އަންނަ އަހަރު ނެރެން މަސައްކަތް ކުރާ 'ޑަންކީ' ފިލްމުގެ ޝޫޓިންއަށް ޝާހުރުކް ޚާން ސައުދީ އަރަބިޔާއަށް ދާން ހަމަޖެހިއްޖެއެވެ.

ބޮޑު ބްރޭކަކަށްފަހު ޝާހުރުކްޚާންގެ އެނބުރި އަންނަ ފިލްމުތަކެއްގެ ގޮތުގައި ޕްރޮމޮޓްކުރަމުންގެންދާ 'ޕަޓާން' އާއި 'ޖަވާން' އަދި 'ޑަންކީ'ގެ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ. މި ފިލްމުތަކުގެ ތެރެއިން 'ޑަންކީ'ގެ ޝޫޓިންއަށް އަންނަ މަހު ސައުދީއަށް ޝާހު ދާނެއެވެ. މިދިޔަ ހަފުތާގައި ޝާހު ވަނީ 'ޖަވާން'ގެ 30 ދުވަހުގެ ޝޫޓިން ޗެންނާއިގައި ނިންމާލާފައެވެ.

މީޑިއާ ހަބަރުތައް ބުނާގޮތުން ސައުދީގައި ކުރިއަށްދާ ޝޫޓިންއަށް 10-12 ދުވަސް ހޭދަވާނެއެވެ. އަދި އެންމެ ފުރަތަމަ ޕްލޭން ކޮށްފައި ވަނީ ދުބާއީގައި ޝޫޓުކުރަން ކަމަށް ވީނަމަވެސް، ސައޫދީއަށް ޝޫޓިން ބަދަލުކުރީ ކަމަށް ހަބަރުތައް ބުނެއެވެ. މި ފިލްމުގެ މަންޒަރުތައް މުމްބާއީ އާއި ބުޑަޕެސްޓް އާއި ލަންޑަނުގައި ވެސް ވަނީ ނަގާފައެވެ.

ޑަންކީ ފިލްމަކީ ޝާހުގެ ރެޑް ޗިލީސް އެންޓަޓެއިންމަންޓުން ގެނެސްދޭ ފިލްމެކެވެ. އަންނަ އަހަރު ފަހުކޮޅު ރިލީޒްކުރަން ތާވަލުކޮށްފައިވާ މި ފިލްމުގައި ޝާހު އާއެކު ލީޑް ރޯލުން ފެންނާނީ ތާޕްސީ ޕަންނޫއެވެ. މީގެ އިތުރުން، ސަތީޝް ޝާހު އާއި ބޮމަން އިރާނީ ވެސް ކާސްޓުންގެ ގޮތުގައި ހިމެނެއެވެ. މިއީ އިމިގްރޭޝަން އާ ގުޅޭގޮތުން ގެނެސްދޭ ސޯޝަލް ސްޓޯރީއެކެވެ.

ޝާހުގެ އާ ފިލްމުތަކުގެ ފަހުގެ މަސައްކަތްތައް މިހާރު ކުރަމުންދާއިރު، 'ޕަޓާން' އަންނަ އަހަރު ޖެނުއަރީގައި ރިލީޒްކުރާނެއެވެ. އަދި، އަހަރުގެ މެދުތެރެއިން 'ޖަވާން' އަދި އަހަރުގެ ފަހުކޮޅު 'ޑަންކީ' ރިލީޒްކުރަން ދަނީ މަސައްކަތް ކުރަމުންނެވެ. އަންނަ އަހަރަކީ ޝާހުގެ އަހަރު ކަމަށް ގިނަ ބަޔަކު ބުނެއެވެ.