04 Apr 2012, 01:06
ސައޫދީ އަރަބިއާގެ އަލް އިއްތިފާގު އަތުން 6-3 އިން ބަލިވެ، ވީބީ އައްޑޫ އެފްސީ އަށް އޭ.އެފްސީ ކަޕުގެ ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ވަރަށް ހަނިވެއްޖެ އެވެ.
މިހާތަނަށް ކުޅުނު ތިން މެޗުން އެންމެ ޕޮއިންޓެއް ލިބިފައިވުމުން ދެ ވަނަ ބުރަށް ދިއުމަށް ވީބީއަށް ބާކީ އޮތް ތިން މެޗުން މޮޅުވާންޖެހޭނެ އެވެ. އެވަރުން ވެސް ގިނަވެގެން ލިބޭނީ 10 ޕޮއިންޓެވެ. އެކަމަކު ގްރޫޕް ސީގެ އެއްވަނާގައި އޮތް އިއްތިފާގަށް މިހާރު ވެސް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ދެ ވަނާގައިވާ ކުވޭތުގެ އަލްކުވޭތު އެފްސީ އާއި ލުބުނާނުގެ އަލްއަހްދު އެފްސީ އަށް ވެސް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ.
ގަލޮޅު ދަނޑުގައި ރޭ ވީބީ ކޮޅަށް އިއްތިފާގުން ޖެހި ހަ ގޯލަކީ މި މުބާރާތުގައި މިހާތަނަށް އަމިއްލަ ދަނޑުގައި ދިވެހި ޓީމެއްގެ ކޮޅަށް ވަން އެންމެ ގިނަ ލަނޑެވެ. މެޗުގެ ފުރަތަމަ 10 މިނިޓްގައި އިއްތިފާގުން ދެ ގޯލު ޖެހިއިރު ބްރެޒިލް ފޯވަޑް ސެބަސްޓިއަން ލޫކަސް ވަނީ ހެޓްރިކެއް ހަދާފަ އެވެ. އަނެއް ތިން ގޯލު ޖެހީ ހަމަދް މުހަންނާ އަލްހަމަދާއި ޒާމިލް މުހައްމަދު އަލްސަލީމާއި އަލްތެޔާބް ސާދްޔޫސުފެވެ.
ސަސްޕެންޝަނުގެ ސަބަބުން އެއްވަނަ ކީޕަރު އަބުދުﷲ ޒިޔަޒަން އާއި ފޯވަޑް ރައިޓް ޗާލްސް ގަޔޭ އަދި ފައިރޫޒް އާދަމް ސަމީރު ނެތި ކުޅުނު ވީބީގެ ލަނޑުތައް ޖެހީ ސިއަރަލިއޯނުގެ ފޯވަޑް އަބޫ ޑެސްމަންޑް މަންސާރީ އާއި ޝަމްވީލް ގާސިމް (ބޮންޑާ) އަދި ބަދަލު ކުޅުންތެރިޔާ މުހައްމަދު ހުސޭން (އޮއިއްޓޭ) އެވެ.