18 Oct 2022, 20:17
ޔޫޓިއުބުން 4ކޭ ކޮލިޓީ ވީޑިއޯ ބެލުމަކީ ޔޫޓިއުބް ޕްރިމިއަމްއަށް ސަބްސްކްރައިބް ކޮށްފައިވާ މީހުންނަށް އެކަނި ލިބޭ ފުރުސަތަކަށް ހެދުމުގެ ވިސްނުން ގެންގުޅުނު ނަމަވެސް މިހާރު އެ މަސައްކަތް ހުއްޓާލާފައިވާ ކަމަށް ޔޫޓިއުބުން ބުނެފިއެވެ.
މި މަހުގެ ކުރީކޮޅު ޔޫޓިއުބުން ވަނީ 4ކޭ ރިޒޮލިއުޝަންގައި ވީޑިއޯތައް ބަލާލުމަށް ޕްރީމިއަމް އެކައުންޓަކަށް އަޕްގްރޭޑް ކުރުމަށް ބައެއް ޔޫޒަރުންނަށް އަންގާފައެވެ. އަދި އެފަދަ ފީޗާއެއް ތައާރަފު ކުރުމަށް ތަޖުރިބާއެއްވެސް ކުރިއަށް ގެންދިޔައެވެ. ނަމަވެސް ޔޫޒަރުންގެ ފަރާތުން ލިބުނު ޚިޔާލުތަކަށް ބެލުމަށްފަހު މިހާރު އެކަން ހުއްޓާލައިފާ ވާކަމަށް ޔޫޓިއުބުން ބުންޏެވެ.
ޔޫޓިއުބުން ކުރި ޓްވީޓެއްގައި ވަނީ އެ ތަޖުރިބާ ނިމިފައިވާކަން ކަށަވަރުކޮށްދީފައެވެ.
"ޕްރީމިއަމް މެމްބަޝިޕް ނެތި 4ކޭ ކޮލިޓީ ރިޒޮލިއުޝަން ބެލުންތެރިންނަށް މިހާރު ލިބެންޖެހޭނެ،" ޔޫޓިއުބުގެ ޓްވީޓްގައި ބުނެފައިވެއެވެ.
އެހެންކަމުން ސަބްސްކްރިޕްޝަނަކަށް ފައިސާ ނުދައްކައި ހުރިހާ ޔޫޒަރުންނަށް މިހާރު އެންމެ މަތީ ރިޒޮލިއުޝަންގައި ޔޫޓިއުބް ވީޑިއޯތައް ބަލާލެވޭނެއެވެ.
ޔޫޓިއުބުން މި ޓެސްޓް ކުރިއަށްގެންދިޔަ އިރު އެ ކުންފުނިން ދިޔައީ ޔޫޒަރުން އެކަމާމެދު ދެކޭގޮތް ވަޒަން ކުރަމުންނެވެ. ޔޫޓިއުބުން މިފީޗާ ތައާރަފު ކުރަން އުޅޭކަން މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން އިއުލާންކޮށްފައިވެއެވެ.
ނަމަވެސް އެކަން ނުކުރާ ކަމަކަށް ހަދަން ޔޫޓިއުބުން ވަނީ މަސައްކަތް ކޮށްފައެވެ. އެގޮތުން މިކަމާ ގުޅިގެން ޔޫޓިއުބުން ކުރިން ކޮށްފައިވާ ބައެއް ޓްވީޓްތައް މިހާރު ވަނީ ޑިލީޓް ކޮށްފައެވެ.
އެމެރިކާގައި ގޫގުލްއިން ޔޫޓިއުބް މިއުޒިކަށް މަހަކު 9.99 ޑޮލަރު އަދި ޔޫޓިއުބް ޕްރީމިއަމްއަށް މަހަކު 11.99 ޑޮލަރު ނަގާއިރު، މި އަގުތައް މުޅި ދުނިޔޭގައިވެސް ތަފާތުވެއެވެ. އެ ކުންފުނިން ބުނަނީ ދުނިޔޭގެ ފެންވަރުގައި އެ ދެ ޚިދުމަތަށް ސަބްސްކްރައިބް ކޮށްފައިވާ މީހުންގެ އަދަދު 50 މިލިއަނަށް ވުރެ އިތުރު ކަމަށެވެ.
ޔޫޓިއުބުގެ ޕްރީމިއަމް ސަބްސްކްރިޕްޝަންގައި އިޝްތިހާރުތަކާ ނުލައި ވީޑިއޯ ބަލާލުމާއި، އޮފްލައިންކޮށް ބޭނުން ކުރުމަށް ވީޑިއޯ ޑައުންލޯޑް ކުރުމާއި، ބެކްގްރައުންޑް ޕްލޭ ފަދަ ފީޗާސްތައް ލިބެއެވެ.
ހިލޭ ޔޫޓިއުބް ބޭނުން ކުރާ މީހުންނަކީ، ޕްރިމިއަމްއަށް ސަބްސްކްރައިބްކޮށްގެން ފައިސާ ދައްކާ މީހުންނަށް ހެދުމަށް އެ ކުންފުނިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މި އަހަރުގެ ކުރީކޮޅު އެ ކުންފުނިން ވަނީ ދިގު ވީޑިއޯއެއް ފެށުމުގެ ކުރިން 11 ސިކުންތާ ހަމައަށް ސްކިޕް ނުކުރެވޭ އިޝްތިހާރު ދައްކާ ތަޖުރިބާއެއްވެސް ކޮށްފައެވެ. އެހެންނަމަވެސް ޔޫޓިއުބުން މިހާރުވަނީ އެކަންވެސް ހުއްޓާލައި، އެ ޓެސްޓަކީ ކުރު މުއްދަތެއްގެ ޓެސްޓެއް ކަމަށާއި އެކަން ކުރިއަށް ގެންދަން ރާވާފައި ނުވާކަމަށް ބުނެފައެވެ.
މިދިޔަ ހަފުތާގައި ޔޫޓިއުބުން ވަނީ ހެންޑްލްސް ކިޔާ އާ ފީޗާއެއްވެސް ތައާރަފުކޮށްފައެވެ. މިއީ ޓްވިޓާ، އިންސްޓަގްރާމް، އަދި ފޭސްބުކް ފަދަ އެހެން ސޯޝަލް ނެޓްވޯކްތަކުން ލިބޭ ފީޗާއާ އެއްގޮތް ފީޗާއެކެވެ. އެއީ ވީޑިއޯ އުފައްދާ އަޕްލޯޑް ކުރާ ފަރާތްތަކަށް ފަސޭހައިން ބެލުންތެރިން ޗެނަލަށް ވެއްދުމަށް މަގުފަހިކުރުމަށް ބޭނުން ކުރެވޭނެ ފީޗާއެކެވެ.