04 Apr 2012, 00:19
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އުފައްދާފައިވާ މަސްތުވާތަކެތި ކޮންޓްރޯލްކުރުމުގެ ގައުމީ ފަންޑުގެ ގަވަނިން ބޯޑު އެކުލަވާލައި އެ ފަންޑުގެ ޗެއާޕާސަން ކަމަށް ސިފައިންގެއިން ރިޓަޔާ ކުރެއްވި ވައިސް ޗީފް ފަރުހަތު ޝަހީރު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވައިފި އެވެ.
ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުފުރުއްވި ފަރުހަތު ކުއްލި ގޮތަކަށް ރިޓަޔާ ކުރެއްވީ ފެބުރުއަރީ ހަތެއްގައި ހިނގައިދިޔަ ހާދިސާތަކަށް ފަހު އެވެ.
ޑްރަގް އެޖެންސީން މިއަދު ބުނީ ޑްރަގް ފަންޑުގެ ގަވާނިން ބޯޑު ރައީސް ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު އެކުލަވައިލެއްވީ މަސްތުވާތަކެތީގެ ގާނޫނުގެ 172 ވަނަ މާއްދާގެ (ހ)ގެ ދަށުން ކަމަށެވެ. އެ މާއްދާގައި ބުނަނީ މަސްތުވާތަކެތި ކޮންޓްރޯލްކުރާ ފަންޑުން ހަރަދުކުރާނެ ކަންކަމާ ބެހޭގޮތުން ލަފާދިނުމަށް އެ ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ހަތް މެންބަރުންގެ ގަވާނިން ބޯޑެއް ރައީސް އެކުލަވާލަންވާނެ ކަމަށެވެ.
އެ އެޖެންސީން ބުނީ ރިޓަޔާޑް ފަރުހަތުގެ އިތުރުން އެ ބޯޑަށް ރައީސް އައްޔަންކުރެއްވީ ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް މުހައްމަދު އަޝްވާން އާއި ޑްރަގް އެޖެންސީގެ ޗެއާޕާސަން އަދި ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ ލުބްނާ މުހައްމަދު ޒާހިރާއި ފައިނޭންޝަލް ކޮންޓްރޯލާ މުހައްމަދު އަހުމަދާއި ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނާ ހުސައިން ވަހީދާއި އޭޖީ އޮފީހުގެ ޑެޕިއުޓީ އެޓާނީ އުސާމާ މޫސާ އަދި އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ހުސައިން ރަޝީދު ކަމަށެވެ.
މަސްތުވާތަކެތި ކޮންޓްރޯލްކުރާ ފަންޑަށް ޖަމާކުރާނީ ދައުލަތަށް ނަގާ މުދާ ނީލަމުގައި ވިއްކާލައިގެން ލިބޭ ފައިސާ އާއި މަސްތުވާ ތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތަށް އެކި ފަރާތްތަކުން ހަދިޔާ ކުރާ ފައިސާ އެވެ. އަދި އެ ފަންޑުން ކޮންމެ އަހަރަކު ހަރަދުކުރާ ގޮތުގެ ރިޕޯޓު އާންމުންކޮށް ޝާއިއު ކުރަންޖެހެ އެވެ.