18 Oct 2022, 10:21
ފްރާންސް ފުޓުބޯޅައިން ހޮވާ އަހަރުގެ އެންމެ މޮޅު ކުލަބަކަށް އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ސިޓީ ހޮވިއްޖެއެވެ.
ސިޓީއަށް އެ އެވޯޑް އަރުވައިފައިވަނީ ރޭ ފްރާންސްގެ ޕެރިހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
އަހަރުގެ އެންމެ މޮޅު ކްލަބަކަށް ސިޓީއާ ވާދަކޮށްފައިވަނީ ސްޕެއިންގެ ރެއާލް މެޑްރިޑްގެ އިތުރުން ލިވަޕޫލެވެ.
އެންމެ މޮޅު ކުލަބުގެ މަގާމު ހޯދި ސިޓީއަކީ މިދިޔަ ސީޒަންގެ ޕްރިމިއާ ލީގް ކާމިޔާބުކުރި ޓީމެވެ. އަދި ސިޓީ ވަނީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ.
ސިޓީ ވަނީ ނިމިދިޔަ ސީޒަންގެ ޕްރިމިއާ ލީގުގައި 99 ގޯލު ޖަހައިފައެވެ. އެ އަދަދާއެކު ސިޓީ ވަނީ ޔޫރަޕްގެ ގަދަ ފަސް ލީގުގައި އެންމެ ގިނަ ގޯލު ޖެހި ޓީމަކަށް ވެފައެވެ.
މެންޗެސްޓާ ސިޓީގެ އަންހެން ޓީމު ވަނީ މިދިޔަ އަހަރު އަންހެނުންގެ ސުޕަ ލީގުގެ ތިންވަނަ ހޯދައިފައެވެ. އަދި ލީގު ކަޕް އެ ޓީމު ކާމިޔާބުކޮށްފައިވާއިރު އަންހެނުންގެ އެފްއޭކަޕްގެ ރަނަރަޕް ޓީމަކީ ވެސް ސިޓީއެވެ.
މީގެއިތުރުން ސިޓީގެ ހަ ކުޅުންތެރިއަކު ވަނީ މިއަހަރުގެ ބެލޮންޑިއޯ އެވޮޑަށް ނޮމިނޭޓްވެފައެވެ. ސިޓީއަކީ އެއް ޓީމަކުން އެންމެ ގިނަ ކުޅުންތެރިން ނޮމިނޭޓްވި ޓީމެވެ. އެ ޓީމާ އެންމެ ގާތްކުރި ރެއާލްއިން ނޮމިނޭޓްވެފައިވަނީ ފަސް ކުޅުންތެރިންނެވެ.
ރޭ ވަނީ ނިމިދިޔަ ސީޒަންގެ އެންމެެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާއަށް ފްރާންސް ފުޓްބޯލް މަޖައްލާ އިން ދޭ ބެލޮންޑިއޯ އެވޯޑްގެ އިތުރުން އެންމެ ޒުވާން ކުޅުންތެރިޔާއަށް އަރުވާ ކޮޕާ ޓްރޮފީ ވެސް އަރުވާފައެވެ. ބެލޮންޑިއޯ އެވޯޑް ހޯދީ ރެއާލް މެޑްރިޑްގެ ކަރީމް ބެންޒެމާއެވެ.
މީގެއިތުރުން އަންހެން އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ބެލޮންޑިއޯ އެވޯޑް އުފުލާލީ މިދިޔަ އަހަރުވެސް އެ އެވޯޑް ހޯދި ބާސެލޯނާގެ އަންހެން ޓީމުގެ އެލެކްސިއާ ޕުޓެލަސްއެވެ.
ޒުވާން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ބާސެލޯނާގެ އުމުރުން 18 އަހަރުގެ ޕަބްލޯ ގަވީއެވެ.