18 Oct 2022, 09:56
ނިމިގެން ދިޔަ 2021/2022 ގެ ފުޓްބޯޅަ ސީޒަނުގެ އެންމެ މޮޅު ޒުވާން ފުޓުބޯޅަ ކުޅުންތެރިއަކަށް ދޭ ކޮޕާ ޓްރޮފީ، ބާސެލޯނާގެ ޕަބްލޯ މާޓިން ގަވީ ހޯދައިފިއެވެ.
ގަވީ އެ މަގާމު ހޯދީ ރެއާލް މެޑްރިޑްގެ އެޑުއާޑް ކަމަވިންގާއާއި، ބަރޫޝީއާ ޑޯޓުމަންޑުގެ ޖޫޑް ބެލިންހަމްގެ އިތުރުން ބަޔާން މިއުނިކްގެ ޖަމާލް މުސިއާލާއާ ވާދަކޮށެވެ.
ބާސެލޯނާގެ ޔޫތު އެކެޑަމީ، ލަމާސިއާއިން ތަމްރީނުވެ އުމުރުން އެންމެ 17 އަހަރުގައި ގަވީ ވަނީ ގަވާއިދުން ބާސެލޯނާގެ ފުރަތަމަ 11 އިން ޖާގަ ހޯދަންފަށައިފައެވެ.
ގަވީގެ ޖާދުވީ މޮޅު ކުޅުމުގެ ސަބަބުން އޭނާއަށް ވަނީ އުމުރުން 17 އަހަރުގައި ސްޕެއިންގެ ގައުމީ ޓީމުން ވެސް ޖާގަ ހޯދައި ގައުމީ ޓީމަށް ވެސް ކުޅެންފަށައިފައެވެ. މިހާރު ގަވީ އަކީ ސްޕެއިންގެ ގައުމީ ޓީމުގައި ވެސް ގަވާއިދުން ޖާގަ ހޯދާ ކުޅުންތެރިއެކެވެ.
ގަވީ ވަނީ ސްޕެއިންގެ ތާރީޚްގައި ވެސް ވާދަވެރި މުބާރާތެއްގައި ގޯލު ޖެހި އެންމެ ހަގު ކުޅުންތެރިއާގެ ޝަރަފު ހޯދައިފައެވެ. ޔޫއެފާ ނޭޝަންސް ލީގުގައި ޔޫކްރޭންއާ ދެކޮޅަށް ސްޕެއިންް ކުޅުނު މެޗުގައި ގަވީ ވަނީ އުމުރުން 17 އަހަރާއި 304 ވަނަ ދުވަހުގައި ގޯލު ޖަހައިފައެވެ.
ޒުވާން އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ގަވީއަށް ލިބުމުން އޭނާ ބުނީ އޭނާ އަބަދުވެސް މަސައްކަތް ކުރަނީ އޭނާއަށް ކުރެވުނު އެންމެ ރަނގަޅަކަށް މަސައްކަތް ކުރަންކަމަށެވެ.
އެންމެ ފަހުން ކޮޕަ ޓްރޮފީ ހޯދި ބާސެލޯނާގެ ޕެޑްރިި ގޮންޒާލޭޒް ބުނީ އޭނާއާއެކު މިޑްފީލްޑުގައި ކުޅޭ އޭނާގެ ބައިވެރިޔާ އެ އެވޯޑް ހޯދުމަކީ އޭނާ ވަރަށް އުފާވާކަމެއްކަމަށެވެ.
"އަހަރެންގެ މިޑްފީލްޑް ޕާޓްނަރު އަހަރެން ފަހަތުން އަންނަތަން ފެނުމުން ހަގީގަތުގައި ވެސް ވަރަށް އުފާވޭ،" ޕެޑްރި ބުންޏެވެ.
ރޭ ވަނީ ނިމިދިޔަ ސީޒަންގެ އެންމެެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާއަށް ފްރާންސް ފުޓްބޯލް މަޖައްލާ އިން ދޭ ބެލޮންޑިއޯ އެވޯޑް ވެސް އަރުވާފައެވެ. އެ އެވޯޑް ހޯދީ ރެއާލް މެޑްރިޑްގެ ކަރީމް ބެންޒެމާއެވެ.
މީގެއިތުރުން އަންހެން އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ބެލޮންޑިއޯ އެވޯޑް އުފުލާލީ މިދިޔަ އަހަރުވެސް އެ އެވޯޑް ހޯދި ބާސެލޯނާ އަންހެން ޓީމުގެ އެލެކްސިއާ ޕުޓެލަސްއެވެ.