، ށ، ނ، ރ އެވެ. ޒޯން ދޭއް ނޫނީ ސެންޓްރަލް ޒޯން ލީގުގައި އޮތީ ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ އެވެ. ޒޯން ތިނެއް ނުވަތަ ސައުތު ޒޯން ލީގުގައި އޮތީ ތ، ލ، ގއ، ގދ، ޏ، ސ އެވެ. އަދި ޒޯން ހަތަރަކީ މިހާރު މާލޭގައި ކުރިއަށްދާ ފުރަތަމަ ޑިވިޝަން ނޫނީ މާލޭ ލީގެވެ. މި ލީގުގައި ހިމެނޭނީ މާލެ، ހުޅުމާލެ، ވިލިމާލޭގެ ޓީމުތަކެވެ.

މިހާރު އެމްޓީސީސީ ނޯތު ލީގުގެ ލީގުކޮލިފިކޭޝަން މެޗުތައް ނިމިފައިވާއިރު ނޯތު ލީގުގެ ފުރަތަަމަ ޑިވިޝަނުން ޖާގަ ހޯދާފައިވާ ޓީމުތަކަކީ އަލިފުއްޓާއި އުނގޫފާރުގެ އިތުރުން ދެން ހިމެނެނީ، ދިއްދޫ ބްލެކްޒީނޯ ސްޕޯޓްސް ކްލަބް، ކުޅުދުއްފުށީ ޒިގްޒެޒް ފޯ ޔޫތު ލިންކޭޖް، އެސޯސިއޭޝަން ފޯ ފޯކައިދޫ ޔޫތު ޑެވެލޮޕްމަންޓް، ޔުނިޓީ ސްޕޯޓްސް، ކެނދިކުޅުދޫ ފުޓްބޯލް ކްލަބް އަދި ޓީމު ހޮޅުދޫއެވެ.

މީގެ އިތުރުން ސެންޓްރަލް ލީގުގެ ކ. އަތޮޅުގެ މެޗުތައް މިހާރު ވަނީ ނިމިފައެވެ. މާލޭގައި ކުޅުނު އެ ގްރޫޕްގެ މެޗުތައް ނިމުނުއިރު، އެއް ވަނަ ހޯދީ ކ. ގުރައިދޫ އެވެ. އެ ޓީމަށް ވަނީ ފުރަތަމަ ޑިވިޝަނުގެ ޖާގަ ލިިބިފައެވެ.