18 Oct 2022, 10:44
ނިމިގެން ދިޔަ 2021/2022 ގެ ފުޓްބޯޅަ ސީޒަނުގެ ރެއާލް މެޑްރިޑް އަދި ބެލްޖިއަމްގެ ގޯލްކީޕަރު ތިބައޫ ކޯޓުއާ ހޮވިއްޖެއެވެ.
އެންމެ މޮޅު ގޯލުކީޕަރަކަށް ކޯޓުއާއާ ވާދަކުރީ ބްރެޒިލް ދެ ކީޕަރުންނެވެ. އެއީ ލިވަޕޫލުގެ އެލިސަން ބެކާ އާއި ސިޓީގެ އެޑަސަންއެވެ.
ކޯޓުއާ އަކީ މިދިޔަ އަހަރު ރެއާލްއާއެކު ޗެމްޕިއަންސް ލީގުގެ އިތުރުން ސްޕެނިޝް ލަލީގާ ކާމިޔާބުކޮށްފައިވާ ކުޅުންތެރިއެކެވެ.
ޗެމްޕިއަންސް ލީގު ފައިނަލްގައި ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުގައި ކޯޓުއާގެ ފަރާތުން ފެނިފައިވަނީ މޮޅު ކުޅުމެކެވެ. ގިނަ ސޭވްތަކެއްކޮށް އޭނާ ވަނީ ޗެމްޕިއަންސް ލީގު ރެއާލްއަށް ކާމިޔާބުކުރުމަށް އެހީތެރިވެދީފައެވެ.
އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު ހޯދުމަށްފަހު ކޯޓުއާ ބުނީ މިއީ އޭނާ ދެކެމުންއަައި ހުވަފެނެއްކަމަށެވެ. އަދި އެ ހުވަފެން ހަގީގަތަކަށް ވުމުން ވަރަށް އުފާކުރާކަމަށް އޭނާ ބުންޏެވެ.
"އަހަރެން ޝުކުރު އަދާކުރަން ބޭނުންވަނީ އަހަރެންގެ ޓީމަށް. އަހަންނަށް މި ތަށި ކާމިޔާބު ކުރެވުނީ އެ ކުޅުންތެރިންގެ ސަބަބުން،" ކޯޓުއާ ބުންޏެވެ.
THIBAUT COURTOIS IS THE 2022 YACHINE TROPHY WINNER!@realmadrid#TrophéeYachine#balondorpic.twitter.com/llvIhMm1iz
— Ballon d'Or #ballondor (@francefootball)October 17, 2022
ރޭ ވަނީ ނިމިދިޔަ ސީޒަންގެ އެންމެެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާއަށް ފްރާންސް ފުޓްބޯލް މަޖައްލާ އިން ދޭ ބެލޮންޑިއޯ އެވޯޑްގެ އިތުރުން އެންމެ ޒުވާން ކުޅުންތެރިޔާއަށް އަރުވާ ކޮޕާ ޓްރޮފީ ވެސް އަރުވާފައެވެ. ބެލޮންޑިއޯ އެވޯޑް ހޯދީ ރެއާލް މެޑްރިޑްގެ ކަރީމް ބެންޒެމާއެވެ.
މީގެއިތުރުން އަންހެން އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ބެލޮންޑިއޯ އެވޯޑް އުފުލާލީ މިދިޔަ އަހަރުވެސް އެ އެވޯޑް ހޯދި ބާސެލޯނާގެ އަންހެން ޓީމުގެ އެލެކްސިއާ ޕުޓެލަސްއެވެ.
ޒުވާން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ބާސެލޯނާގެ އުމުރުން 18 އަހަރުގެ ޕަބްލޯ ގަވީއެވެ.
މީގެއިތުރުން، އަހަރުގެ އެންމެ މޮޅު ކުލަބަކީ މިދިޔަ އަހަރު އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރި މެންޗެސްޓާ ސިޓީއެވެ.